March 28, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ވޯޓާއި ދިމާކޮށް ސޭޓު ކުންފުންޏަށް މާފަރު އެއާޕޯޓަށް ޖެޓް ފިއުލް ސަޕްލައި ކުރުން

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Mar 27, 2026, 11:54 PM
މާލެ ސިޓީ

ދެ އިންތިޚާބު އެއްކޮށްލުމާ ގުޅޭގޮތުން ނަގާ ފެންނަ ނުފެންނަ ވޯޓު ނުވަތަ ރެފްރަންޑަމްއަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ތާއީދުކުރެއްވީ، އޭނާގެ އަމިއްލަ ކުންފުނި "ވިލާ" އަށް ބޮޑެތި މަންފާތަކެއް ލިބޭގޮތަށް ސަރުކާރުން ކަންކަން ހަމަޖައްސައިދިނުމުން ކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެއެވެ.

Advertisement

މި މައްސަލައިގެ ތެރެއިން އެންމެ ބޮޑަށް ފާހަގަކުރެވެނީ ނޫނު އަތޮޅު މާފަރު އިންޓަނޭޝަނަލް އެއާޕޯޓަށް ޖެޓް ފިއުލް  ސަޕްލައި ކުރުމުގެ ފުރުސަތު ވިލާ ކުންފުންޏަށް ދިނުމެވެ. މީގެ ކުރިން އެހެން ފަރާތްތަކަކުން ކުރަމުން އައި މި މަސައްކަތް ވިލާ އާއި ހަވާލުކުރުމާއެކު، މިހާރު އެ ކުންފުނީގެ ތެޔޮ ބޯޓު މާފަރު އެއާޕޯޓުގައި ބަނދަރުކޮށްގެން އޮތްކަން ވަނީ ކަށަވަރުވެފައެވެ.

ސިޔާސީ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި، ގާސިމް އިބްރާހީމް ރައީސް ޑރ. މުހައްމަދު މުއިއްޒަށް އިންތިހާއަށް ސަނާ ކިޔައި، ސަރުކާރުގެ ސިޔާސަތުތަކަށް ތާއީދު ކުރަން ފެށީ މިފަދަ ބޮޑެތި ވިޔަފާރި މަންފާތައް ކަށަވަރުވުމުންނެވެ. މިއީ ގައުމީ މަސްލަހަތަށްވުރެ ބޮޑަށް އަމިއްލަ ޖީބު ބޮޑުކުރުމަށް ހިންގާ "ޑީލް" ތަކެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެއެވެ.

ރާއްޖޭގެ މުހިންމު ނިންމުންތަކުގައި ރައްޔިތުންގެ ބަހެއް ހޯދުމުގެ ނަމުގައި ރެފްރަންޑަމްއެއް ބާއްވަން އުޅޭއިރު، ސަރުކާރުގެ އިސްވެރިންނާއި ސިޔާސީ ލީޑަރުން ކަންކަން ކުރައްވަމުން ގެންދަވަނީ ހުސް އަމިއްލަ އެދުމުން ފުރިގެންވާ ގޮތަކަށް ކަމަށް އާންމުން ދަނީ ބުނަމުންނެވެ. ސަރުކާރުގެ ތެރޭގައި ތިއްބެވި ބޭފުޅުންނާއި، އެބޭފުޅުންނާ ގުޅިފައިވާ ވިޔަފާރިވެރިންގެ މަސްލަހަތު އިސްކޮށް، ދައުލަތުގެ ވަސީލަތްތައް ބޭނުންކުރަމުންދާ ދިއުމަކީ ނުހަނު ކަންބޮޑުވާންޖެހޭ ކަމެކެވެ.

މާފަރު އެއާޕޯޓުގެ ތެޔޮ ސަޕްލައި ކުރުން ފަދަ ބޮޑެތި މަޝްރޫއުތައް ވަކި ބަޔަކަށް މަންފާވާ ގޮތަށް ދޫކޮށްލުމަކީ، ގައުމުގެ އިގްތިސާދަށް ލިބޭ ގެއްލުމެއްގެ އިތުރުން، ސިޔާސީ ނުފޫޒު ބޭނުންކޮށްގެން ވިޔަފާރި ކުރުމުގެ ނުބައި ސަގާފަތެއް އާލާވުމެވެ. ރައްޔިތުންގެ މުދަލާއި ގައުމީ މަސްލަހަތަށްވުރެ، ސޭޓުންނާއި ސިޔާސީ ވެރިންގެ އަމިއްލަ ފައިދާ އިސްކުރުމަކީ މި ސަރުކާރުގެ އަސްލު ސޫރަ ފެނިގެންދާ ކަމެއް ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ނުރުހުން ފާޅުކުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved