
މި ސަރުކާރުން ތިންވަނަ ޕޮލިސް ކޮމިޝަނަރު އައްޔަންކުރުމަށް ހުޅުވައިލި ފުރުސަތުގައި މަގާމަށް ބޭފުޅަކު ކުރިމަތިލާފައި ނުވަނީ ނަޒާހަތްތެރިކަމެއް ނެތް ބައެއްގެ އަމުރަށް ކިޔަމަންތެރިވާން ޖެހޭތީ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އުމަރު މި ފަދައިން ވިދާޅުވީ އޭނާގެ ވައިބަރ ކޮމިއުނިޓީ ގްރޫޕުގައި ހިއްސާކުރެއްވި މެސެޖެއްގައެވެ.
އެގޮތުން މި ސަރުކާރުގެ ތިންވަނަ ސީޕީގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލި ފުުރުސަތުގެ މުއްދަތު އަންގާރަ ދުވަހުގެ ނިޔަލަށް ހަމަވެގެން ދިޔައިރު ކުރިމަތިލާނެ މީހަކު ނުވުމަކީ، ފުލުހުންގެ އިސް ސަފުން ސިޔާސީ ވެރިންނަށް ދިން ވަރުގަދަ މެސެޖެކެވެ.
މީގެ އިތުރުން މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުން ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވެ، ވައްކަން ކުރާ މީހުން ވެރިކަމުގެ ބާރުގެ ތެރެއަށް ވަދެފައިވާއިރު، ފުލުހުންނަށް އޮތީ އެފަދަ ފަރާތްތަކަށް "ސެލިއުޓް" ކުރަން ޖެހުމަކީ ވެސް ފުލުހުންގެ ކޮމިޝަނަރުގެ މަގާމަށް މީހަކު ކުރިމަތި ނުލި ސަބަބެއްގެ ގޮތުގައިވެސް އުމަރު ސިފަކުރައްވާފައެވެ.
ހަމައެހެންމެ ފުލުހުންގެ އެންމެ މަތީ މަގާމާ ހަވާލުވާނެ ބޭފުޅަކު ނުވުމަކީ ގައުމުގެ މިހާރުގެ ހާލަތާއި ސިޔާސީ ނިޒާމަށް އޮތް އިތުބާރު ގެއްލިފައިވާކަމުގެ ހެއްކެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި އިސްމާއިލް ނަވީން މިދިޔަ މަހުގެ 18 ވަނަ ދުވަހު ފުލުހުންގެ ޚިދުމަތުން ރިޓަޔާ ކުރެއްވުމާ ގުޅިގެންނެވެ.
އައު ސީޕީއަކު ހޯދުމަށް ފުލުހުން ކުރި އިއުލާނަށް އެއްވެސް އިޖާބައެއް ނުލިބުމުން، މިހާރު ވަނީ އެ މަގާމަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފައެވެ.










