theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ޝުޖާއުގެ ވައްކަން އެގި ތިބެ އަހަރެއްވާންދެން އޭސީސީ އާއި ފުލުހުން ކުރީ ކީއް؟ / ތޭރަގްރެފިކްސް
ސިޔާސީ
ޝުޖާއުގެ ވައްކަން އެނގި ތިބެ އަހަރެއްވާންދެން އޭސީސީ އާއި ފުލުހުން ކުރީ ކީއް؟
Aiminath Zawjah
އައިމިނަތް ޒަޢުޖާ
12 އޯގަސްޓު 2025
މާލެ ސިޓީ

ބާރަށު ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ލީޑަރޝިޕްގައި މަސައްކަތްކުރާ އިބްރާހީމް ޝުޖާއުގެ ކޮރަޕްޝަން މައްސަލަތަކެއް ސޯޝަލް މީޑިއާގައި ތިލަވެފައިވަނިކޮށް ފުލުހުންނާއި އޭސީސީއިން މީގެ އަހަރެއް ކުރިން މި މައްސަލަ ތަހުގީގު ކުރަން ފަށާފައިވާ ކަމަށް ބުނެފައިވާއިރު އަހަރެއްހާ ދުވަސް ފާއިތުވެގެން ދިޔަ އިރު މި ދެ މުވައްސަސާއިން ކުރި މަސައްކަތަކީ ކޮބާކަން ބަލަން ދިވެހި ރައްޔިތުން ތިބީ ބޭނުންވެފައެވެ.

މައްސަލަ ތަހުގީގު ކުރާ ކަމަށް ހަމައެކަނި ބުނެލައިގެން މިހާރު ފަރުޖެއްސޭކަށް ނެތެވެ. މި ސަރުކާރުގެ ކޮރަޕްޝަން އިންތިހާއަށް ބޮޑުވެފައިވާތީ ސާފު ސީދާ ރިޕޯޓަކަށް ރައްޔިތުން އަންނަނީ "ޑިމާންޑް" ކުރަމުންނެވެ. އެމްއެމްއޭގެ އިންޓެލިޖެންސް އިން މިހާ ބޮޑު ކޮރަޕްޝަނެއްގެ މައްސަލަ ރިޕޯޓްކުރިތާ އަހަރަކަށްވުރެ ގިނަ ދުވަސްވެފައިވާއިރު އާންމުންނަށް މި މައްސަލަ އިގެންދެން ސަރުކާރުން ތިބީ ސިއްރުކޮށްގެންނެވެ. ސަރުކާރުގެ ނުފޫޒު ބޭނުންކޮށްގެން އުޅުނީ މައްސަލަ އޮއްބާލަން ކަމުގައި މިއަދު ރައްޔިތުން އަންނަނީ ބުނަމުންނެވެ.

ޝުޖާއުގެ ބޮޑު ވައްކަމުގެ މައްސަލަ އާންމުވިތާ ހަފްތާއެއް ވެގެން ދިޔައިރުވެސް ރަސްމީ އިދާރާތަކުން އެކަށޭނެ ގޮތަކަށް މި މަައްސަލައާއި ގުޅިގެން މިހާތަނަށް އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައިނުވާއިރު އަދިވެސް މަސައްކަތް ކުރަމުންދަނީ އާންމުންގެ ސުވާލުތަކަށް ޖަވާބު ނުދީ ގާނޫނަށް ފިލުމަށެވެ.

ރައީސް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުން ޝުޖާއު ބޮޑު "ކަޓެއް" ނަގައި ލަގްޒަރީ އެޕާޓްމަންޓުތައް ގަތް ކަމުގެ މައުލޫމާތު ރައީސް މުއިއްޒަށް ލިބިފައިވޭތޯ މިއީ ރައްޔިތުން މިއަދު ކުރަމުންދާ އެންމެ ބޮޑު އެއް ސުވާލެވެ. މިވަރުގެ ކޮރަޕްޝަންއެއް "ތަހުގީގު" ކުރެވެމުންދާއިރު ޝުޖާއު އަދިވެސް ހުންނެވީ ޕީއެންސީގެ ނައިބު ރައީސްގެ މަގާމުގައެވެ. އަދި މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އާއި އެސްއޯއީ ކޮމިޓީން ބޭރުކޮށް މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކަ ކޮމިޓީގެ ޗެއާގެ މަގާމު ވަނީ ދީފައެވެ.

