
އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބާއި، ރިޔާސީ އަދި މަޖިލިސް އިންތިޚާބު އެއްކޮށްލުމާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ "ނުބައި ނުލަފާ" ރޭވުންތައް ނާކާމިޔާބުކޮށްލަން ލިބޭ ފުރުސަތެއް ކަމަށް ވިދާޅުވެ، ޕީއެންއެފްގެ ސެކްރެޓަރީ ޖެނެރަލް މުޙައްމަދު މަލީޙް ޖަމާލް ސަރުކާރަށް ބަހުގެ ހަމަލާއެއް އަމާޒުކުރައްވައިފިއެވެ.
މަލީޙް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އޭޕްރީލް 4 ގައީ ރައްޔިތުން ނިކުމެ ބޯކޮށް ވޯޓު އަޅައި ވޯޓު ފޮށިތައް ފުރާލަންޖެހޭ ދުވަހެއް ކަމަށެވެ. އަދި މިއީ އެއްވެސް ހާލެއްގައި ސަމާސާ ވޯޓެއް ނޫން ކަމަށާއި، ކޮންމެ ރައްޔިތަކުވެސް ވޯޓުލާން ދިއުމަކީ ގައުމީ މަސްލަހަތަށްޓަކައި ކޮންމެހެން މުހިންމު ކަމެއް ކަމުގައި އޭނާ ފާހަގަކުރެއްވިއެވެ.
ސަރުކާރުގެ ނިޔަތާ މެދު ސުވާލު އުފައްދަވަމުން މަލީޙް ތުހުމަތު ކުރެއްވި ގޮތުގައި، ރައީސް މުއިއްޒު ބޭނުންފުޅުވަނީ ވީހާވެސް މަދު ބަޔަކު ވޯޓުލާން ނިކުތުމަށެވެ. މިގޮތުން ރާއްޖޭން ބޭރުގެ ގައުމުތަކުގައި ވޯޓު ފޮށި ނުބެހެއްޓުމަށް ނިންމި ނިންމުމަކީވެސް، ވޯޓުލާ މީހުންގެ އަދަދު މަދުކޮށް އިންތިޚާބުގެ ނަތީޖާއަށް ނުފޫޒު ފޯރުވުމަށް ސަރުކާރުން ހިންގާ އުކުޅެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އޭޕްރީލް 4 ގައީ ކައުންސިލް އިންތިޚާބުގެ އިތުރުން، ދައުލަތުގެ ޚަރަދު ކުޑަކުރުމުގެ ނަމުގައި ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއް ދުވަހަކު ބޭއްވުމަށް ގާނޫނުއަސާސީއަށް ގެންނަން ހުށަހަޅާފައިވާ އިސްލާހާ މެދު ރައްޔިތުން ގޮތް ނިންމާނެއެވެ. އިދިކޮޅު ފަރާތްތަކުން ބުނަމުންދަނީ މިއީ ސަރުކާރުން ބާރުތައް މުށުތެރެއަށްލާން ކުރާ މަސައްކަތެއް ކަމަށެވެ.










