އިލެކްޝަން ކޮމިޝަންގެ މެންބަރުކަމުގައި ދެ ދައުރު ހަމަކޮށްފިނަމަ މުޅި އުމުރު ދުވަހު އިނާޔަތް ލިބޭ ގޮތަށް އެ ކޮމިޝަންގެ ގަވައިދަށް އިސްލާހު ގެނެސްފިއެވެ.
އީސީގެ ގަވައިދަށް ގެނައި އިސްލާހުގައި ބުނެފައިވަނީ މުވައްޒަފެއްގެ އުމުރުން 55 އަހަރުވުމުން ވަޒީފާއިން ރިޓަޔާކޮށް އިނާޔަތް ހޯދުމަށް އެދިއްޖެނަމަ އެ މުވައްޒަފަކު ރިޓަޔާކޮށް އިނާޔަތް ދޭންވާނެ ކަމަށެވެ.
އެގޮތުން ރިޓަޔާކުރުމުން ދަރަޖަ ދެވޭނީ ވަޒީފާއިން ވަކިކުރެވޭއިރު އެމުވައްޒަފު މަދުވެގެން 15 އަހަރު ކޮމިޝަނަށް ހިދުމަތްކޮށްފައިވާ ނަމައެވެ.
އެ އިސްލާހުގައި ބުނެފައިވަނީ ކޮމިޝަންގެ މުވައްޒަފަކު ކޮމިޝަންގެ މެމްބަރުކަމަށް އައްޔަންކޮށް ދައުރު ހަމަވާއިރު 10 އަހަރުވެފައިވާ ނަމަވެސް ރިޓަޔަރަމަންޓް އިޔާނަތް ދޭން ވާނެކަމަށެވެ.
މެމްބަރެއްގެ ދައުރު ހަމަވެގެން ވަޒީފާއިން ރިޓަޔަރ ކުރާއިރު މުސާރައިގެ 75 އިންސައްތަ އުމުރު ދުވަހަށް ލިބެންޖެހޭނެ ކަމަށް ވެސް އިސްލާހުގައިވެއެވެ.
އަދި ރިޓަޔާކުރާ ކޮންމެ މީހަކަށް މަހުން މަހަށް އެމީހެއްގެ މުޅި އުމުރަށް ދެވޭ އިނާޔަތެއްގެ ގޮތުގައި އެމީހަކު އެންމެ ފަހުން ހުރި ރޭންކަށް ކަނޑައަޅާފައިވާ މުސާރައިގެ 75 އިންސައްތަ ރިޓަޔާމަންޓް ޕޭގެ ގޮތުގައި ދޭންވާނެ ކަމަށަ ވެސް އިސްލާހުގައި ވަނީ ބުނެފައެވެ.
އީސީގެ ގަވައިދަށް ގެނައި މި އިސްލާހަށް މިހާރު އެ ކޮމިޝަނުން ވަނީ އަމަލުކުރަން ފަށާފައެވެ.