

މިފްކޯގެ ސްޓްރެޓީޖިކް ކޮންސަލްޓެންޓްގެ މަގާމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުކަން ކުރިން ކުރެއްވި އަދި އިގްތިސާދީ ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ އިބްރާހިމް އާތިފް ޝަކޫރު އައްޔަންކޮށްފި އެވެ.
އާތިފް މި މަގާމަށް އައްޔަނުކުރީ، މި މަހުން ފެށިގެންނެވެ. އޭނާގެ މަސްއޫލިއްޔަތަކީ ކުންފުނީގެ ސްޓްރެޓެޖިކް ކަންކަމުގައި ލަފާ ދިނުމެވެ.
އާތިފަކީ މިފްކޯގެ ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި މީހެކެވެ. އޭނާ ވަނީ 2004 އިން ފެށިގެން 2013 އަށް އެ ކުންފުނީގައި އިސް މަގާމުތައް އަދާކުރައްވާފަ އެވެ.
މިފްކޯގެ އިތުރުން، އާތިފް ވަނީ އެސްޓީއޯ އާއި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު ކަން ވެސް ކުރައްވާފަ އެވެ. އަދި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައި އޮންނަ ފައިނޭންޝަލް އިންޓެލިޖެން ޔުނިޓު ހިންގަވަން ވެސް ހުންނެވި އެވެ.
އޭނާ ގެންދަވަނީ ރާއްޖޭގެ އިގްތިސާދީ ކަންކަން ދިރާސާކުރައްވައި، އެ ދާއިރާގެ އެކި މައުލޫއުތަކަށް ލިޔުންތައް ވެސް ލިޔުއްވަމުންނެވެ.
މިދިޔަ އަހަރު މިފްކޯގެ ސީއީއޯގެ މަގާމަށް ހުޅުވާލުމުން އެ މަގާމަށް އޭނާ ކުރިމަތިލެއްވި އެވެ. އެހެން ނަމަވެސް، އެ ފަހަރު ޝަރުތު ހަމަވާ ބޭފުޅަކު ކުރިމަތިނުލައްވާ ކަމަށް ކަނޑައަޅައި ޕީސީބީ އިން އެ އިއުލާން ވަނީ ބާތިލްކޮށްފަ އެވެ.
މިފްކޯ ހިންގެވުމާ މިހާރު ހަވާލުވެ ހުންނެވީ ކުރީގެ ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް ފަރުހަތު ޝަހީރެވެ. އޭނާ އެ މަގާމަށް އައްޔަނުކޮށްފައި ވަނީ މި އަހަރުގެ މާޗް މަހެވެ. އެއީ އާ ސަރުކާރު ވެރިކަމާ ހަވާލުވި ފަހުން އެ ކުންފުނީގެ ހިންގުމާ ހަވާލުވި ތިން ވަނަ ބޭފުޅާ އެވެ.
އޭގެ ކުރިން ސްވިޒަލެންޑްގެ ރައްޔިތެއް ކަމަށްވާ ޑރ. ވިޓާލީ ލުބިމޯވް ވެސް އެ މަގާމު އަދާކުރެއްވި އެވެ. އޭގެ ކުރިން އެ މަގާމް ފުރުއްވީ ސަމާހް ރަޝީދެވެ.