މީގެ އިތުރުން، ޝުޖާއުގެ މައްސަލަ ސަރުކާރުގެ އިދާރާތަކަށް އެގި، އަހަރެއްހާ ދުވަހު މި މައްސަލަ ފޮރުވައިގެން ހާމަނުކޮށް ތިބުމަކީ މި ސަރުކާރުގެ އިޚްލާސްތެރިކަމާއި މެދު ރައްޔިތުން ސުވާލުކުރާ އަނެއް ކަމެވެ. ފުލުހުންގެ އޮފިޝަލުން ބުނާ ގޮތުގައި މިދިޔަ އޭޕްރިލް މަހުން ފެށިގެން ފުލުހުން މި މައްސަލަ ތަހުގީގު ކުރެވެމުން އަންނައިރު އޭސީސީން ބުނަނީ ނޮވެމްބަރުން ފެށިގެން މި މައްސަލަ އެ ކޮމިޝަނުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

މީގެ ކުރިން ހާމަކުރަން ބޭނުންވާ މައްސަލަތަކުގައި ލަހެއް ފަހެއް ނެތި މައުލޫމާތު ހިއްސާ ކުރާއިރު ސަރުކާރަށް ތުހުމަތުވާ މި ބޮޑު މައްސަލާގައި ފުލުހުން އަދި އޭސީސީ ތިބީ ފިލާ ކަމަށާއި މިފަދަ ކަމެއް ހިނގައިގެން އުޅޭ ކަމުގެ އެއްވެސް ޝައްކެއް ރައްޔިތުންނަށް ކޮށްދީފައިނުވެއެވެ.

މިއާއި އެކު، ފުލުހުންނާއި އޭސީސީން ހަގީގަތުގައި ވެސް ތަހުގީގެއް ކުރިތޯ ރައްޔިތުން އަންނަނީ ސުވާލުކުރަމުންނެވެ. ސަބަބަކީ މި މައްސަލައާއި ގުޅިގެން ޝުޖާއު ބުނެފައިވާ ގޮތުގައި އެ ރިޕޯޓުގެ ސައްހަކަމެއް ޔަގީން ނުވާ ކަމަށާއި އެއީ އެކަމާ ގުޅޭ އެއްވެސް މައުލޫމާތެއް އެއްވެސް މުއައްސަސާއަކުން އޭނާ އާ ހިއްސާ ކޮށްފައި ނުވާ ކަމަށެވެ. އެހެންކަމުން އެއްވެސް އިދާރާއަކުން ޝުޖާއު ހާޒިރުކޮށް ސުވާލުކުރިތޯ އިގެން އެބަޖެހެއެވެ.

ސަރުކާރާއި ގުޅުން ހުރި މިފަދަ މައްސަލަތައް އޮއްބާލައި ގާނޫނުގެ ދަށުން ފިޔަވަޅު ނާޅާ ދޫކޮށްލުމަކީ މި ސަރުކާރުން އާންމުކޮށް މިހާރު ކުރާ ކަމެކެވެ. ސަރުކާރަށް މިވީ މަދު ދުވަސްކޮޅުގެ ތެރޭގައި ސަރުކާރަށް ނިސްބަތްވާ އިސްވެރިންގެ ކޮރަޕްޝަންގެ ބޮޑެތި މައްސަލަތައް ފެންމަތިވެފައިވާ އިރު މިއިން އެއްވެސް ފަރާތަކަށް ގާނޫނީ ފިޔަވަޅެއް އަޅާފައިނުވެއެވެ. އެހެންކަމުން މި މައްސަލަވެސް ދާނީ ހަމަ އެބީދައިން ކަން ޔަގީނެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved