
އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތި، އަމިއްލަ އިޚްތިޔާރުގައި ވޯޓުލުމުގެ ޙައްޤު އަދާކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗް.އާރު.ސީ.އެމް) އިން ރައްޔިތުންނަށް އިލްތިމާސްކޮށްފިއެވެ.
މިގޮތަށް އިލްތިމާސްކޮށްފައިވަނީ، އެ ކޮމިޝަނުގެ ރައީސާ ޑރ. ޢާއިޝަތު ރަމީލާއެވެ. އެކަމަނާ ގޮތަށް އިލްތިމާސް ކުރެއްވީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ އިތުރުން، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓާ ގުޅިގެން މީޑިޔާއަކަށް ދެއްވި އިންޓަރވިއުއެއްގައެވެ.
ރަމީލާ ވިދާޅުވީ، އިންތިޚާބުތަކުގައި ބައިވެރިވެ ވޯޓުލުމަކީ ކޮންމެ ރައްޔިތަކަށްމެ ލިބިގެންވާ އަސާސީ ޙައްޤެއް ކަމަށާ މި ޙައްޤު ފުރިހަމައަށް އަދާކުރުމަކީ ޤައުމުގެ ވެރިކަމުގެ ނިޒާމު ހަރުދަނާކުރުމަށްޓަކައި ކޮންމެ ރައްޔިތަކުވެސް އުފުލަންޖެހޭ އެންމެ މުހިންމު ޒިންމާކަމަށެވެ.
ހަމައެހެންމެ ނުފޫޒެއް ނެތި، އަމިއްލަ އިޚްތިޔާރުގައި ކޮންމެ މީހަކުވެސް އެމީހަކު ބޭނުންވާ ކެންޑިޑޭޓަކަށް ވޯޓު ދިނުމަކީ ޑިމޮކްރަސީގެ އެންމެ މުހިންމު އެއް އަސާސްކަން ފާހަގަކުރައްވައި ޑރ. ރަމީލާ ވިދާޅުވީ، ކެންޑިޑޭޓުންނާއި ވޯޓުލާ މީހުންގެ ޙައްޤުތަކަށް ހުރަސްއެޅޭ ފަދަ އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ކޮށްގެން ނުވާނެ ކަމަށެވެ.
މީގެ އިތުރުން ދައުލަތުގެ މުއައްސަސާތަކުގެ މަސައްކަތްތަކަށް ހުރަސްއެޅޭ ފަދަ ހަމަނުޖެހުމެއް ނުވަތަ ފިތުނައެއް ނުއުފެއްދުމަށްވެސް ހުރިހާ ފަރާތްތަކަކަށް އިލްތިމާސް ކުރައްވާ އެޗްއާރުސީއެމުން ވަނީ ވޯޓުލުމުގެ މަރުޙަލާގެ ތެރޭގައާއި، ނަތީޖާ އިޢުލާން ކުރުމަށްފަހުވެސް މުޖުތަމަޢުގެ މަޞްލަޙަތު އިސްކުރުމަކީ ނުހަނު މުހިންމު ކަމެއްކަން ފާހަގަކޮށްފައެވެ
އެގޮތުން، ރައްޔިތުންގެ މެދުގައި އޮންނަ އެކުވެރިކަމާއި އިޙްތިރާމްގެ ސިފަތައް ކުރިއަށް ނެރުމަށާއި، އިންތިޚާބާ ގުޅުންހުރި އެއްވެސް ކަމެއްގައި ދެބަސްވުމެއް އުފެދިއްޖެނަމަ، އެކަމަކަށް ޤާނޫނީ އިމުގެ ތެރެއިން ޞުލްޙަވެރިކަމާއެކު ޙައްލު ހޯދުމަށް ޑރ. ރަމީލާ ނަޞޭޙަތްތެރިވެފައިވެސް ވެއެވެ.










