
އިންތިޚާބާ ގުޅިގެން ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުމަށް ފުރުސަތުދީގެން ތިބުމަށް ފަހު އެ މައްސަލަތައް ބަލަމުން އަންނަ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ބުނެފިއެވެ.
އޭސީސީއިން މިފަދައިން ހާމަކޮށްފައިވަނީ، ނެރުނު ބަޔާނެއްގައެވެ.
ސަރުކާރު ހިންގާ ޕާޓީއިން ލޯކަލް ކައުންސިލް އިންތިޚާބާއި، މައި ދެ އިންތިޚާބު އެއްކޮށްލުމަށް ޚިޔާލު ހޯދުމުގެ ވޯޓަށް ކުރި ކެމްޕެއިންގައި ހައްދެއް ނެތް މިންވަރަށް ދައުލަތުގެ ވަސީލަތްތައް ބޭނުންކޮށް އިންތިހާބާ ދިމާކޮށް ވަޒީފާތައްވެސް ބަހާ ހަދަމުންދާތީ އެތައް ރައްޔިތުން ކަންބޮޑުވުން ފާޅުކޮށް އިދިކޮޅު އެމްޑީޕީއިން މައްސަލަތައް އޭސީސީއަށް ހުށަހެޅުމުންވެސް އެކަމުގައި ބަހެއް ނުބުނެ ހަނު ތިބުމަށްފަހު ކެމްޕެއިން ނިމުމުން އޭސީސީއިން ނެރުނު ބަޔާނުގައި ބުނެފައުވަނީ، އިންތިޚާބާ ގުޅިގެން ހިންގާ ރިޝްވަތުގެ އަމަލުތަކާއި ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުމުގެ މައްސަލަތައް އެ ކޮމިޝަނަށް ހުށަހަޅައިފައިވާ ކަމަށެވެ. އަދި މީޑިއާގެ ވަސީލަތްތަކުން ފާހަގަކުރާ އެފަދަ މައްސަލަތަކާއި އެހެނިހެން ގޮތްގޮތުން ކޮމިޝަނުގެ ސަމާލުކަމަށް އަންނަ ޝަކުވާތައް ހިމެނޭހެން، އެ ކޮމިޝަނުން އެ ތުހުމަތުތައް ތަހުގީގުކުރަމުން އަންނަ ކަމަށް ބަޔާނުގައިވެއެވެ.
އެކޮމިޝަނުން ތަހުގީގު ކުރާ މައްސަލަތަކަކީ ޖިނާއީ މައްސަލަތައް ކަމުން، އެ މައްސަލަތައް ތަހުގީގުކުރުމުގައި ކޮމިޝަނުން ތަބާވަނީ ރާއްޖޭގެ ޖިނާއި އަދުލުގެ ނިޒާމުން އެކަށައަޅައިފައިވާ މިންގަނޑުތަކަށް ކަމަށް އޭސީސީއިން ބުނެފައިވެއެވެ.
އިންތިޚާބުގެ ނަޒާހާތްތެރިކަން ކަށަވަރު ކުރުމަށްޓަކައި، ކެމްޕޭން ކުރުމުގައި ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުމާއި، ވޯޓަށް ނުފޫޒު ފޯރުވުމަށް ރިޝްވަތު ދިނުމާއި ހިފުން ފަދަ ކަންކަމުން ދުރުހެލިވުމަކީ ނުހަނު މުހިންމު ކަމެއްކަމަސް ބުނެ އޭސީސީއިން އޭސީސީގެ ބަޔާނުގައި ވަނީ އެހެންކަމުން، ވޯޓަށް ނުފޫޒު ފޯރުވުމުގެ ގޮތުން އެއްވެސް ފަރާތަކަށް ރިޝްވަތު ހުށަނޭޅުމަށާއި ވޯޓު ދިނުމުގެ ގާނޫނީ ހައްގު ހެޔޮ ގޮތުގައި ބޭނުންކުރުމަށް އެ ކޮމިޝަނުން ގޮވާލާކަމަށް ބުނެފައެވެ.
ވޯޓު ދިނުމުގެ ޒިންމާ އަދާކުރުމުގައި އެއްވެސް ފަރާތަކުން ހުށަހަޅާ ރިޝްވަތުގައި ނުހިފައި، ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު އެ ހައްގުގެ ބޭނުން ފުރިހަމައަށް ހިފުމަށް އޭސީސީން އިލްތިމާސްކޮށްފައިވެއެވެ.
މާދަމާ ލޯކަލް ކައުންސިލް އިންތިޚާބާއި، މައި ދެ އިންތިޚާބު އެއްކޮށްލުމަށް ޚިޔާލު ހޯދުމުގެ ވޯޓު ބާއްވާނެއެވެ. އެ ދެ ވޯޓަށް ވެސް ވާދަވެރި ކެމްޕޭންތަކެއް ކުރުމަށްފަހު، މިއަދު ހަވީރު ހަރަކާތްތައް ވަނީ ނިންމާލައިފައެވެ.
އެ ވޯޓުތަކަށް ވެރިކަންކުރާ ޕީއެންސީން ނުފޫޒު ފޯރުވާކަމުގެ ތުހުމަތުތަކެއް ވަނީ އަމާޒުވެފައެވެ. އެ މައްސަލައިގައި ޝަކުވާ ކުރުމަށް އިދިކޮޅު އެމްޑީޕީން އިލެކްޝަންސް ކޮމިޝަނާއި އޭސީސީއަށް މިދިޔަ ބުދަ ދުވަހު ގޮސްފައިވެއެވެ.










