އިލެކްޝަންސް ކޮމިޝަން (އީސީ) އަދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސް އައްޔަންކުރުމުގެ ބާރު ރައީސަށް ދެއްވުމަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ވެއްދުމުން ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ފާޑުވިދާޅުވެއްޖެ އެވެ.
ރައީސް ޔާމީން މިފަދައިން ވިދާޅުވެފައި ވަނީ ޕީއެންއެފްގެ ފަރާތުން ހޯމަ ދުވަހުގެ ރޭ ކުރިޔަށްދިޔަ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
އެގޮތުން އެމަނިކުފާނު ވިދާޅުވީ ގާނޫނޫ އަސާސީގައި މިނިވަން މުއައްސަސާތަކަށް ބާރު ދީފައި އޮތް ނަމަވެސް ކަންކަން ކުރަންތިބޭ ފަރާތްތަކަށް އެކަންކަން ނުކުރެވެނީ ވެރިކަމުގައި ހުންނަ ފަރާތުގެ މެޖޯރިޓީ ރައްޔިތުންގެ މަޖިލީހުގައި އޮންނާތީ ކަމަށެވެ.
އިލެކްޝަން ކޮމިޝަނާ، އެންޓި ކޮރަޕްޝަން ކޮމިޝަނަކީ މިނިވަން މުއައްސަސާތަކެއް ކަމަށް ގާނޫނޫ އަސާސީގައިވެސް ބަޔާންކޮށްފައިވާއިރު، އެތަންތަނަށް ރައީސް އައްޔަން ކުރާ މީހަކު ހަވާލުވެ ހުންނަންޏާ ގާނޫނޫ އަސާސީގެ ބާރު ކެނޑިގެންދާނެކަމަށް ވިދާޅުވެ ރައީސް ޔާމީން ވަނީ ވާހަކަފުޅުގައި ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މެމްބަރުންނަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުކުރައްވާފައެވެ.
އޭސީސީގެ ރައީސަކަށް އަންނަ މީހަކު ކަމުގައި ވިޔަސް، އިލެކްޝަން ކޮމިޝަންގެ ރައިސަކަށް އަންނަ މީހަކަށް ވިޔަސް، ރައްޔިތުންގެ ބަހެއް ނެރތި ހަލީފާއަކު އައްޔަން ކުރާ މީހަކަށް މިހަދަނީ. އެއީ ހަލީފާއިން ގަވަރުނަރުން އައްޔަންކުރާ ގޮތައް. މިދަނީ އިސްލާމީ ތާރީހުގެ ތެރެއަށް.
ރައީސް ޔާމީން އިތުރަށް ވިދާޅުވީ މިނިވަން މުއައްސަސާތަކެއްގެ ގޮތުގައި ގާނޫނު އަސާސީގައި ކަނޑައަޅާފައިވާ ތަންތަނަށް ރައީސުލްޖުމްހޫރިއްޔާ ބޭނުންވާ މީހަކު އައްުޔަން ކުރަން ނިންމެވި ނިންމުމަކީ ހަގީގަތުގައި ބަލައިގަނެވޭނެ ކަމެއް ނޫންކަމަށެވެ.
އެހެންނަމަވެސް މިކަން މިގޮތައް ކުރެވެން އެހާ ފަސޭހައިން އޮތީ ސަރުކާރަށް ރައްޔިތުންގެ މަޖިލިސް ތެރެއިން މެޖޯރިޓީ ލިބިފައިވާތީ ކަމަށާއި އެ މެމްބަރުންނަށް ކޮންމެ މަހަކު ރައީސް މުއިއްޒު ޕޮކެޓް މަނީގެ ގޮތުގައި ބައި ލައްކަ ރުފިޔާ ލިބޭތީ ކަަމަށް ވިދާޅުވެ ރައީސް ޔާމީން ވަނީ މަޖިލީހުގެ މެމްބަރުންނަށް ފާޑު ވިދާޅުވެފައެވެ.
އަދި ޑިމޮކްރެޓިކް ހަމަތަކުގެ މަތިން މިނިވަން މުއައްސަސާތައް ރައީސްގެ މުށުތެރެއަށް ނުލުމަށް ވެސް ރައީސް ޔާމީން ގޮވާލެއްވެވިއެވެ.