
ޑްރަގު ވިޔަފާރި ފުޅާދާއިރާއެއްގައިކުރާކަމުގެ ކުށުގައި މަނީ ލޯންޑަރިންގެ ދައުވާ ކޮށްފައިވާ ފުވައްމުލަކަށް ނިސްބަތްވާ ބޮޑުންތަކެއް ވޯޓާ ދިމާކޮށް ދޫކޮށްލައިފިއެވެ.
ޗެނަލް13އާ މައުލޫމާތު ހިއްސާކުރި މީހަކު ބުނެފައިވާ ގޮތުގައި ޏ. ފުވައްމުލަކުގައި ފުޅާ ދާއިރާއަކަށް މަސްތުވާތަކެތީގެ ވިޔަފާރި ކުރި ނެޓްވޯކެއްގެ އެންމެ އިސްކޮށް ހަރަކާތްތެރިވި ކަމުގެ ކުށުގައި ހައްޔަރުކޮށް މިހާރު އެމީހުންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާވެސް އުފުލާފައިވާ، ފުވައްމުލައް، ދޫޑިގަން، ކަރަންކާވިލާ، އަހުމަދު ނިއުޝާދު 34، އާއި ފުވައްމުލައް ދޫޑިގަން، ޒަމާނީގެ، ހަސަން އާޒިމް 29، ވަނީ ބަންދު ދޫކޮށްލާފައެވެ.
މި ދެމީހުން ބަންދުން ދޫކޮށްލީ، ކައުންސިލް އިންތިހާބާ އަދި ރެފެރަންޑަމް ވޯޓުގައިވެސް ސަރުކާރާ އެއްކޮޅަށް ވޯޓު ދޭނީ އެ ދެމީހުން ދޫކޮށްލުމުން ކަމަށް ފުވައްލައް ސިޓީއަށް ނިސްބަތްވާ މަސްތުގެ އަވާގައި ޖެހިފައި ތިބި ޒުވާނުންތަކެއްގެ ޑިމާންޑަށެވެ.
އެ ޒުވާނުން މިފަދަ ޑިމާންޑެް ކުރީ، އިންތިހާބަށް ކެމްޕެއިނަށް، އެ ސިޓީއަށް ދިޔަ މީހުންގެ ތެރެއިން، ޖަޕާނަށް ރާއްޖެއިން ކަނޑައަޅާފައި ހުރި ސަފީރު، އަހމަދު މަހްލޫފުގެ އަނބިކަނބަލުން ނަޒޫ ނަސީމާ ބައްދަލުކޮށްކަމަށް ވެސް މައުލުމާތު ލިބިފައިވެއެވެ.
އެ ޒުވާނުންނަކީ ނަޒޫގެ މަޖިލިސް އިންތިހާބުގެ ކެމްޕެއިންގައި ވެސް އުޅުނު ޒުވާނުންތަކެއް ކަމަށްވެސް މައުލޫމާތު ހިއްސާކުރި ފަރާތުން ހާމަކޮށްފައިވެއެވެ. ެ ބައްދަލުވުމުގައި ނަޒޫ ވަނި ޑްރަގުގެ އެ ދެބޮޑުން ދޫކޮށްލާނެ ކަމުގެ ޔަގީންކަން ދީފައި ކަމަށްވެސް ވެއެވެ.
ރާއްޖޭގެ ކުރިގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދު މިފަދަ ކަމެއް ހިންގަން ސަރުކާރުން އުޅޭކަމުގެ ވާހަކައެއް މީގެ ކުރިންތިލަކޮށްފައިވަނިކޮށް މިހާރު އެކަން ވަނީ ހަގީގަތަކަށް ވެފައެވެ.
ކައުންސިލް އިންތިހާބު ބާއްވަން އަށް ދުވަހަށް ވެފައިވާއިރު، ޕީޖީ އޮފީހުގެ އެންގުމަށް އެ މީހުން ބަންދުން ދޫކޮށްލުމަށްފަހު އެކަން ވަނީ ސިއްރުކޮށްފައެވެ. މިކަމާ ގުޅިގެން ފުލުހުންގެ ބަހެއްވެސް އަދި ޕީޖީގެ ބަހެއްވެސް ޚަބަރު ޝާއިއުކުރުމާ ހަމައަށް ލިބިފައިނުވެއެވެ.
ފުލުހުން ބުނީ މި އޮޕަރޭޝަނުގައި މިހާތަނަށް ކުރި މަސައްކަތުން ފުވައްމުލަކުގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް މަނީ ލޯންޑާ ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ކަމަށް ތުހުމަތުވާ ފަރާތްތަކާއި އެ މީހުންނަށް އެހީވާ ފަރާތްތައް ދެނެގަނެވިފައިވާ ކަމަށެވެ. އެގޮތުން، ނެޓްވޯކް ހަދައިގެން މަސްތުވާތަކެތީގެ ވިޔަފާރިކޮށް މަނީލޯންޑާ ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ކަމަށް ތުހުމަތުކުރެވޭ ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުުހުން ބުނެއެވެ.
ފުލުހުން ބުނީ އެ މައްސަލާ ގުޅިގެން ހައްޔަރުކުރި ދެމީހުންގެ ތެރެއިން، ފާއިތުވި ދެ އަހަރު ތެރޭގައި އާޒިމްގެ ބޭންކް އެކައުންޓް މެދުވެރިކޮށް 7 މިލިޔަނަށް ވުރެ ގިނަ ރުފިޔާގެ މުއާމަލާތް ކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ އެ އޮޕަރޭޝަނުގައި މިހާތަނަށް 4،408 ތަން ބަލައި ފާސްކޮށް، 1،147 މީހުން ހުއްޓުވައި ސުވާލުކޮށް ފާސްކޮށްފައިވާ ކަމަށެވެ. މި އޮޕަރޭޝަނުގައި ޖުމްލަ 58 މީހުން ހައްޔަރުކޮށް އެ މީހުންނަށް ތުހުމަތު ކުރެވޭ 75 މައްސަލައެއް ތަހުގީގުކޮށްފައިވާއިރު، އޭގެ ތެރެއިން 65 މައްސަލައެއްގައި ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.
މި މައްސަލައާ ގުޅިގެން 21 މީހަކާއި ދެ ކުންފުންޏެއްގެ އެކައުންޓުތައް ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓައި އެ ފަރާތްތަކަށް ތުހުމަތު ކުރެވޭ މަނީ ލޯންޑަރިންގެ މައްސަލަ ބަލަމުންދާ ކަމަށް ވެސް ފުލުހުން ބުނެއެވެ.










