
ރަށްރަށުގައި ފަށާފައިވާ މަޝްރޫއުތައް ކުރިއަށް ނުގޮސް ހުއްޓިފައިވާތީ، ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ޕީއެންއެފްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު މަލީހް ޖަމާލް ރައީސް މުއިއްޒު އިސްތިއުފާ ދެއްވުމަށް ގޮވާލައްވައިފިއެވެ.
މަލީހް ވިދާޅުވީ ރައްޔިތުން ގުނބޯ ހެއްދުމަށްޓަކައި މަޝްރޫއުތަކުގެ "ކަޑަޖެހި" ނަމަވެސް، އެ މަސައްކަތްތައް ހުރީ ހުއްޓި ފާލުން ނެއްޓިފައި ކަމަށެވެ. އަދި މިހާރުގެ ރައްޔިތުންނަކީ މިއަށްވުރެ މާ ހޭލުންތެރި ބައެއްކަން ފާހަގަކުރައްވައި، ސަރުކާރުން ދައްކާ "ޖާދޫގައި" ރައްޔިތުން ދެން ނުޖެހޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މަލީހް އިތުރަށް ވިދާޅުވީ، ކަންކަން މިމަގަށް ހިނގަމުންދާތީ ކުރިއަށް އޮތް އިންތިޚާބުތަކުގައި ރައްޔިތުން ވޯޓު ދޭނީ ބަދަލުހިފުމުގެ ރޫހެއްގައި ކަމަށެވެ. ސަރުކާރުން ފަށާފައިވާ މަޝްރޫއުތައް "ގާވެފައި" ހުރިކަމަށް ސިފަކުރައްވައި، މަލީހް ވަނީ މިވަގުތުން މިވަގުތަށް ރައީސުލްޖުމްހޫރިއްޔާ މަގާމުން އިސްތިއުފާ ދެއްވުމަށް ގޮވާލާފައެވެ.










