
ރާއްޖޭގެ ސިޔާސީ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށާއި، ޚާއްޞަކޮށް ސުޕަ މެޖޯރިޓީގެ ނިޒާމު ނެތިކޮށްލުމަށްޓަކައި ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅަށް، ޕީއެންއެފްގެ ސެކްރެޓަރީ ޖެނެރަލް މުޙައްމަދު މަލީޙް ޖަމާލް ވަރަށް ހޫނު ރައްދެއް ދެއްވައިފިއެވެ. މަލީޙް ކުރެއްވި އެކްސް ޕޯސްޓެއްގައި ރައީސް މުޢިއްޒަށް މުޚާތަބު ކުރައްވައި ވިދާޅުވީ، މޮޔަ ވާހަކަ ނުދެއްކެވުމަށާއި، މިފަދަ ކަންކަން ހިނގާ ގޮތް ރައީސަށް އެނގިވަޑައިނުގަންނަވާނެ ކަމަށެވެ. އަދި ރައީސްގެ އެ ފެންވަރު މިހާރު ނެތް ކަމަށް ވިދާޅުވެ، ރައްޔިތުންގެ މެދުގައި ނަގާ ފެންނަ ނުފެންނަ ވޯޓަކުން ރައީސް ބޮޑުތަނުން ބަލިކުރައްވާނެ ކަމުގެ އިންޒާރުވެސް މަލީޙް ވަނީ ދެއްވާފައެވެ.
މަލީޙްގެ މި ހަމަލާއަކީ، ރާއްޖޭގައި އޮތް ސުޕަ މެޖޯރިޓީގެ ނިޒާމު ނެތިކޮށްލުމަށްޓަކައި ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބާއްވާ ގޮތަށް ނިޒާމު ބަދަލުކުރަންޖެހޭ ކަމަށް ރައީސް މުޢިއްޒު ވިދާޅުވުމާ ގުޅިގެން ދެއްވި ރައްދެކެވެ. މަލީޙް ވިދާޅުވި ގޮތުގައި، ރައީސްގެ މި ވިސްނުންފުޅަކީ ކަންކަން ހިނގާ އުސޫލުތަކާ ބީރައްޓެހި އަދި އަމަލީ ގޮތުން ކުރެވޭނެ ކަމެއް ނޫނެވެ. މީގެ އިތުރުން، ސަރުކާރުގެ ސިޔާސަތުތަކަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަކުރުމަށްޓަކައި ފެންނަ ނުފެންނަ ވޯޓެއްގެ މުހިންމުކަން މަލީޙްގެ ވާހަކައިގައި ވަނީ ފާހަގަކުރައްވާފައެވެ. މި މައްސަލައިގައި ސިޔާސީ އެކި ފަރާތްތަކުގެ މެދުގައި ބަހުގެ ހަމަލާތައް ބަދަލުކުރެވެމުންދާއިރު، މަލީޙްގެ މި ޕޯސްޓާއެކު އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުން ވަނީ އިތުރަށް ވަރުގަދަވެފައެވެ.




