ކަސްޓަމްސް / ސޯޝަލް މީޑިއާ
ހަބަރު
ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި ވެއަރ ހައުސްއަކުން 60 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ސިނގިރޭޓު ގެއްލިއްޖެ!
Mariyam Isaadha
މަރިޔަމް އިސާދާ
29 ޑިސެމްބަރު 2024
މާލެ ސިޓީ

މޯލްޑިވްސް ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި ވެއަރ ހައުސްއަކުން 60 މިލިއަން ރުފިޔާގެ ސިނގިރޭޓު ގެއްލިއްޖެކަން ހާމަވެއްޖެއެވެ.

ހޯމް މިނިސްޓަރު އަލީ އިހުސާން މިކަން ހާމަކޮށް ވިދާޅުވެފައިވަނީ، ޒަމާނުއްސުރެ ބޮންޑެޑް ވެއަރހައުސް މާލޭގެ އެކި ގެތަކުގައި އަދި އެޕާޓްމަންޓުތަކުގައި ހިންގަމުން އަންނަ ކަމަށާއި، އެފަދަ ތަންތަނުގައި ދެތަޅު ހަރުކޮށް ތަޅުދަނޑި ބަލަހައްޓަނީ ކަސްޓަމްސްއިން ކަމަށެވެ. މުދާ ގެއްލުނު ބޮންޑެޑް ވެއަރހައުސްއަކީވެސް ގެއެއްގައި ހަދާފައި ހުރި ތަނެއްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވީ އެ ވެއަރ ހައުސްއަކީ ކަސްޓަމަސްގެ ބެލުމުގެ ދަށުގައި ހުރި ތަނެއްނަމަވެސް އެތަނުގެ ވެރިފަރާތުން ވެއަރ ހައުސް ހިންގިތަން ދޫކޮށް އެތަނުގައި އެހެން މަސައްކަތެއް ކޮށްފައިވާ ކަމަށެވެ. އެ މައުލޫމާތު ލިބުމުން އެކަން ޔަގީންކޮށް ތަނުގެ ވެރިފަރާތަށް އެތަނުގައި ހުރިކަމަށް ރެކޯޑުތަކުން ދައްކާ މުދަލަށް ޑިއުޓީ ދެއްކުމަށް އަންގާފައިވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.


ސިނގިރެޓްތައް ގެއްލުނުކަމަށް ބުނާ މި މައްސަލަ ދިވެހި ފުލުހުންނާއި ކަސްޓަމްސްއިން ބަލަމުންދާކަމަށްވެސް މިނިސްޓަރު އިޙްސާން ވިދާޅުވެފައިވެއެވެ.

575 ވަރަކަށް ސިނގިރޭޓް ކޭސް ވަނީ ވީނުވީއެއް ނޭނގި ގެއްލިފައިއެވެ. އެ އަދަދުން ބަލާނަމަ އެއީ 34،500 ކާޓޫނެވެ. ވަކިވަކިން ބަލާނަމަ އެއީ ހަތް މިލިއަނެއްހާ ސިނގިރޭޓެވެ. މީގެތެރޭގައި ރާއްޖޭގައި އާންމުކޮށް ބޭނުންކުރާ ތިން ބްރޭންޑެއްގެ ސިނގިރޭޓު ހިމެނެއެވެ.

މާލޭގައި ހުންނަ ބޮންޑެޑް ވެއާހައުސްއެއްގައި ރައްކާކޮށްފައި ހުއްޓައި ގެއްލުނު މި ސިނގިރޭޓް ކޭސްތަކުގެ އިމްޕޯޓު ޑިއުޓީ ހިމެނޭގޮތަށް ދައުލަތަށް ދައްކަންޖެހޭ އެކި ފީތަކުގެ އަދަދު ޖުމްލަ 60 މިލިއަން ރުފިޔާއަށް އަރަ އެވެ.

އެތަކެތި ގެއްލިފައި ވަނީ ސިނގިރޭޓްގެ އިމްޕޯޓް ޑިއުޓީ ބޮޑުކުރި ފަހުންނެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved