
މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން އެއްވެސް ހާސްކަމެއް ނެތް ކަމަށާ ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް އަޅަން ރާއްޖެއިން ނުޖެހޭނެ ކަމަށް ބުނި ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ފިޔަވަޅުތައް އަޅަން ފަށައިފިއެވެ.
އެގޮތުން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވަނީ ހިންގުމުގެ ކަރަދު ކުޑަކުރުމުގެ ނަމުގައި ފިޔަވަޅުތަކެއް އަޅަން ނިންމާފައެވެ.
ޕީޖީ އޮފީހުން ހާމަކުރި ގޮތުގައި، ބުދަ ދުވަހުން ފެށިގެން އަމަލުކުރަން ފަށާ މި އާ އުސޫލުގެ ދަށުން، ކޮންމެ އަންގާރަ ދުވަހަކު މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތް ކުރި ނަމަވެސް، ކޮންމެހެން އޮފީހަށް ހާޒިރުވެގެން ކުރަންޖެހޭ މަސައްކަތްތަކަށް މުވައްޒަފުން ހާޒިރުވާނެ އެވެ. އަދި ކޯޓު އަޑުއެހުންތަކަށް ވެސް ގަވާއިދުން ހާޒިރުވަމުން ގެންދާނެ ކަމުގެ ޔަގީންކަން އެ އޮފީހުންދެއެވެ.
ހަރަދު ކުޑަކުރުމަށް އިތުރު ފިޔަވަޅުތަކެއް އަންގާރަ ދުވަހު ގޭގައި މަސައްކަތް ކުރުމުގެ އިތުރުން، ހަރަދު ކުޑަކުރުމަށް އެހެން ބައެއް ފިޔަވަޅުތައް ވެސް އެ އޮފީހުން ވަނީ ތައާރަފުކޮށްފަ އެވެ. އޭގެ ތެރޭގައި ރަސްމީ ބައްދަލުވުންތައް އޮންލައިންކޮށް ބޭއްވުމާއި، އޮފީސް ހުޅުވާފައި ހުންނަ ވަގުތު މަދުކުރުމާއި، ކަރަންޓާއި ކަރުދާސް ބޭނުންކުރާ މިންވަރު މަދުކުރުން ހިމެނެ އެވެ. މީގެ އިތުރުން އޮފީސް ވެހިކަލްތައް ބޭނުންކުރާ މިންވަރު ވެސް މަދުކުރުމަށް ވަނީ ނިންމާފައެވެ.
އޮންލައިންކޮށް ކުރިއަށް ނުގެންދެވޭ ބައްދަލުވުންތަކާއި، އޮންލައިންކޮށް ބޭއްވުމުން ނަތީޖާއަށް އުނިކަމެއް އަތުވެދާނެ ކަމަށް ބެލެވޭ ބައްދަލުވުންތައް ކުރިއަށް ގެންދާނީ މުވައްޒަފުން ހާޒިރުވެގެން ކަމަށްވެސް އެ އޮފީހުންވަނީ ހާމަކޮށްފައެވެ.
މި ފިޔަވަޅުތަކުގެ ސަބަބުން އާންމުންނަށް ނުވަތަ އެހެނިހެން އިދާރާތަކަށް ދޭ ޚިދުމަތްތަކަށް އެއްވެސް އުނިކަމެއް ނުވަތަ ލަސްކަމެއް ނާންނާނެކަމަށް ޕީޖީ އޮފީހުން ހާމަކުރެއެވެ.










