March 19, 2026
Advertisement
އެޗްއާރުސީއެމްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން --
އެޗްއާރުސީއެމްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން -- / އެޗްއާރްސީއެމް

ޔުމްނުގެ މުޒާހަރާގައި އެޗްއާރްސީއެމްގެ މުވައްޒަފުން ބައިވެރިނުވާން އަންގައިފި

Qudhrathullah Ameen
ގުދުރަތުﷲ އަމީން
May 8, 2025, 01:00 AM
މާލެ ސިޓީ

މާލޭގެ އުސް އިމާރާތަކުން ފުރާޅެއްގެ މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނު ރަޝީދު، 21، އަށް އިންސާފު ހޯދައިދޭން ޒުވާނުން ސިލްސިލާކޮށް ކުރާ މުޒާހަރާގައި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) ގެ މުވައްޒަފުން ބައިވެރިވުން މަނާކޮށްފި އެވެ.

Advertisement

އެޗްއާރްސީއެމްގެ މިޑިއާ ގްރޫޕުގައި ނޫސްވެރިން އެކަމާ ގުޅިގެން ސުވާލުކުރުން އެ ކޮމިޝަނުން ބުނީ, އެޕްރީލް 23، 2025 ވަނަ ދުވަހުން ފެށިގެން މާލޭގައި ކުރިއަށްދާ މުޒާހަރާތައް މޮނިޓާ ކުރުމުގެ ގޮތުން އެޗްއާރުސީއެމްގެ މުވައްޒަފުން މުޒާހަރާގެ އޮން-ސައިޓް މޮނިޓަރިންގެ އިތުރަށް މީޑިއާ މޮނިޓަރިންގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. މިއީ މުޒާހަރާތަކުގައި އިންސާނީ ހައްގުތައް ހިމާޔަތްކޮށް ކުރިއެރުވުމަށް ކޮމިޝަންގެ މެންޑޭޓްގެ ދަށުން ކުރާ މަސައްކަތެއް ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

މީގެ އިތުރުން، މި ކޮމިޝަނުގެ އޯވަ-ސައިޓް މެންޑޭޓްގެ ދަށުން، އެ މައްސަލައާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން އަމަލުކުރަމުންދާ ގޮތް ވެސް ކޮމިޝަނުން ބަލަމުންދާކަމަށް ބުންޏެވެ.

މި ފިޔަވަޅަކީ ކޮމިޝަންގެ ދައުރުގެ ސުލޫކު ހިފެހެއްޓުމަށާއި ކޮމިޝަންގެ އެންމެހާ މަސައްކަތްތައް ތައައްސުބުން އެއްކިބާވެ އަދި ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް ހުރިކަން ޔަގީންކުރުމަށް އެޅޭ ފިޔަވަޅެއް

އެޗްއާރުސީއެމްގެ މެސެޖުގައިވެ އެވެ.

ޔުމްނުގެ ދިފާއުގައި ޒުވާނުން ކުރާ މުޒާހަރާތަކުގައި އެޗްއާރްސީއެމް ހިމެނޭ ގޮތަށް އެކި ކޮމިޝަންތަކުގެ މުވައްޒަފުންނާއި، ސަރުކާރުގެ އެކި ކުންފުނިތަކުގެ މުވައްޒަފުން އަދި މިނިސްޓްރީތަކުގެ މުވައްޒަފުން ވެސް ދަނީ ބައިވެރިވެ އަޑުއުފުލަމުންނެވެ.

މި މައްސަލަ ހޫނުވީ ޔުމްނު ވެއްޓުމުގެ ކުރިން އޭނާ ވެސް ބައިވެރިވި ޕާޓީއެއް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީންގެ އާއިލީ ގޭގެ އެޕާޓްމަންޓެއްގައި އޮތް އިރު، އެންމެ ފުރަތަމަ ފުލުހުން އެ ގޭގެ ނަން ހާމަނުކުރުމުންނެވެ. އަދި އެ ޕާޓީގައި ތިބި މީހުން މަސްތުވާތަކެއްޗަށް ޕޮޒިޓިވްތޯ ބެލުމަށް ކުޑަކަމުދާތަކެތި ދޭން އިންކާރުކުރުމުން އެއްވެސް ފިޔަވަޅެއް ފުލުހުން ނާޅާ އޮތުމުން ވެސް ފާޑުކިޔުންތައް ބޮޑުވި އެވެ.

ޔުމްނު ވެއްޓުނީ އަމިއްލައަށް ކަމަށް ފުލުހުން ބުނި ނަމަވެސް ޒުވާނުން އަންނަނީ ފުލުހުންނަށް އިތުބާރު ނުކުރެވޭ ކަމަށް ބުނެ ސިލްސިލާ މުޒާހަތަކެއް ކުރަމުންނެވެ. އެ މުޒާހަރާތަކުގައި ޔުމްނުއަށް އިންސާފު ހޯދައި ދިނުމަށް ގޮވާލައި، މައްސަލައަށް ނުފޫޒު ފޯރުވާ ކަމަށް ތުހުމަތުކުރާ ސަރުކާރުގެ އިސް ވެރިންގެ އިސްތިއުފާއަށް ގޮވާލަމުންދެއެވެ.

ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން ފުލުހުން ކުރާ ތަހުގީގާ ގުޅިގެން އާންމުން ގިނަ ސުވާލުތަކެއް އުފައްދާފައި ވަނިކޮށް، ޔުމްނުއާ އެކު އެ ރޭ އުޅުނު އަށް މީހެއްގެ ވަނަވަރު ފުލުހުން ވަނީ އާންމުކޮށްފަ އެވެ. އެ މީހުންގެ ޕާސްޕޯޓު ހިފަހައްޓާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. އަދި އެ މައްސަލައިގައި، އޭނާއާ އެކު އެ އިމާރާތުގެ ތެރޭގައި އޭރު އުޅުނު ރައުދު އަހުމަދު ޒިލާލް، 21، މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ.

އުސްއިމާރާތަކުން ވެއްޓި ލިބުނު ގެއްލުމަށް އިތުރު ފަރުވާއަށް ޔުމްނު ވަނީ މިހާރު މެލޭޝިއާއަށް ގެންގޮސްފަ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved