

ހ. ފެންޓެނޯއީގޭގެ ނުވަވަނަ ފްލޯގެ ކުޑަދޮރަކުން މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ގ. ރަނައުރާގެއާގެ، ހައްވާ ޔުމްނު ރަޝީދު (21 އ) ވެއްޓި ބޮޑެތި އަނިޔާތަކެއް ލިބުނު މައްސަލައިގައި ހައްޔަރުކޮށްފައިވާ ގ. އެރިޔަދޫ، ރައުދު އަހްމަދު ޒިލާލް (21 އ) ބަންދުން ދޫކޮށްލައިފި އެވެ.
މިއަދު ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ ރައުދަށް ދައުވާ ކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ހުށަހެޅުމުން މައްސަލައިގެ ލިޔެކިޔުންތައް ދިރާސާކުރުމަށްފަހު އޭނާ ބަންދުން ދޫކޮށްލުމަށް ޕީޖީ އޮފީހުން އިރުޝާދު ދިން ކަމަށެވެ.
އެހެންވެ، ރޭ ރައުދު ބަންދުން ދޫކޮށްލައިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ރައުދަށް ދައުވާކޮށްދިނުމަށް އެދި ފުލުހުން ޕީޖީއަށް ފޮނުވާފައިވިޔަސް، އޭނާއަށް ކުރާ ތުހުމަތުތަކުގެ ތަފްސީލެއް ފުލުހުން ނުދެ އެވެ. ފުރަތަމަ ނެރުނު ކޯޓު އަމުރުން އެނގޭ ގޮތުގައި މަސްތުވާތަކެތި ބޭނުންކުރުމާއި އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ މީހަކަށް އެހީތެރިކަން ނުދިނުމުގެ ތުހުމަތުކޮށްފައިވެ އެވެ.
ރައުދު ހައްޔަރު ކުރުމަށް ފަހު، އެކި ފަހަރު މަތިން ބަންދުގެ މުއްދަތު ކޯޓުން ދަމަހައްޓަމުން އައިސް މިދިޔަ ބުރާސްފަތި ދުވަހު ފުލުހުން އޭނާ ދޫކޮށްލި އެވެ. އެކަމަކު، މާ ގިނައިރުތަކެއް ނުވަނީސް އެ ދުވަހު އަލުން ބަންދުކޮށް ޖެހިގެން އައި ހުކުރު ދުވަހު ކޯޓަށް ގެންދިއުމުން ބަންދަށް ފަސް ދުވަސް ދިނެވެ.
ރައުދުގެ ބަންދާ މެދު ފުލުހުން އަމަލު ކޮށްފައިވާ ގޮތާ މެދު އޭނާގެ ވަކީލުން ވެސް އިއްޔެ ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ވަކީލުން ވިދާޅުވީ، ރައުދު ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ނެރުނު ދެ އަމުރެއް މިހާރު ވެސް ހިނގަހިނގާ އެބައޮތް ކަމަށާއި މިއީ ކުރިން އެއްވެސް މީހަކާ މެދު އަމަލުކޮށްފައިވާ ގޮތެއް ނޫން ކަމަށެވެ.
ޔުމްނު ވެއްޓުނު ހާދިސާގެ ތަހުގީގު ހިންގާ ގޮތާ ގުޅޭ ގޮތުން ނުރުހުން ފާޅުކޮށް، އެ ތަހުގީގަށް ސަރުކާރުގެ އިސް ބޭފުޅުންތަކެއް ނުފޫޒު ފޯރުވާ ކަމަށް ބުނެ ޒުވާނުން ސިލްސިލާ މުޒާހަރާތަކެއް ކޮށްފައިވެއެވެ.
ޔުމްނުއަށް މެލޭޝިއާގައި ފަރުވާ ދެމުން އަންނައިރު، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އޭނާ ވެއްޓުނު ހާދިސާ ބެލުމަށް ރިޔާސީ ކޮމިޝަނެއް އުފައްދަވައިފަ އެވެ. އެ ކޮމިޝަނުން މިފަހުން ރައުދާ ސުވާލު ވެސް ކޮށްފައިވެ އެވެ.