
ދައުލަތުން މުސާރަ ނަންގަވައިގެން ތިއްބަވާ ސަފީރުންނާއި ސިޔާސީ ބޭފުޅުން ކެމްޕެއިނަށް ރާއްޖެ ވަޑައިގަތުމަކީ ވަރަށް 'އަންޑިޕްލޮމެޓިކް' ކަމެއް ކަމަށް ވިދާޅުވެ، ޕީއެންއެފްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު މަލީހް ޖަމާލް އެ ބޭފުޅުން ވަގުތުން މަސައްކަތަށް އެނބުރި ވަޑައިގަތުމަށް ގޮވާލައްވައިފިއެވެ.
މަލީހް މިފަދައިން ގޮވާލެއްވީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ އިތުރުން ފެންނަ ނުފެންނަ ވޯޓުގެ ކެމްޕެއިނަށް ބޭރު ގައުމުތަކުގައި ތިއްބަވާ ސަފީރުންނާއި ޑެޕިއުޓީން އަދި އެޓާޗީން ރާއްޖެ ވަޑައިގަތުމާ ގުޅިގެންނެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މަލީހް ވަނީ، ދައުލަތުގެ މުސާރަ ނަންގަވައިގެން އަމިއްލަ ޕާޓީގެ ސިޔާސީ މަސައްކަތަށް އެނބުރި ރާއްޖެ އައުން ބަލައިނުގަނެވޭނެ ކަމަށް ވިދާޅުވެ، އެ ބޭފުޅުން ވަގުތުން މަސައްކަތަށް އެނބުރި ދިއުމަށް ބާރުއަޅުއްވާފައެވެ. އަދި ކުރިއަށް އޮތް ތަނުގައި މިފަދަ ކަންކަން ތަކުރާރު ނުކުރުމަށްވެސް އޭނާ ވަނީ އިލްތިމާސްކުރައްވާފައެވެ.
މަލީހް ވިދާޅުވީ، ސަފީރުންނަކީ ގައުމުގެ ހައިބަތާއި ޑިޕްލޮމެޓިކް އުސޫލުތައް ހިފަހައްޓަންޖެހޭ ބަޔަކަށްވާއިރު، މަގާމުގެ މަސްއޫލިއްޔަތު ދޫކޮށް ޕާޓީގެ މަސައްކަތަށް ނުކުތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.




