ހިދުމަތް ކުރައްވާތާ 21 އަހަރަށް ފަހު އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ނައިބު ރައީސް އިސްމާއިލް ހަބީބް އެ ކޮމިޝަނުން ވަކިވެވަޑައިގެންފިއެވެ.
އީސީން އޭނާ ވަކިވެވަޑައިގަތީ ކޮމިޝަންގެ މެމްބަރު ކަމުގައި ދެ ދައުރު ހަމަވުމުންނެވެ.
ދައުރު ހަމަވުމާ ގުޅިގެން ހަބީބް ވަނީ "އެކްސް"ގައި ޕޯސްޓެއް ކުރައްވާފައެވެ.
ހަބީބް ވިދާޅުވީ ރައްޔިތުންނަށް ހިދުމަތް ކުރަން ލިބުނު މި ތަޖުރިބާތަކަކީ ދެމިހުންނާނެ ތަޖުރިބާތަކެއް ކަމަށެވެ.
މި މުއްދަތުގައި ކޮމިޝަންގެ މެންބަރުންނާއި މުވައްޒަފުންނާއި، މުއައްސަސާތަކުންނާއި ނޫސްވެރިންގެ އިތުރުން ސިޔާސީ ޕާޓީތަކުން އޭނާއަށް ދެއްވި އެއްބާރުލުމަށް ހަބީބު ވަނީ އެފަރާތްތަކަށް ޝުކުރު އަދާކުރައްވައިފަ އެވެ.
ގާނޫނުގައިވާ ގޮތުން މެންބަރު ކަމުގައި ފުރިހަމަ ކުރެވޭނީ ދެ ދައުރެވެ.
އެގޮތުން ފަސް އަހަރުގެ ދެ ދައުރު އޭނާ ވަނީ ފުރިހަމަ ކުރައްވައިފަ އެވެ.
އިލެކްޝަންސް ކޮމިޝަން މެންބަރުކަމަށް ހަބީބް އެންމެ ފުރަތަމަ އައްޔަން ކުރީ 2013 ވަނަ އަހަރުގެ މާޗް މަހުގެ 13 ވަނަ ދުވަހުގައެވެ.
އެއީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ޒައާމަތުގައެވެ.
ފުރަތަމަ ދައުރު ހަމަވެ ދެ ވަނަ ދައުރަށް އައްޔަން ކުރީ ނިމިދިޔަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި 2019 ގަ އެވެ.
އިލެކްޝަންސް ކޮމިޝަން މެންބަރު ކަމަށް އައްޔަން ކުރުމުގެ ކުރިން ހަބީބް ވަނީ އިންތިހާބުތަކާ ބެހޭ އޮފީހުގެ މުވައްޒަފެއްގެ ހައިސިއްޔަތުން ވެސް ގިނަ ހިދުމަތްތަކެއް ކުރައްވާފައިކަން ފާހަގަކޮށްލެވެއެވެ.