
އެޕްރިލް ހަތަރުވަނަ ދުވަހު ބާއްވާ ފެންނަ ނުފެންނަ ވޯޓޫގައި ސަރުކާރުން އެދޭ ގޮތަކަށް އާންއެކޭ ބުނެފި ނަމަ، ރައީސުލްޖުމްހޫރިއްޔާ އަޒުލުކުރަން ރައްޔިތުންގެ މަޖިލީހަށް ލިބިފައި އޮންނަ ބާރުވެސް ގެއްލިގެން ދާނެ ކަމަށް ކުރީގެ އޭސީޕީ މުހައްމަދު ޖިނާހު ވިދާޅުވެއްޖެއެވެ.
ޖިނާހު މިފަދައިން ވިދާޅުވެފައިވަނީ ޓީވީ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުންނެވެ. އޭނާ ވިދާޅުވި ގޮތުގައި، ގާނޫނު އަސާސީ އެކުލެވި، ލިޔެވިފައިވާ ގޮތަށް ބަލާއިރު ދެ އިންތިޚާބު އެއް ކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. މި ސަރުކާރުން ދެ އިންތިޚާބު އެއްކުރަން މަސައްކަތް ކުރި ނަމަވެސް އެކަން ކުރުމަށް ގާނޫނުއަސާސީން ތަން ނުދޭއިރު އެކަމުގައި ބޮޑެތި ކަންބޮޑުވުންތަކެއް ހުރި ކަން ޖިނާހު ފާހަގަކުރެއްވިއެވެ.
ވޯޓުލައިގެން އާނ އެކޭ ބުނެފި ނަމަ އެބަދަލުގެ ސަބަބުން ރައްޔިތުންގެ އަސާސީ ހައްގުތަކާއި މަޖިލީހުގެ ބާރުތަކަށް އުނިކަން އަންނާނެކަމަށާ އެހެންކަމުން ފެންނަ ނުފެންނަ ވޯޓުގައި "ނޫނެކޭ" ބުނަން ޖެހޭކަމަށް ވިދާޅުވެ ޖިނާހު ވަނީ މިއީ ދައުލަތުގެ ބާރުތައް ފެށިގެން އަންނަ އަސްލު މަސްދަރުކަމުގައިވާ ރައްޔިތުންގެ ބާރަށް އަސަރުކުރާނެ ކަމެއް ކަމަށް ވެސް ވިދާޅުވެފައެވެ.
ގާނޫނު އަސާސީގެ 5 ވަނަ މާއްދާގައި ބަޔާން ކޮށްފައި ވަނީ ދިވެހިރާއްޖޭގައި ގާނޫނުހެދުމުގެ އެންމެހައި ބާރުތައް ލިބިގެންވަނީ ރައްޔިތުންގެ މަޖިލީހަށް ކަމަށެވެ. އަދި ގާނޫނު އަސާސީގެ 4 ވަނަ މާއްދާގައި ބުނެފައިވަނީ ދިވެހިދައުލަތުގެ އެންމެހައި ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމަށާއި މި ބާރުތައް ދެމިއޮންނާނީ ރައްޔިތުންގެ ކިބައިގައި ކަމަށެވެ.
ޖިނާހު ވިދާޅުވީ އެ ވޯޓުން ކަނޑުވާލަނީ އެ ބާރުތައް ކަމަށެވެ.
ރިފަރަންޑަމް ވޯޓުން މަޖިލިިހުގެ ދައުރު ކުރުކުރަނީ ކަމަށް ބުނި ނަމަވެސް ހަގީގަތުގައި އެއީ މަޖިލިސް އުވާލުން ކަން ފާހަގަކުރައްވާ ޖިނާހު ވިދާޅުވީ، ރެފަރެންޑަމް ވޯޓަކުން މަޖިލިސް އުވާލައި ރައްޔިތުންގެ އަތުން ބާރުތައް އަތު ނުލެވޭނެ ކަމަށެވެ. އަދި އެކަން ކޮށްފި ނަމަ މަޖިލީހަށް ލިބިގެންވާ އެންމެ ބޮޑު އެއްބާރު ކަމުގައިވާ ރައީސުލްޖުމްހޫރިއްޔާ އަޒުލު ކުރަން ޖެހޭ ހާލަތުގައި އެކަން ކުރުމުގެ ބާރުވެސް އަތުލާ ކަމަށެވެ.










