

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި އެ ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރު މަގާމުން ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އާއި ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ނިންމި ނިންމުމާ މެދު ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އެ ދެ ފަނޑިޔާރުން ވަކިކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ނިންމީ، އަޒްމިރަލްދާގެ ފިރިކަލުން އަދި އައިޖީއެމްއެޗުގެ ޑޮކްޓަރު އިސްމާއީލް ލަތީފް މަސާޖު ޕާލާއަކުން ހައްޔަރުކޮށް ބަންދުކުރުމާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ގެންދިޔަ މަޖިލީހަށް އަޒްމިރަލްދާ އާއި މަހާޒު ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލާގަ އެވެ.
ޖޭއެސްސީން ފޮނުވި ރިޕޯޓް ރަނގަޅު ކަމަށް ކަނޑައަޅައި، ފަނޑިޔާރުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ވެސް ވަނީ ނިންމައިފަ އެވެ. އެ ކަންކަން ކުރިއަށް ދިޔަ ގޮތާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކޮށް އެޗްއާރުސީއެމުން ބަޔާނެއް ނެރުނެވެ.
އެޗްއާރުސީއެމްގެ ބަޔާނުގައި ބުނެފައިވަނީ ޖޭއެސްސީގެ ނިންމުމަކީ މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލުވާލުމުގެ ބާރު ސިޔާސީ ޕާޓީތަކަށް ލިބޭނެހެން ގާނޫނުއަސާސީއަށް ގެނައި ބަދަލާ ގުޅިގެން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ކުރިއަށް ގެންދިއުމަށް ހުރަސް އެޅޭ ކަމެއް ކަމަށެވެ.
މައްސަލައިގައި ޝަރީއަތްކުރައްވާ ފަނޑިޔާރުންނަށާއި އެ މައްސަލާގެ އިޖުރާއަތުތަކަށާއި ނިންމުންތަކަށް ނުރަނގަޅު ނުފޫޒު ފޯރުވުމަށް ކޮށްފައިވާ ކަމެއް ކަމުގައި ބެލުމުގެ އިހުތިމާލު ފާޅުކަން ބޮޑު ގޮތެއްގައި އޮތަތީ، މިއީ މި ކޮމިޝަނުން ކަންބޮޑުވާ ކަމެއްކަމުގައި ދަންނަވަން،
އޭގެއިތުރުން، ޖޭއެސްސީގެ ނިންމުމާ މެދު މަޖިލީހުގެ ކޮމިޓީން އަމަލުކުރި ގޮތާމެދު އެޗްއާރުސީއެމް އިން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. ފަނޑިޔާރުގޭގެ މިނިވަންކަމަށް ރާއްޖޭގެ ގާނޫނުތަކާއި ރާއްޖެއިން ބައިވެރިވެފައިވާ މުއާހަދާތަކުގައި ފާޅުކަން ބޮޑުކޮށް ގޮވާލާފައިވާ ކަން ވެސް އެ ކޮމިޝަނުން ފާހަގަކޮށްފައިވެ އެވެ.
އެޗްއާރުސީއެމުން ވަނީ ދިމިގްރާތީ އުސޫލުތަކާއި ގާނޫނުގެ ވެރިކަން ނަގަހައްޓައި ދައުލަތުގެ ތިން ބާރު ވަކިވެފައިވާ ނިޒާމަށް އިހްތިރާމް ކުރުމާ އެކު ބައިނަލްއަގްވާމީ ހަމަތައް ކަށަވަރުކުރުމަށް ގޮވާލައިފަ އެވެ. އަދި ފަނޑިޔާރު އަޒްމިރަލްދާ އާއި ފަނޑިޔާރު މަހާޒު، މަގާމުން ވަކިކުރުމާ މެދު މަޖިލީހުން ގޮތެއް ނިންމުމުގެ ކުރިން ހާމަކަމާއެކު ކުރިއަށް ގެންދެވޭ އިޖުރާއަތުގެ ތެެރެއިން އަދުލު އިންސާފުގެ ހަމަތަކާ އެއްގޮތަށް ޖަވާބުދާރީވުމުގެ ފުރުސަތު ދިނުމަށް ގޮވާލާ ކަމަށް އެ ބަޔާނުގައިވެ އެވެ.
މިކަމާއި އެޗްއާރުސީއެމުން ކަންބޮޑުވިއިރު ދެ ފަނޑިތާރުން މަގާމުން ވަކިކުރަން މިއަދު އޮންނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް މިހާރު ވަނީ އެޖެންޑާކޮށްފަ އެވެ.
ފަނޑިޔާރަކު މަގާމުން ވަކި ކުރެވޭނީ މަޖިލީހުގެ ތިން ބައިކުޅަ ދެބައި މެންބަރުންގެ ވޯޓާއެކުއެވެ. އެއީ ޕީއެންސީގެ މެޖޯރިޓީ އޮތް މަޖިލީހުން ކުރަން އެ ޕާޓީއަށް ވަރަށް ފަސޭހަ ކަމެކެވެ.
ފަނޑިޔާރުންގެ މައްސަލަތައް ބަލަން ފެށުމާއެކު، ސަރުކާރުން ކޯޓުތަކަށް ނުފޫޒު ފޯރުވާތީ އެކަަމާ ވަރަށް ގިނަ ބަޔަކު ކަންބޮޑުވުން ފާޅު ކުރެއްވި އެވެ. އޭގެ ތެރޭގައި ކުރީގެ ފަނޑިޔާރުންނާއި ވަކީލުންނާއި ގާނޫނީ މާހިރުން ހިމެނެ އެވެ. އަދި އދ. ގެ ކަމާ ބެހޭ އެކްސްޕާޓު ވެސް ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެ މައްސަލައިގައި އދ. އިން ވަނީ ރައީސް އޮފީހަށް ސިޓީއެއް ވެސް ފޯރުވައިފަ އެވެ.