April 3, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ޕީއެންސީގެ "ބޮޑު ހިނގާލުމަށް" ސަރުކާރު މުވައްޒަފުންނަށް މަޖުބޫރުކޮށް ވަޒީފާގެ ބިރުދައްކަނީ

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Apr 3, 2026, 03:00 PM
މާލެ ސިޓީ

ކުރިއަށް އޮތް އިންތިޚާބުތަކުގެ ކެމްޕެއިން ހަރަކާތްތައް ނިންމާލުމުގެ ގޮތުން ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީން މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ "ރައްޔިތުންގެ ބޮޑު ހިނގާލުން" ހަރަކާތަށް ސަރުކާރުގެ މުވައްޒަފުންނަށް މަޖުބޫރުކޮށް، ވަޒީފާގެ ބިރުދައްކަމުންދާ ކަމުގެ ބޮޑެތި ތުހުމަތުތަކެއް ފެންމަތިވެއްޖެއެވެ.

Advertisement

މި ހިނގާލުމަކީ މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބުގެ ކެމްޕެއިން ނިންމާލުމަށް ޕީއެންސީން ރާވާފައިވާ އެންމެ ބޮޑު ހަރަކާތެވެ. ނަމަވެސް، މި ހަރަކާތުގައި މީހުން ގިނަކަން ދެއްކުމަށްޓަކައި، ސަރުކާރުގެ އެކި ވުޒާރާތަކާއި ކުންފުނިތަކުގެ މުވައްޒަފުންނަށް ވަޒީފާގެ ބިރުދައްކައި، ބައިވެރިވުމަށް އަންގަމުންދާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

މިކަމާ ގުޅިގެން ވާހަކަދެއްކި ބައެއް މުވައްޒަފުން ބުނެފައިވަނީ، މި ހިނގާލުމުގައި ބައިވެރިނުވާ މުވައްޒަފުންނާ މެދު އިދާރީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ނުސީދާ ގޮތެއްގައި ދީފައިވާ ކަމަށެވެ. މިއީ މީގެ ކުރިން ބޭއްވި ސަރުކާރުގެ އެކި ހަރަކާތްތަކުގައިވެސް ކަންކޮށްފައިވާ ގޮތް ކަމަށާއި، މުވައްޒަފުންގެ ނުރުހުމުގައި މަޖުބޫރުން މަގުމައްޗަށް ނެރުމަކީ މި ސަރުކާރުގެ އާދައަކަށް ވެފައިވާ ކަމަށްވެސް އެ ފަރާތްތަކުން ފާހަގަކުރެއެވެ.

މިނިވަން އަދި އިންސާފުވެރި އިންތިޚާބެއް ބާއްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ބުނަމުންދާއިރު، ދައުލަތުގެ ބާރާއި ވަސީލަތްތައް ބޭނުންކޮށްގެން ސަރުކާރު ހިންގާ ޕާޓީގެ ހަރަކާތްތަކަށް މީހުން ޖަމާކުރުމަކީ އިންތިޚާބަށް ނާޖާއިޒު ނުފޫޒު ފޯރުވުން ކަމަށް އިދިކޮޅު ފަރާތްތަކުން ސިފަކުރެއެވެ.

ދައުލަތުގެ ވަޒީފާތަކުގައި ތިބި މުވައްޒަފުންނަށް ބިރުދައްކައިގެން ސިޔާސީ ހަރަކާތްތަކަށް ނެރުމަކީ ޑިމޮކްރެޓިކް ހަމަތަކާ ޚިލާފު، އަދި ކަނޑައެޅިގެން ކޮރަޕްޝަނަށް މަގުފަހިވާ އަމަލެއް ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ޕީއެންސީން މަސައްކަތް ކުރަމުންދަނީ މުވައްޒަފުން ބޭނުންކޮށްގެން އެ ޕާޓީއަށް އޮތް ތާއީދު ބޮޑުކަން ދެއްކުމަށް ކަމަށްވެސް މަސްދަރުތަކުން މައުލޫމާތު ދެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved