
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރުން މުސްލިމުންނަށް އަމާޒުކޮށް ހަރުކަށި ފިޔަވަޅުތަކެއް އަނެއްކާވެސް އަޅަން ފަށައިފިއެވެ. މިއަހަރުގެ ފިތުރު އީދު ނަމާދު މަގުމަތީގައި ކޮށްފިނަމަ އެ ބަޔަކުގެ ޕާސްޕޯޓް ބާތިލްކުރާނެ ކަމުގެ އިންޒާރު އިންޑިއާގެ ފުލުހުން ދީފިއެވެ.
އިންޑިއާގެ ފުލުހުން ނެރުނު ބަޔާންތަކުގައި ބުނެފައިވަނީ، މިސްކިތްތައް ފުރިގެން ދިޔަ ނަމަވެސް މަގުމަތީގައި ސަފު ހަދައިގެން ނަމާދު ކުރުމުގެ ފުރުސަތު އެއްވެސް މީހަކަށް ނުދެވޭނެ ކަމަށެވެ. އަދި މި އަމުރާ ޚިލާފުވާ މީހުން ދެނެގަނެ، އެމީހުންގެ ޕާސްޕޯޓް ބާތިލްކުރުމުގެ އިތުރުން ސަރުކާރުގެ އެކި ޚިދުމަތްތަކުން މަހްރޫމް ކުރާނެ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
މި ނިންމުމާ ގުޅިގެން އިންޑިއާގެ މުސްލިމް ޖަމާއަތްތަކުންނާއި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ދަނީ ބޮޑުވަޒީރު މޯދީގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. ގިނަ ބަޔަކު ފާހަގަކުރާ ގޮތުގައި މިއީ ހަމައެކަނި މުސްލިމުންނަށް އަމާޒުކޮށްގެން ހިންގާ ތަފާތުކުރުމެކެވެ.
ހިންދޫންގެ ދީނީ އެކި ހަރަކާތްތަކާއި ކުޅިވަރުތައް ބޭއްވުމަށް މަގުތައް ބަންދުކޮށް، މިސްކިތްތަކުގެ ކައިރީގައި އަޑުގަދަކޮށް ލަވަޖަހައި ހަރަކާތްތައް ހިންގުމުގެ ފުރުސަތު ސަރުކާރުން ދެއެވެ. ނަމަވެސް، އަހަރަކު ދެ ފަހަރު ކުރާ އީދު ނަމާދަށް މުސްލިމުން މަގުމައްޗަށް ނުކުތުން މަނާކުރުމަކީ މޯދީ ސަރުކާރުން ގެންގުޅޭ މުސްލިމުންނާ ދެކޮޅު ސިޔާސަތުގެ ބައެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.
މި ފިޔަވަޅުގެ ސަބަބުން އިންޑިއާގެ މުސްލިމުންގެ މެދުގައި ބޮޑު ބިރުވެރިކަމެއް އުފެދިފައިވާއިރު، މިއީ ދީނީ މިނިވަންކަމަށް އަރައިގަތުން ކަމަށް ބުނެ ދުނިޔޭގެ އެކި ކޮޅުތަކުން ދަނީ މިކަން ކުށްވެރިކުރަމުންނެވެ.
އިންޑިއާއަކީ މުސްލިމުންނާއި ދެކޮޅަށް މިފަދަ އެތަކެއް އަމަލުތަކެއް ހިންގަމުން އަންނަ ސަރުކާރެއް އޮތް ގައުމަކަށްވާއިރު، މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައިގައި އިންޑިއާއިން އަންނަނީ އިރާން އާއި ދެކޮޅަށް އިޒްރޭލާއި އެމެރިކާއަށް ވާގިވެރިވަމުންނެވެ.










