
ގައުމުގެ ހާލަތު ސާފުކޮށް ރައްޔިތުންނަށް ކިޔައިދޭން ރައީސް ޑރ މުހައްމަދު މުއިއްޒަށް ކެރިވަޑައިނުގެން އުޅުއްވާ ސަބަބާ މެދު ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ސުވާލު އުފައްދަވައިފިއެވެ.
މަލީހު މިފަދަ ގޮތަކަށް ސުވާލު އުފައްދަވާފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
މަލީހު ވަނީ ދުނިޔޭގައި ބޮޑު ހަނގުރާމައެއް ފެށިގެން ކުރިއަށްދާއިރު ގައުމު އޮތް ހާލަތު ރައްޔިތުންނަށް އެއްވެސް ކަމެއް ވަންހަނާ ނުކޮށް ސާފުކޮށް ކިޔައިދިނުމަކީ ރައީސް މުއިއްޒުގެ ޒިންމާއެއް ކަމަށް ވިދާޅުވެފައެވެ.
ނަމަވެސް އެކަން އެގޮތަށް ކުރުމުގެ ބަދަލުގައި ރައީސް މުއިއްޒުގެ ސަރުކާރުން ގެންދަނީ ދިވެހި ރައްޔިތުންނަށް އޮޅުވާލަމުން ކަމަށް ތުހުމަތު ކުރައްވާ މަލީހު ވިދާޅުވެފައިވަނީ، ގައުމުގެ ހާލަތު ސާފުކޮށް ރައީސް މުއިއްޒަށް ރައްޔިތުންނަށް ކިޔައި ނުދެވިގެން އުޅެނީ ކީއްވެކަމަށެވެ.
މަލީހު މިފަދައިން ވިދާޅުވެފައިވާއިރު، ހަނގުރާމައާ ގުޅިގެން ރާއްޖެއަށް ހުރި ދަތިތަކާ ގުޅޭ ގޮތުން ނޫސްވެރިން ރައީސް މުއިއްޒާ ސުވާލުކުރުމުން އެމަނިކުފާނު ވިދާޅުވެފައިވަނީ ތެލާ ކާބޯތަކެތީގެ އެއްވެސް ކަންބޮޑުވުމެއް އެމަނިކުފާނުގެ ސަރުކާރުގައި ނެތް ކަމަށެވެ.
ނަމަވެސް އޭގެ ދެ ދުވަސް ފަހުން ތެޔޮ އަގު ބޮޑުކޮށްފައިވެއެވެ. އެހެންކަމުން ސަރުކާރުން ރައްޔިތުންނަށް އޮޅުވާލާކަން ހާމަވެފައިވާ ކަމަށް ގިނަ ބަޔަކު ބުނެފައިވެސް ވެއެވެ.
މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން އިގްތިސޯދީ ގޮތުން އިންތިހާއަށް ދަތިތަކާ ކުރިމަތިލާން މުޅި ދުނިޔެއަށް ޖެހޭނެ ކަމަށް މުހައްލިލުން ހާމަކުރެއެވެ.










