

ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އަށް އައްޔަނުކުރަން ރައީސް މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ހ. ސޯސަން، މުހައްމަދު ފާރިސް ތޯހާއަށް ގެވެށި އަނިޔާގެ ތުހުމަތުތަކެއް އޮތްކަން ހާމަވެއްޖެ އެވެ.
މިކަން ހާމަވެފައިވަނީ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން އޭނާއާ އިއްޔެ ކުރި އިންޓަވިއުގަ އެވެ.
އެ އިންޓަވިއުގައި ދާންދޫ ދާއިރާގެ ޕީއެންސީ މެންބަރު، މުހައްމަދު ފަޒީލް ވިދާޅުވީ އެޗްއާރްސީއެމަށް އައްޔަންކުރަން މުއިއްޒު ފޮނުއްވި ދެ ނަމަށް ވެސް ގިނަ ޝަކުވާތަކެއް ލިބިފައި އެބަ އޮތް ކަމަށެވެ. އެގޮތުން އޭގެ ތެރޭގައި ގެވެށި އަނިޔާގެ ތުހުމަތު ވެސް ހިމެނޭތީ އެފަދަ ތުހުމަތެއް ތޯހާއަށް އޮތްތޯ ސުވާލު ކުރި އެވެ.
ފަޒީލު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ތޯހާ ވިދާޅުވީ ގެވެށި އަނިޔާގެ އެއްވެސް މައްސަލައެއްގައި މިހާތަނަށް ކުރިމަތިވެގެން އެއްވެސް އިދާރާއަކަށް އޭނާ ހާޒިރުކޮށްފައި ނުވާ ކަމަށެވެ.
ފަޒީލު ކުރެއްވި ސުވާލާ ގުޅުވައި މާފަންނު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު، އަބްދުﷲ ރިފާއު ވިދާޅުވީ، ތޯހާގެ ކުރީގެ ކައިވެނީގައި ގެވެށި އަނިޔާގެ ތުހުމަތުތަކެއް ހުރި ކަމަށާއި އެ ކައިވެނި ރޫޅުނީ ވެސް އޭގެ ސަބަބުން ކަމަށް ބުނެ އެކަމާ ގުޅޭ ގޮތުން ސުވާލުކޮށްދޭން އާންމުންގެ މީހަކު އެދިފައިވާ ކަމަށެވެ.
މީގެ އިތުރުން ސިފައިންގޭގެ ވަޒީފާއިން ތޯހާ އިސްތިއުފާ ދޭން ޖެހުނީ ވެސް އިންސާނިއްޔަތާ ހިލާފެއް އަމަލެއް ކުރިކަމުގެ ތުހުމަތުގައި ކަމަށް އާންމުންގެ މީހަކު އޭނާ ކައިރި ބުނެފައިވާ ކަމަށް ރިފާއު ވިދާޅުވި އެވެ.
ރިފާއުގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ތޯހާ ވިދާޅުވީ އެފަދަ އެއްވެސް މައްސަލައެއް އޭނާގެ އަށް އަހަރުގެ ކައިވެނީގައި ދިމާ ނުވާ ކަމަށެވެ. ނަމަވެސް ކައިވެނި ރޫޅުނުތާ އަހަރުތަކެއް ފަހުން އެކަހަލަ އަޑުތަކެއް ފެތުރުނު ކަމަށާއި އެކަމަކު އެއީ ހަގީގަތެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
ކޮމިޓީން ތޯހާގެ ނަން ދިރާސާ ކުރިއިރު އޭނާއަށް 75 އަށްވުރެ ގިނައިން މާކްސް ލިބިފައި ނުވާތީ އެ ނަން ފާސްކުރަން ތަޅުމަކަށް ނުފޮނުވޭނެ އެވެ.
ނަމަވެސް އެޗްއާރްސީއެމްގެ މެންބަރު ކަމަށް އައްޔަންކުރަން މުއިއްޒު ހުށަހެޅުއްވި މ. ޕޮޕީ، މުހައްމަދު ޝަފީގް މަހްމޫދުއަށް 75 އަށްވުރެ މަތިން މާކްސް ލިބުމާއެކު އޭނާ އެޗްއާރްސީއެމަށް އައްޔަންކުރަން ކޮމިޓީން ވަނީ ފާސްކޮށްފަ އެވެ.