

ކުޑަކަމުދާ ތަކެތި ނެގުމުގައި ފުލުހުން އަމަލުކޮށްފައިވަނީ އިޖުރާއަތުތަކާ ޚިލާފަށް ކަމަށް ބުނެ، މާލޭގެ އިމާރާތަކުން ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލާގައި ހައްޔަރުކުރި ރައުދު އަހުމަދު ޒިލާލުގެ މައްޗަށް މަސްތުވާތަކެތި ބޭނުން ކުރުމުގެ ދައުވާ ނުއުފުލާ ދައުލަތުން ދޫކޮށްލައިފިއެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ހާމަކުރި ގޮތުގައި މަސްތުވާތަކެތި ބޭނުން ކުރުމުގެ ދައުވާ ކުރެވެނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 55 ވަނަ މާއްދާ އާއި މަސްތުވާތަކެއްޗަށް ޓެސްޓުކުރުމަށްޓަކައި ނެގޭ ކުޑަކަމުދާއެއްޗެހީގެ ސާމްޕަލާ މެދު އަމަލުކުރާނެ ގޮތުގެ ގަވާއިދުގައިވާ އިޖުރާއަތުގެ ދަށުން ކަމަށްވީ ނަމަވެސް ރައުދު ކުޑަކަމުދާތަކެތި ދޭން އެންގިއިރު، އެފަދަ އެއްވެސް ހާލަތެއް ނެތް ކަމަށެވެ.
ޕީޖީ އޮފީހުގެ މީޑިޔާ އޮފިސަރު އަހުމަދު ޝަފީއު ވިދާޅުވި ގޮތުގައި އެހެންކަމުން، ފުލުހުން ނަގާފައިވާ ކުޑަކަމުދާތަކެތީގެ ސާމްޕަލްގެ ރިޕޯޓަށް ރިއާޔަތްކޮށް ރައުދުގެ މައްޗަށް ދައުވާ އުފުލޭނެ ހާލަތެއް ނެތް ކަމަށެވެ.
ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 55 ވަނަ މާއްދާގައި ބަޔާންކުރަނީ ބަންދުގައި ހުންނަ މީހާގެ ސާމްޕަލް ނެގުމުގައި ފުލުހުންނަށް ލިބިދޭ އިހްތިޔާރުގެ ވާހަކަ އެވެ. އަދި ކުޑަކަމުދާތަކެތީގެ ސާމްޕަލް ނެގުމުގެ ގަވާއިދުގެ ތިން ވަނަ މާއްދާގައި ސާމްޕަލް ނެގުމަށް އެދެވޭނެ ހާލަތްތައް ބަޔާންކުރެ އެވެ. އެ ހާލަތްތަކަކީ:-
- މަސްތުވާއެއްޗެއް ބޭނުންކުރިކަމުގެ ތުހުމަތުގައި ނުވަތަ މަސްތުވާއެއްޗެއް އަތުގައި ބެހެއްޓިކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުން؛
- މަސްތުވާއެއްޗެއް ކަމަށް ޝައްކު ކުރެވޭ އެއްޗެއް މީހެއްގެ އަތުން ފެނުން؛
- މަސްތުވާއެއްޗެއް ބޭނުންކުރި ކަމަށް ނުވަތަ ބޭނުންކޮށްގެން ހުރިކަމަށް މީހަކު އިއުތިރާފުވުން؛
- މަސްތުވާތަކެތީގެ މައްސަލައެއް ފިޔަވައި އެހެން ކުށެއްގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް މީހަކު ގެނެވޭއިރު އޭނާގެ އަމަލުތައް ހުރިގޮތުން އޭނާ ހުރީ މަސްތުވާއެއްޗެއް ބޭނުންކޮށްގެން ކަމަށް ފުލުހުންނަށް ގަބޫލު ކުރެވުން. އެވެ.
މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހުގެ ރޭ ހ. ފެންޓެނޯއީގެއިން ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް ޔުމްނު ވެއްޓުނު މައްސަލާގައި ރައުދުގެ ކުޑަކަމުދާތަކެތީގެ ސާމްޕަލް ޖެހިގެން އައި ދުވަހު ފުލުހުން ނެގި އެވެ. އެ ސާމްޕަލުން އޭނާ ކެނެބިސްއަށް ޕޮޒިޓިވްވި ނަމަވެސް، އޭނާ އޭރު ހައްޔަރެއް ނުކުރެއެވެ. އޭނާ ހައްޔަރުކުރީ އޭގެ ހަ ދުވަސް ފަހުންނެވެ.
މައްސަލާގައި ރައުދުގެ މައްޗަށް ދައުލަތުން ކުރީ އެހީއަށް ބޭނުންވެފައިވާ މީހަކަށް އެކަށީގެންވާ ސަބަބެއްނެތި އެހީތެރިކަން ފޯރުކޮށްނުދިނުމުގެ ދައުވާ އެވެ. އެ ކުށުގެ އަސާސީ އަދަބަކީ އެއް މަހާއި 6 ދުވަހުގެ ޖަލު ހުކުމެކެވެ. އަދި މަސްތުވާތަކެތި ބޭނުންކުރިކަމުގެ ދައުވާކުރަން ފުލުހުން އެދުނު ނަމަވެސް، އެ ދައުވާ ދައުލަތުން އޭނާގެ މައްޗަށް އުފުލާފައެއް ނުވެއެވެ.