March 25, 2026
Advertisement
Trump
Trump / އަލްޖަޒީރާ

ޓްރަމްޕްގެ "ޞުލްޙައިގެ" ދޮގުތައް: އީރާނުގެ ކުރިމަތީގައި އެމެރިކާ އިސްޖަހަން ޖެހިއްޖެ؟

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Mar 24, 2026, 05:43 PM
މާލެ ސިޓީ

ދުނިޔޭގެ ސިޔާސީ މަސްރަޙުގައި އަބަދުވެސް އަމިއްލަ އެދުމާއި މަކަރުވެރިކަން ކުރިއަށް ނެރުއްވާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ހުއްޓާލުމަށް މަޝްވަރާ ކުރަމުންދާ ކަމަށް ދައްކަވައިގެން ދުނިޔޭގެ ލޯތަކަށް އޮޅުވާލުމަށެވެ. ނަމަވެސް، އީރާނުން މިކަން ސީދާ ގޮތެއްގައި ދޮގުކުރުމާއެކު، ސުވާލު އުފެދެނީ ތެދު ބުނަނީ ކާކުތޯ އާއި މަކަރު ހަދަނީ ކާކުތޯއެވެ؟

Advertisement

ތާރީޚަށް ބަލާއިރު ޓްރަމްޕަކީ އަބަދުވެސް ގައުމުތަކުގެ ދާޚިލީ ކަންކަމުގެ ތެރެއަށް އަތްބާނައި، ދުނިޔޭގެ "ދާދާ" އަށް ހެދިގެން އުޅުއްވާ ބޭފުޅެކެވެ. އޭނާގެ ސިޔާސަތަކީ ފުރަތަމަ ގައުމުތަކުގެ މެދުގައި ފިތުނަ އުފައްދައި ހަނގުރާމަތައް ފަށުވައި، އޭގެ ފަހުން އަމިއްލައަށް "ޞުލްޙަވެރިޔާ" ގެ ދައުރު ކުޅެން ނުކުތުމެވެ. މިއީ ހަގީގަތުގައި ދުނިޔޭގެ ބާރުތައް އޭނާގެ މުށުތެރެއަށް ލުމަށް ހިންގާ ސިޔާސީ ޑްރާމާއެކެވެ.

އެމެރިކާ އާއި އިސްރާއީލް ގުޅިގެން އީރާނާ ދެކޮޅަށް ފެށި މި ހަނގުރާމައިގައި އެމެރިކާއިން ހީކުރި ވަރަށް ވުރެ އީރާނުގެ ދިފާއީ ބާރު މިއަދު ވަނީ ވަރުގަދަވެފައެވެ. އިސްރާއީލުގެ އަނިޔާވެރިކަމަށް ރައްދު ދިނުމުގައި އީރާނުން ދައްކަމުންދާ ސާބިތުކަމާއި، މިނިވަންކަމާއެކު ދެމުންދާ ވަރުގަދަ ހަމަލާތަކުގެ ސަބަބުން، މިއަދު އެމެރިކާ އާއި އިސްރާއީލް ވަނީ ހަދާނެ ގޮތް ހުސްވެފައެވެ.

ޓްރަމްޕް މަޝްވަރާގެ ވާހަކަ ދައްކަވަން މި ފެއްޓެވީ، އީރާނުގެ އަސްކަރީ ގާބިލުކަން ފެނި ބިރުގަތުމުން ކަމަށް ސިޔާސީ މުހައްލިލުން ދެކެއެވެ. މިއީ ހަގީގީ ޞުލްޙައަކަށް ކުރާ މަސައްކަތެއް ނޫނެވެ. އޭގެ ބަދަލުގައި، މިއީ އީރާނުގެ ހަމަލާތަކުން ސަލާމަތްވުމަށްޓަކައި ޓްރަމްޕް ޖައްސަވާ ސިޔާސީ "ބްލަފް" އެކެވެ. އީރާނުން މި ވާހަކަތައް ދޮގުކުރުމުން އެނގިގެންދަނީ، އެމެރިކާގެ މަކަރުވެރި ރޭވުންތަކަށް އީރާނުން މިހާރު ހެއްލޭން ބޭނުންނުވާ ކަމެވެ.

ފާޅުގައި އިސްރާއީލަށް ވާގިވެރިވަމުން، އަނެއްކޮޅުން މަޝްވަރާގެ ވާހަކަ ދެއްކުމަކީ ޓްރަމްޕްގެ ދެފުށްގެންގުޅޭ ސިޔާސަތުގެ ހެކިބަހެކެވެ. ދުނިޔޭގެ ކުރިމަތީގައި ތެދު ބުނަނީ އަމިއްލަ ވަޒަން ދިފާއުކުރާ އީރާނުންކަމާއި، ދޮގު ހަދައި އޮޅުވާލަނީ އަމިއްލަ ބާރު ދައްކަން އުޅޭ ޓްރަމްޕްކަން މިއަދު މިވަނީ ހާމަވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved