March 28, 2026
Advertisement
ރައީސް ގާސިމާ ސަލާން ކުރައްވަނީ
ރައީސް ގާސިމާ ސަލާން ކުރައްވަނީ / ރައީސް އޮފިސް

ސަރުކާރުގެ ޑޮލަރު ސިޔާސަތު ދިފާއު ގާސިމް

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Jun 19, 2025, 06:29 PM
މާލެ ސިޓީ

ރިސޯޓްތަކަށް ޑޮލަރުން ލިބޭ އާމްދަނީގެ ވަކި ޕަސަންޓެއް ބޭންކްތަކަށް މާރުކުރަން މަޖުރޫބުކޮށްފައިވާތީ އެކަމާ ގުޅިގެން ރިސޯޓްތައް ހިންގަން ދަތިވާ ކަމަށް ބުނެ ބައެއް ރިސޯޓްތަކުން މުވައްޒަފުންނަށް ދޭ ސާވިސް ޗާޖު، މިއަންނަ މަހުން ފެށިގެން ދިވެހި ފައިސާ އިން ދޭން ނިންމުމަކީ ހައްްގު ނިންމުމެއް ނޫން ކަމަށް ރާއްޖޭގައި ގިނަ ރިސޯޓްތަކެއް ހިންގަމުންދާ ވިލާ ކުންފުނީގެ ޗެއާމަން އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.

Advertisement

ރިސޯޓުތަކަށް ލިބޭ ޑޮލަރުގެ ވަކި ޕަސެންޓެއް ރާއްޖޭގެ ބޭންކްތަކަށް މާރުކުރަން ލާޒިމްކޮށް, ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ދަށުން މިދިޔަ ޖެނުއަރީ މަހުން ފެށިގެން އެ ނިންމުމަށް ދަނީ އަމަލުކުރަމުންނެވެ. އެކަމަކު އެ ސިޔާސަތުގެ ސަބަބުން ރިސޯޓުތައް ހިންގަން ދަތިވާ ކަމަށް ބުނެ މުވައްޒަފުންނަށް ދޭ ސާވިސް ޗާޖު، މިއަންނަ މަހުން ފެށިގެން ދިވެހި ފައިސާ އިން ދޭން ޖެހިދާނެ ކަމަށް ބައެއް ރިސޯޓްތަކުން ބުނަމުންދާ ކަމަށް އެފަދަ ރިސޯޓްތަކުގައި މަސައްކަތް ކުރާ ބައެއް މުވައްޒަފުން ދަނީ ބުނަމުންނެވެ.

ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ދަށުން މިދިޔަ ޖެނުއަރީ މަހުން ފެށިގެން ޑޮލަރު މާރުކުރުމުގައި "ކެޓެގަރީ އޭ" ގައި ހިމެނޭ ރިސޯޓުތަކަށް ލިބޭ އިހްތިޔާރަކީ ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރުން ނުވަތަ ކޮންމެ މަހެއް ޖުމްލަ އާމްދަނީގެ 20 ޕަސެންޓަށްވާ ޑޮލަރު މާރު ކުރުމެވެ.

ސަރުކާރުގެ ސިޔާސަތު ދިފާއުކުރައްވައި ވިލާ ގްރޫޕްގެ ޗެއާމަން އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ ރާއްޖޭގެ ބޭންކުތަކަށް ޑޮލަރު މާރުކުރުން މަޖުބޫރުކުރުވުމާ ގުޅިގެން ޑޮލަރުގެ ތާށިކަމެއް އޮތް ކަމަށް ބުނެ ރުފިޔާއިން ސާވިސް ޗާޖު ދޭން ނިންމުން އެއީ ހައްގު ނިންމުމެއް ނޫން ކަމަށެވެ.

އޭނާ ވިދާޅުވީ، ގާނޫނީ މައްސަލަ އެހެން އޮތުމުން، ޑޮލަރުން ލިބޭ ސާވިސް ޗާޖު މުވައްޒަފެއްގެ ނުރުހުމުގައި ރުފިޔާއިން ލިބިގަތުމަށް ދެކޮޅު ހެދުމަށް ފަހު އެ މައްސަލަ ގާނޫނުގައި ވާ ގޮތުގެ މަތީން ޝަރީއަތަށް ހުށަހެޅުމުން ނަތީޖާ ސާފުވާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

ޓޫރިސްޓުންގެ އަތުން ސާވިސްޗާޖު ނަގަނީ ޑޮލަރުން. އެހެން ކަމަށްޗާ ނަމަ އެ ހައްޤު ހަމަ އެގޮތަށް މުއައްޒަފު މީހާ އަށް ލިބިދޭން ޖެހޭނީ ޑޮލަރުން.

ގާސިމް

އޭނާ ވަނީ ބައެއް ކުންފުނިތަކުން، މުސާރަ ވެސް ފައިސާއިން ދޭން ނިންމަން އުޅޭތީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

ގާސިމް ވިދާޅުވި ގޮތުގައި ޑޮލަރުން މުސާރަ ދޭން މުވައްޒަފުންނާ އެގްރީމެންޓުކޮށްފައިވާ ނަމަ، އެ މުއްދަތުގެ ތެރޭގައި މުސާރަ ދޭން ޖެހޭނީ ޑޮލަރުންނެވެ. އެހެން ފައިސާއަކުން ދެވޭނީ، އެކަމަށް މުވައްޒަފު އިއުތިރާޒް ނުކުރާ ނަމަ ކަމަށް ވިދާޅުވި އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved