

ކުރީގެ ކޮންޓްރޯލާ ޖެނަރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދު ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކުރި މައްސަލައިގެ އިސްތިއުނާފު މައްސަލައިގައި ދެން ބާއްވާ އަޑުއެހުމެއްގައި ހުކުމު ކުރުމަށް ނިންމައިފިއެވެ.
ޝަމްއާން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކުރިމިނަލް ކޯޓުން ކުރި ހުކުމަށް ހައިކޯޓުން ވެސް ތާއީދުކޮށްފައިވާތީ ޝަމްއާންގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ މައްސަލައިގެ ފުރަތަމަ އަޑުއެހުން ބޭއްވީވެސް މިއަދުއެވެ.
ކުރިމިނަލް ކޯޓުންވެސް އަދި ހައި ކޯޓުންވެސް ކުރި ހުކުމުގައި ވަނީ ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ ނިންމެވީ ހައި ކޯޓުގެ ހުކުމް ގާނޫނީ އަދި ޝަރުއީ ހަމަތަކާ ހިލާފު ކަމަށް ބަޔާންކުރާ އިސްތިއުނާފީ ނުކުތާއެއް ހުށަހަޅާފައި ނުވާ ކަމަށް ބުނެފައެވެ.
ބަންދުގެ މައްސަލައާއި ގުޅުވައި ޝަމްއާންގެ ފަރާތުން ހައިކޯޓަށް ދެ މައްސަލައެއް ހުށަހެޅިއެވެ. އޭގެ ތެރެއިން އެއް މައްސަލައަކީ އޭނާ 15 ދުވަހަށް ބަންދު ކުރުމަށް އަމުރުކުރި މައްސަލައެވެ. ދެވަނަ މައްސަލައަކީ 15 ދުވަސް ހަމަވާން 1 ދުވަހަށް ވެފައިވަނިކޮށް ޝަރީއަތް ނިމެންދެން ކުރި އަމުރާގުޅޭ މައްސަލައެވެ.
މިއަދުގެ އަޑު އެހުމުގައި ޝައްމާނުގެ ވަކީލު ނޫރުއްސަލާމު ވިދާޅުވީ ރާއްޖޭގައި ކޮރަޕްޝަނުގެ މައްސަލަ ބެލުމަށް އުފައްދާފައި، ގާނޫނީ ބާރު ދެއްވާފައިވާ އޭސީސީގެ ބައިވެރިވުމެއް ނެތި ފުލުހުންނަށް އެކަނި ކޮރަޕްޝަންގެ މައްސަލައެއްގެ ތަހުގީގެއް ނުހިންގޭނެ ކަމަށެވެ. އަދި ހައިކޯޓުން އެގޮތަށް ނިންމާފައިވަނީ ގާނޫނާ ހިލާފަށް ކަމަށެވެ.
މިއީ ކޮރަޕްޝަންގެ މައްސަލައަކަށްވާތީ، އޭސީސީއާ ނުލަައި ފުލުހުންނަށް އެކަނި ކޮރަޕްޝަނުގެ މައްސަލަ ބެލިދާނެތޯ ވަކީލު ވަނީ ސުވާލު އުފައްދާފައެވެ. އަދި ގާނޫނާ އެއްގޮތަށް އަމަލުކުރާނަމަ މި މައްސަލައިގައި ފުލުހުން ތަހުގީގު ހިންގަން ޖެހޭނީ އޭސީސީއާ ގުޅިގެން ޖޮއިންޓު އިންވެސްޓިގޭޝަނެއް ގޮތަށް ކަމަށް ވަކީލު ވަނީ ފާހަގަކުރައްވާފައެވެ.
ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ނިންމި ނިންމުމާ ގުޅޭ އިސްތިއުނާފީ ނުކުތާ ހުށަހަޅުއްވަމުން ވަކީލު ވިދާޅުވީ، އެ ނިންމުމާ ގުޅޭގޮތުން ހައިކޯޓަށް ޝަމްއާންގެ ފަރާތުން ހުށަހެޅި ނުކުތާއަކީ އިސްތިއުނާފީ އޮޅިގަނޑު ގިރާކުރާ ވަރުގެ ނުކުތާއެއް ނޫންކަމަށް ކަނޑައަޅާފައިވަނީވެސް މަތީ މަރުޙަލާގެ ކޯޓުތަކުން ކުރިން ނިންމާފައިވާ ނިންމުންތަކަށް ތަބާވުމުގެ ދުސްތޫރީ ނިންމުމާ ޚިލާފަށްކަމަށެވެ. އެގޮތުން ޝަމްއާން ހުށަހެޅި ނުކުތާއަކީ ސުޕްރީމް ކޯޓުން މީގެ ކުރިން ނިންމާފައިވާ ނިންމުމަކާ ޙަވާލާދީ ހައިކޯޓަށް ހުށަހެޅި ނުކުތާއެއްކަމަށް ވަކީލު ވިދާޅުވިއެވެ.
