
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި ރިފަރެންޑަމް ވޯޓަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ނުފޫޒުން ޤައުމު ސަލާމަތްކުރުމަށް ލިބޭ ފުރުޞަތެއް ކަމަށް ވިދާޅުވެ، ޕީއެންއެފްގެ ސެކްރަޓަރީ ޖެނެރަލް މުހައްމަދު މަލީހް ޖަމާލް ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
އަންނަ އެޕްރީލް މަހު ބޭއްވުމަށް ތައްޔާރުވަމުންދާ މި ވޯޓާއި ދެކޮޅަށް މަލީހް ކުރެއްވި ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ، މި އިންތިޚާބުތަކުގެ މައިގަނޑު ޝިއާރަކަށް ނުވަތަ ޓެގްލައިނަކަށް ވާންޖެހޭނީ "މުއިއްޒު ނޫން ގޮތެއް" ކަމަށެވެ. މަލީހް ފާހަގަކުރެއްވި ގޮތުގައި މިހާރު ރާއްޖެ އޮތް ޙާލަތަށް ބަލާއިރު، ރައީސް މުއިއްޒު ބަލިކުރުމަކީ އިޖްތިމާޢީ އަދި އިޤްތިސޯދީ ގޮތުން ކުރަންޖެހިފައިވާ ޤައުމީ ވާޖިބެކެވެ.
މަލީހް އިތުރަށް ވިދާޅުވީ، މިހާރުގެ ސަރުކާރުން ކަންކަން ކުރަމުންދާ ގޮތުން މުއިއްޒު ޤައުމުގެ ދުވަސް ދުއްވާލާފައިވާ ކަމަށެވެ. އަދި އަންނަ އެޕްރީލް މަހު ބާއްވާ މި ވޯޓުގައި ހުރިހާ ރައްޔިތުންވެސް "ނޯ" ޖަހަންޖެހޭ ކަމަށާއި، މިއީ ހުރިހާ ބާރުތަކެއް ރައީސް މުއިއްޒުގެ މުށުތެރެއަށް ލައި، ރައްޔިތުން ނިކަމެތި ކުރުމަށްޓަކައި ހިންގާ އަމަލެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
ދެ އިންތިޚާބު އެއްކޮށްލުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމަކީ ޚަރަދު ކުޑަކުރުމުގެ ނަމުގައި ރައްޔިތުންގެ ބާރުވެރިކަން ކުޑަކުރުމަށް ކުރާ ކަމެއް ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރެއެވެ. މަލީހްގެ މި ފާޑުކިޔުންތައް އަމާޒުވެފައި މިވަނީ، ޤައުމުގެ ސިޔާސީ މަޝްރަޙު ވަރަށް ބޮޑަށް ހޫނުވެފައިވާ ދަނޑިވަޅެއްގައެވެ.










