
ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ހިންގަމުން އަންނަ ފަރާތްތައް ހޯދުމަށް ޓަކައި ފުލުހުން "އަލިމަގު"ގެ ނަމުގައި ފެށި އޮޕަރޭޝަން ގއ. އަތޮޅަށް ފުޅާކޮށް ހައްޔަރުކުރި، ޖުޑިޝަލް ސާވިސް ކޮމިޝަންގެ ނައިބު ރައީސް، ޔަޒްމީދު މުހައްމަދުއާ ގާތް ގުޅުމެއް އޮންނަ ނެޓުވޯކުގެ މީހުން ދޫކޮށްލަން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން އަމުރުކޮށްފިއެވެ.
މިއަހަރުގެ ޖެނުއަރީ މަހުގެ 11 ވަނަ ދުވަހު ވިލިނގިލީގައި ކުރިއަށް ގެންދިޔަ އެ އޮޕަރޭޝަންގެ ތެރެއިން ހައްޔަރުކޮށްފައިވަނީ ގއ.ވިލިނގިލި، ޝެވޯނާ، ޝައްފާހު ލަތީފު (28އ)، ގއ.ވިލިނގިލި، މިޔުޒިކީއާގެ، އަހުމަދު މަދީހު (33އ)، ގއ.ވިލިނގިލި، އައިޒަން، އަހުމަދު އަނާމް އިބްރާހިމް (30އ) އަދި ގއ.ވިލިނގިލި، އަރާއިރުގެ، ނޫރުއްނިޒާމް (35އ) އެވެ. ކޯޓުންވަނީ އެ އެންމެން ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފައެވެ.
އެ މައްސަލައިގެ ތަހުގީގު ނިންމައި، އެ މީހުންގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި މި މަހުގެ 9 ވަނަ ދުވަހު ފުލުހުން ވަނީ ޕީޖީ އޮފީހަށް ފޮނުވައިފަ އެވެ. އެއީ މަސްތުވާތަކެތި ޓްރެފިކް ކުރުމާއި ކުށްކުރާ ޖަމާއަތެއްގައި ބައިވެރިވުމުގެ ކުށް އަދި މަނީލޯންޑަރިންގެ ކުށެވެ. ނަމަވެސް ދައުވާ ކުރެވޭނެ މުއްދަތު ހަމަވިފަހުން ޕީޖީއިން ބުނެފައިވަނީ މައްސަލައިގައި ލިބިފައިވާ ހެކިތައް ދިރާސާކުރިއިރު ޖިނާއީ ބޮޑު ކުށެއްގެ ދައުވާ ކުރެވޭ މިންވަރަށް ހެކި ގަރީނާ ލިބިފައި ނުވާ ކަމަށެވެ. އެއާއެކު ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުން ދޫކޮށްލަން ފުލުހުންނަށް އެންގިކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ނެޓްވޯކުގެ ބޮޑަކީ ވެސް ޔަޒުމީދުގެ ކެމްޕެއިނަށް ހުރިހާ ޚަރަދެއް ކުރި އަހުމަދު މަދީހުއެވެ. ޔަޒްމީދުއާ އާއިލީ ގުޅުން އޮންނަ އޭނާގެ ދެބެއިންގެ ދެދަރި ކޮއްކޮއިންތަކެއްވެސް މި ނެޓުވޯކުގެ ތެރޭގައި ހިމެނޭ ކަމަށްވެއެވެ.
އެގޮތުން މިސަރުކާރުގައި ވިލިނގިލީ ޑްރަގު އެޖެންސީ ހަވާލުކޮށްފައި ހުރި އަމާން އިބްރާހިމުއާ މި ސަރުކާރުގެ އިކޮނިމިކު މިނިސްޓްރީގެ ޕޮލިޓިކަލް ޑިރެކްޓަރެއްގެ ގޮތުގައި ކުރިން ހުރި އަނާމް އިބްރާހިމު ވެސް މީގެ ތެރޭގައި ހިމެނޭ ކަމަށްވެއެވެ.
ޖެނުއަރީ މަހުގެ 12 ވަނަ ދުވަހު ނެރުނު ނޫސްބަޔާނެއްގައި ފުލުހުން ބުނެފައިވަނީ ވިލިނގިއްޔަށް ނިސްބަތްވާ އެ ޑްރަގް ނެޓްވޯކުގެ އިސް މީހުންގެ އެކައުންޓުގައި 300 މިލިއަން ރުފިޔާ ދައުރުވި ކަމަށެވެ. އެ ހަތަރު މީހުންނަކީ މަސްތުވާތަކެތީގެ ވިޔަފާރިކުރުމާއި، މަނީ ލޯންޑަރިންގެ ނެޓްވޯކު ހިންގާ އިސް ހަތަރު މީހުންކަމަށް ތުހުމަތުވާ މީހުން ކަމަށެވެ. އެ ނެޓްވޯކުން 2015 ވަނަ އަހަރުން ފެށިގެން މަސްތުވާތަކެތި ޓްރެފިކް ކުރަމުން ގެންދާކަން ފުލުހުންގެ ތަހުގީގަށް ހޯދިފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.










