

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހިންގަމުންދާ ޖިނާއީ ތަހުގީގުތައް އަވަސްކުރަން ޕްރޮސެކިއުޓާ ޖެނެރަލް އައްބާސް ޝަރީފު އެ ކޮމިޝަނުގެ މައްޗަށް އަމުރު ކުރައްވައިފި އެވެ.
ޕީޖީ އޮފީހުން ބުނިގޮތުގައި އޭސީސީން ހިނގާ ތަހުގީގުތައް އެކަށީގެންވާ އަވަސްމިނެއްގައި ހިނގަމުން ނުދާކަމުގެ ޝަކުވާ ލިބިފައިވާތީ، އެކަން ޕީޖީ ވަނީ ބައްލަވައިފަ އެވެ. އެގޮތުން ޖިނާއީ ތަހުގީގުތައް ލަސްވެ، ކޮރަޕްޝަނާއި ހިޔާނާތުގެ މައްސަލަތަކުގައި ދައުލަތަށް ގެއްލޭ ފައިސާ އަނބުރާ ހޯދުމާއި އެފަދަ މައްސަލަތަކުގައި ދައުލަތާއި އާންމު ރައްޔިތުންގެ މަސްލަހަތުތަކަށް އުނިކަން އަންނަމުންދާކަން ފާހަގަ ކުރެވިފައިވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
އެހެންވެ، ޤާނޫނުއަސާސީގެ 223 ވަނަ މާއްދާގެ (ޅ) އާއި އެ މާއްދާގެ (ފ) ގެ ދަށުން ޕީޖީއަށް ލިބިދޭ ބާރުގެ ދަށުން، އޭސީސީން ތަހުގީގު ކުރަމުންދާ ހުރިހާ ޖިނާއީ މައްސަލަތައް ޕީޖީ އޮފީހަށް ހުށަހެޅުމުގައި އަމަލުކުރާނެ ގޮތުގެ އިރުޝާދެއް ވަނީ އެކުލަވާލައިފަ އެވެ.
އެ އިރުޝާދަށް މިއަދުން ފެށިގެން އަމަލުކުރުމަށް، އޭސީސީގެ މައްޗަށް ވަނީ އަމުރުކޮށްފަ އެވެ.
ޕީޖީ އޮފީހުން ބުނީ ޕްރޮސިކިއުޓާ ޖެނެރަލްގެ އަމުރުގައި، އޭސީސީއިން ތަހުގީގުކުރަމުންދާ އެމްއެމްޕީއާރްސީގެ މައްސަލައާއި، ކޮވިޑް-19 އާ ގުޅިގެން ދައުލަތުގެ މުދަލާއި ފައިސާ ނަހަމަގޮތުގައި ބޭނުންކުރުމުގެ މައްސަލައާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކާއި، ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމްއާ ގުޅުންހުރި މައްސަލަތައް ފަދަ ދައުލަތުގެ މާލިއްޔަތާއި ޢާންމު ފަރުދުންގެ މަސްލަހަތާ ގުޅުންހުރި ހިޔާނާތުގެ ބޮޑެތި މައްސަލަތަކުގެ ތަހުގީގުތަކަށް ހާއްސަ ސަމާލުކަމެއްދީގެން އަވަހަށް ހިންގައި، ދެއްވާފައިވާ އިރުޝާދާ އެއްގޮތަށް އެ އޮފީހަށް ހުށަހެޅުމަށްވާ ކަމަށެވެ.
މި އިރުޝާދުގެ ބޭނުމަކީ، އެ ކޮމިޝަނުން ތަހުގީގުކުރާ މައްސަލަތަކުގެ ތަހުގީގު އަވަސްކުރުމުގެ އިތުރުން، ތަހުގީގުތަކުގެ މަރުހަލާތައް ކުރިއަށްގެންދާނެ ސިސްޓަމިކް ގޮތްތަކެއް ކަނޑައެޅުމާއި ޖިނާއީ މައްސަލަތައް ބަލާ އެކިއެކި އިދާރާތަކުން ހިންގާ ތަހުގީގުތަކުގެ ޔުނީފޯމިޓީ ކަށަވަރުކުރުމާއި ތަހުގީގުގެ ކުރީ މަރުހަލާއިން ފެށިގެން މި އޮފީހުގެ ލަފާ ހޯދަން އިތުރަށް ފަސޭހަކޮށް، އެކަމާ ގުޅޭ އިންތިޒާމުތައް ހަމަޖެއްސުމެވެ،
ޕީޖީ މީގެކުރިން ވަނީ އެމްއެމްޕީއާރްސީގެ މައްސަލާގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގައި ޝާމިލުވާ އެސްއޯއެފް ކުންފުނީގެ ވެރިންނާއެކު ދައުލަތުން ހަދާފައިވާ އެއްބަސްވުންތައް އުވާލައި، އިތުރު މައްސަލަތައް ތަހުގީގުކުރަން އޭސީސީ އާއި ފުލުހުންނަށް އަންގައިފަ އެވެ.
މީގެ އިތުރުން ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމްއާ ގުޅުންހުރި މައްސަލަތަކުގެ ތަހުގީގެއް ހިންގަން ވެސް ޕީޖީ ވަނީ މީގެކުރިން އޭސީސީ އާއި ފުލުހުންގެ މައްޗަށް އަމުރެއް ނެރެފަ އެވެ.