
ބައިނަލްއަގުވާމީ ވިޔަފާރީގެ މުހިންމު މަގަކަށްވާ ހޮރްމުޒް ކަނޑުއޮޅި (ސްޓްރެއިޓް އޮފް ހޮރްމުޒް) ހުޅުވައިދިނުމަށް އެދި، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އިރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާންއަށް ގުޅުއްވައި އާދޭސްކުރައްވައިފިއެވެ.
މިކަމާ ގުޅޭގޮތުން ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު، މޯދީ އިރާނުގެ ރައީސްއަށް ފޯނުން ގުޅުއްވީ މި ސަރަހައްދުގެ މަސްރަހު ނުތަނަވަސްވެ، އިންޑިއާގެ އިގްތިސާދަށް އޭގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރަން ފެށުމުންނެވެ. ހޮރްމުޒް ކަނޑުއޮޅިއަކީ އިންޑިއާއަށް ބޭނުންވާ ތެލާއި ގޭސް އެތެރެކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ މަގަށްވާއިރު، އެ ސަރަހައްދު ބަންދުވުމަކީ އިންޑިއާއަށް ކުރިމަތިވާނެ އެންމެ ބޮޑު ގޮންޖެހުމެވެ.
ޚަބަރުތައް ބުނާގޮތުން، މޯދީ މިގޮތަށް އިރާނުގެ ރައީސްއަށް ގުޅުއްވީ މި ނޫން އިތުރު އެއްވެސް ގޮތެއް ނެތިގެންނެވެ. މެދުއިރުމަތީގެ މަސްރަހު ގޯސްވަމުންދާ ދަނޑިވަޅެއްގައި، ހޮރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލް އޮންނަ އިރާނުގެ އެހީތެރިކަމަށް މޯދީ މިވަނީ ނުހަނު ބޮޑަށް ބޭނުންވެފައެވެ. މި ކޯލްގައި މޯދީ ވަނީ އިންޑިއާގެ ވިޔަފާރި އުޅަނދުތަކަށް އެ ސަރަހައްދުން ރައްކާތެރިކަމާއެކު ދަތުރުކުރެވޭނެ މަގު ފަހިކޮށްދިނުމަށް ތަކުރާރުކޮށް އެދިވަޑައިގެންފައި ކަމަށް ރިޕޯޓްތަކުން ބުނެއެވެ.
އިންޑިއާއަކީ އިޒްރޭލާ ގާތް ގުޅުމެއް ބާއްވާ ގައުމަކަށް ވީނަމަވެސް، އަމިއްލަ ގައުމުގެ އިގްތިސާދީ މަސްލަހަތު ހިމާޔަތްކުރުމަށްޓަކައި މޯދީއަށް މިވަނީ އިރާނުގެ ކުރިމަތީގައި ދޫދިނުމަށް މަޖުބޫރުވެފައެވެ. މި މުހިންމު ކަނޑުގެ މަގު ބަންދުވެއްޖެނަމަ އިންޑިއާގެ އެތެރޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް އުފުލި، މުޅި ގައުމުގެ އިގްތިސާދު ހުއްޓުމަކަށް އަތުވެދާނެކަމުގެ ބިރު ވަނީ ހީވެފައެވެ.
އިރާނުން މިކަމާ މެދު ނިންމާނެ ގޮތެއް އަދި ރަސްމީކޮށް ހާމަކޮށްފައި ނުވާއިރު، މޯދީގެ މި އާދޭސްތަކަކީ އިންޑިއާގެ މިހާރުގެ ހާލަތު ހުރި ނާޒުކު މިންވަރު ހާމަކޮށްދޭ ކަމެއްގެ ގޮތުގައި މަސްރަހު ދިރާސާކުރާ ފަރާތްތަކުން ސިފަކުރެއެވެ.