ދައުލަތުން ވަނީ ޝައްމާނުގެ އިސްތިއުނާފީ މައްސަލައިގައި ހިމެނޭ ހައިކޯޓުން ގާނޫނީ ހިލާފަށް ނިންމި ހުކުމުގެ ވާހަކަ ދޮގުކޮށްފައެވެ. ދައުލަތުން ވިދާޅުވީ ހައިކޯޓުގެ ހުކުމުގައި އެހެން ބުނެފައިވަނީ މަނީލޯންޑަރިންގެ ކުށާއި ކޮރަޕްޝަންގެ ކުށާއި ގުޅިފައިވާތީވެ، އެއީ ކުށްކޮށްގެން ހޯދާފައިވާ ފައިސާކަން ދެނެގަތުމަށް ޓަކައި އެ އަމަލު ދެނެގަތުމަށް ޓަކައި ފުލުހުންނަށް އެކަނި ވެސް ތަހުގީގު ހިންގިދާނެ ކަމަށް ނިންމި ނިންމުމެއް ކަމަށެވެ. އަދި އިސްތިއުނާފީ އޮޅިގަނޑު ގިރާކުރަންޖެހޭ ހަރުދަނާ ގާނޫނީ ސަބަބެއް މި މައްސަލައިގައި އޮތް ކަމަކަށް ދައުލަތުން ނުދެކޭ ކަމަށް ވިދާޅުވިއެވެ.
މިއަދުގެ އަޑު އެހުން ނިންމަވާ ލައްވާ ގާޒީ ވަނީ މައްސަލައިގައި ދެން އޮންނާނީ ހުކުމް ކުރާ އަޑުއެހުން ކަމަށް އިއުލާންކޮށްފައެވެ.
ބިދޭސީއެއްގެ އަތުން ފައިސާ ނެގުމަށް ފަހު، އެ މީހާ ބަންދުން ދޫކޮށްލި ކަމަށް ތުހުމަތު ކުރާ މައްސަލައިގައި އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި ޝަމްއާންގެ މައްޗަށް މިހާރު ވަނީ ދައުވާ އުފުލައިފަ އެވެ.
ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ބުނެފައިވާ ގޮތުގައި ޝަމްއާންގެ މައްޗަށް ތިން ދައުވާއެއް ވަނީ އުފުލައިފަ އެވެ. ފުރަތަމަ ދައުވާއަކީ ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ. އެއީ ސާބިތުވެއްޖެ ނަމަ ތިން އަހަރާއި ދެ މަހާއި ދެ ދުވަހުގެ ޖަލު ހުކުމެއް އަންނަ ފަދަ ދައުވާއެކެވެ.
ދެވަނަ ދައުވާއަކަށް އުފުލީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އެވެ. އެ ދައުވާ ސާބިތުވެއްޖެ ނަމަ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ. ތިންވަނަ އަށް އުފުލާފައިވަނީ މަނީ ލޯންޑްރިންގެ ދައުވާ އެވެ. އެއީ ފަސް އަހަރާއި 15 އަހަރާ ދެމެދު ހުކުމެއް އަންނަ އަދި ޖޫރިމަނާގެ ގޮތުގައި އެއް މިލިއަން ރުފިޔާއާ ހަމައަށް ދައުލަތަށް ދައްކަންޖެހޭ ގޮތަށް އަދަބު ކަނޑައެޅޭ ފަދަ ދައުވާ އެކެވެ.
ޝަމްއާން ލޯންޑާ ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ ފައިސާގެ ތެރެއިން އޭނާގެ ގެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ 250،000 ރުފިޔާ ދައުލަތަށް ނަގައިދިނުމަށާއި ޝަމްއާންގެ އަތުގައި ބެހެއްޓި ޖުމްލަ 400،000 ރުފިޔާގެ ބާކީއަށްވާ 150،000 ރުފިޔާގެ ބަދަލުގައި އޭނާގެ ގެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ފައިސާތަކުގެ ތެރެއިން އެ އަދަދަށްވާ ފައިސާ ދައުލަތަށް ނަގައިދިނުމަށް ދައުވާފައި އެދިފައި ވެ އެވެ.
ބިދޭސީމީހާގެ އަތުން ފޭރުނު ކަމަށް ބުނާ ފައިސާއަށްވާ ބަދަލު ނަގައިދިނުމަށް ވެސް ދައުލަތުން އެދިފައިވެ އެވެ.
ޝަމްއާން މަގާމުން ވަކިކޮށް ހައްޔަރުކުރީ 2023 ވަނަ އަހަރުގެ މާރިޗު މަހުގެ 22 ވަނަ ދުވަހު އެވެ.
ޝަމްއާން ހައްޔަރުކުރީ ފްރޭމްކޮށްގެން ކަމަށް އޭނާގެ އަނބިކަނބަލުން ވަނީ ވިދާޅުވެފައެވެ. އެއީ ހޯމް މިނިސްޓްރީ އާއި ހޯމް މިނިސްޓަރު އަލީ އިހުސާން ހިންގާ ކޮރަޕްޝަންގެ މައްސަލަތައް ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ހިއްސާ ކުރުމުން ކަމަށް ޝަމްއާންގެ އާއިލާއިން ބުނެފައިވެ އެވެ.