March 24, 2026
Advertisement
ރެފަރަންޑަމް ވޯޓާ ގުޅޭ މައްސަލަ ކޯޓުން ބަލައިގެންފި
ރެފަރަންޑަމް ވޯޓާ ގުޅޭ މައްސަލަ ކޯޓުން ބަލައިގެންފި / ސޯޝަލް މީޑިއާ

ރެފަރަންޑަމް ވޯޓާ ގުޅޭ މައްސަލަ ކޯޓުން ބަލައިގެންފި

Mariyam Isaadha
މަރިޔަމް އިސާދާ
Mar 23, 2026, 01:28 PM
މާލެ ސިޓީ

ގާނޫނުއަސާސީއަށް ގެނައި އިސްލާހުތަކާ ގުޅޭ ރެފަރެންޑަމް ނުވަތަ އާންމު ފެންނަ ނުފެންނަ ވޯޓުގައި އަހާ ސުވާލާ ގުޅޭ ގޮތުން ހުށަހެޅި މައްސަލަ ސުޕްރީމު ކޯޓުން ބަލައިގެންފިއެވެ.

Advertisement

ސުވާލު ގާނޫނުއަސާސީއާ ހިލާފު ކަމަށް ކަނޑައަޅައިދިނުމަށް އެދި ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުއްވީ އެމްޑީޕީގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނޭ އަހުމަދު އައިކް އީސާ އާއި އިބްރާހީމް ޝިޔާމްއެވެ.

ކައުންސިލް އިންތިހާބާ އަންހެނުންގެ ތަރައްގީއަށް  މަސައްކަތްކުރާ ކޮމިޓީތައް އިންތިހާބުކުރުމަށް ނަގާ ވޯޓާ އެއްދުވަޖެއްގައި ސަރުކާރުންވަނީ ރިޔާސީ އިންތިހާބާ މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ފެނޭތޯ ނޫންތޯ ސުވާލެއް އަހާ ވޯޓެއް ނަގަން ނިންމާފައެވެ.

އެ ރެފެރެންޑަމްގައި އަހާ ސުވާލަކީ، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބޭއްވުމަށާއި ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށްޓަކައި މަޖިލީހުން ފާސްކޮށްފައިވާ ގާނޫނުއަސާސީއަށް އަށްވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރެއްވުމަށް ފެނޭތޯއެވެ. 

އެހެންކަމުން އެ ސުވާލަކީ ގާނޫނުއަސާސީއާ ޚިލާފު ކަމަށް ކަނޑައަޅާ ދިނުމަށް އެދި ހުށަހެޅި މައްސަލަ ބަލައިގެންފައިވާ ކަމަށް ސުޕްރީމް ކޯޓުގެ ރެޖިސްޓްރާ ރައުފާ ހައިދަރު ސޮއިކުރައްވައި އެ ދެ ބޭފުޅުންނަށް ފޮނުއްވި ލިޔުމުގައި ވެއެވެ.

އެ ލިޔުމުގައި ބުނެފައިވަނީ، މި މައްސަލަ ހުށަހަޅާފައިވަނީ ކޯޓުގެ ގަވާއިދުތަކާ އެއްގޮތަށް ކަމަށްވާތީ، މައްސަލަ ކުރިއަށް ގެންދިއުމަށް ހުއްދަ ދީފައިވާ ކަމަށެވެ.

މައްސަލާގައި ފާހަގަކޮށްފައިވާ ގޮތުގައި، ރެފެރެންޑަމްގެ ވޯޓަށް އަހަން ޖެހޭނީ ގާނޫނުއަސާސީއަށް އެ އިސްލާހެއް ގެނައުމަށް ރައްޔިތުން ރުހޭތޯ އާއި، އެ އިސްލާހުގެ ސަބަބުން މިހާރު ހިނގަމުންދާ މަޖިލީހުގެ ދައުރު ކުރުވެގެންދާތީ އެކަމަށް ރައްޔިތުންގެ ރުހުން އޮތްތޯ ބެލުމަށް ނަމަވެސް، ރައީސް މުއިއްޒު ނެރުއްވާފައިވާ ގަރާރާއި އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ އިއުލާނުގައިވާ ސުވާލުގައި އެ ބައި ހިމަނާފައި ނުވާކަމާ ގާނޫނުއަސާސީގެ 262 ވަނަ މާއްދާގައި ކަނޑައަޅާފައިވާ އިމުގެ ބޭރުން ވެސް ބައެއް ކަންކަން މި އިސްލާހުގެ ބިލުގައި ހިމަނާފައިވުން ވެސް ފާހަގަކޮށްފައިވެއެވެ.

މި ނޫނަސް މި ވޯޓާ ގުޅިގެން ސުޕްރީމު ކޯޓަށް ދެ މައްސަލައެއް ހުށަހަޅާފައިވެއެވެ. އެގޮތުން ގާނޫނުއަސާސީއަށް ގެނައި އިސްލާހުތަކާ ގުޅޭ ރެފަރެންޑަމް ނުވަތަ އާންމު ފެންނަ ނުފެންނަ ވޯޓުގެ ބިލް ތަސްދީގު ކުރުމަށް ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ މުއްދަތު ފާއިތުވެފައިވާތީ، އެ ބިލަކީ ބާތިލު ބިލެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި ހުށަހަޅާފައިވެސް ވެއެވެ. 

ރައީސް އޮފީހަށް ރައްދުވާ ގޮތަށް ގާނޫނީ ވަކީލު އަލީ ހުސައިން ވަނީ ރެފަރަންޑްރަމްއާ ގުޅޭ ވަނީ ގާނޫނުއަސާސީގެ 262 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިޖުރާއަތްތަކާ ހިލާފުވެފައިވާ ކަމަށް ބުނެ މައްސަލައެއް ހުށަހަޅާފައެވެ.

އެގޮތުން ގާނޫނުއަސާސީގެ އެ މާއްދާގައިވާ ގޮތުން، ގާނޫނުއަސާސީއަށް ގެންނަ އިސްލާހެއް މަޖިލީހުން ފާސްކޮށް، ތަސްދީގު ކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވުމުން އެ ބިލެއް ތަސްދީގު ކުރުމަށް ލިބެނީ 15 ދުވަހުގެ މުއްދަތެކެވެ.

އަލީ ހުސައިން ފާހަގަކުރެއްވި ގޮތުގައި، ގާނޫނުއަސާސީއަށް ގެނައި މި އިސްލާހު ތަސްދީގު ކުރުމަށްޓަކައި ރައީސް އޮފީހަށް ފޮނުވާފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހުއެވެ. ބަންދު ދުވަސްތައް ނުހިމަނައި ގުނި ނަމަވެސް، ގާނޫނުއަސާސީގައި ބުނާ 15 ދުވަހުގެ މުއްދަތު މިހާރު ވަނީ ފާއިތުވެފައެވެ.

އެހެންކަމުން ގާނޫނީ ގޮތުން ފުރިހަމަކުރަންޖެހޭ މުއްދަތުތައް ފާއިތުވެފައިވާތީ އެ ބިލަކީ ބާތިލު އެއްޗެއްގެ ގޮތުގައި ކަނޑައަޅައިދިނުމަށް އެ މައްސަލައިގައި ވަނީ އެދިފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved