
މުސްލިމުންގެ ފުރަތަމަ ގިބްލަ، މުގައްދަސް މަސްޖިދުލް އަގްސާގެ ބަރަކާތްތެރި ބިމުގައި، އުފާވެރި ފިތުރު އީދު ނަމާދު ކުރުމުގެ ފުރުސަތުން ފަލަސްތީނުގެ މުސްލިމުން މަހްރޫމްކޮށް، އިޒްރޭލުގެ އިސްތިއުމާރީ ސިފައިން މިއަދު އަނިޔާވެރިކަމުގެ އިންތިހާއަށް ގޮސްފިއެވެ. މިއީ 1967 ވަނަ އަހަރުގެ ފަހުން، އަގްސާ ހަރަމްފުޅުގައި އީދު ނަމާދު ކުރުން ހުއްޓުވައި، އެ މިސްކިތް މުސްލިމުންނަށް ބަންދުކުރި ފުރަތަމަ ފަހަރެވެ.
މިއަދު ހެނދުނު އީދު ނަމާދަށް ޖަމާވި ފަލަސްތީނުގެ އާންމު ރައްޔިތުންނަށް އަމާޒުކޮށް، އިޒްރޭލުގެ ރަހުމުކުޑަ ސިފައިން ވަނީ ކަރުނަގޭސް ޖަހައި، ހަމަލާދީފައެވެ. ސަލާމަތީ ސަބަބުތަކަށްޓަކައި ކަމަށް ބުނެ، މިދިޔަ މަހުގެ 28 އިން ފެށިގެން އަގްސާ މިސްކިތް ބަންދުކޮށްފައި ވަނީ، އިޒްރޭލާއި އެމެރިކާ ގުޅިގެން އީރާނަށް ހަމަލާދޭން ފެށުމާ ގުޅިގެންނެވެ. މީގެ ސަބަބުން މުޅި ރަމަޟާން މަހު ވެސް ފަލަސްތީނުގެ މުސްލިމުންނަށް އެ މުގައްދަސް ބިމުގައި އަޅުކަން ކުރުމުގެ ހައްގު ވަނީ ނިގުޅައިގަނެވިފައެވެ.
މި އަނިޔާވެރި އަމަލަކީ ހަމައެކަނި ސަލާމަތީ ފިޔަވަޅެއް ނޫންކަމާއި، މިއީ އިޒްރޭލުން އަގްސާގެ މައްޗަށް ވެރިވެގަނެ، މުސްލިމުންނަށް ދަތިކޮށް ޖެއްސުން ކުރުމަށް ދުރާލައި ރާވައިގެން ހިންގާ ނުބައި ރޭވުމެއްގެ ބައެއްކަން ސާފުވެއެވެ. އިސްލާމީ އުންމަތުގެ ހިތާ ގުޅިފައިވާ މި ބިމުގައި، ނަމާދުކުރުމުގެ ހައްގު ވެސް މިއަދު މިވަނީ ސަހްޔޫނީންގެ އަނިޔާވެރިކަމުގެ ސަބަބުން ގެއްލިފައެވެ.
އަގްސާ ހަރަމްފުޅުގެ ޚަތީބު އަދި ގުދުސްގެ ކުރީގެ އިސް މުފްތީ، ޝައިޚް އިކްރިމާ ޞަބްރީ ވަނީ، އިޒްރޭލުގެ މި ނިންމުމާ ދެކޮޅަށް ފަތުވާއެއް ނެރުއްވައިފައެވެ. އެމަނިކުފާނު ވަނީ މިސްކިތާ އެންމެ ކައިރިވެވޭ ހިސާބަކަށް ގޮސް އީދު ނަމާދު ގާއިމުކުރުމަށް މުސްލިމުންނަށް ގޮވާލައްވައިފައެވެ. އެއާއެކު، އެތައް ހާސް ބަޔަކު ވަނީ މިސްކިތުގެ ބޭރުގައި، މަގުތަކުގެ މަތީގައި ތިބެގެން ކަރުނައާއެކު އީދު ނަމާދުކޮށްފައެވެ.
ކުވައިތު ނިއުސް އެޖެންސީން އާންމުކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި، ހަތިޔާރު އެޅި އިޒްރޭލު ފުލުހުން ދިޔައީ ނަމާދު ކުރަން ތިބި މީހުންނަށް ހުރަސްއަޅައި، ބިރުދައްކަމުންނެވެ. މިއީ މުޅި އިސްލާމީ އުންމަތުގެ ހިތަށް ލިބުނު ވަރަށް ބޮޑު ދެރައަކާއި ހިތާމައެކެވެ. އިޒްރޭލުގެ މި އިސްތިއުމާރީ އަދި ލާއިންސާނީ އަމަލުތައް މިއަދު މިވަނީ އީދުގެ އުފާވެރިކަން ވެސް ކަރުނައަށް ބަދަލުކޮށްލާފައެވެ.










