theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved
ދީނުގެ އަސްލަކާ ޚިލާފުވާ ކަމަކީ ސަރުކާރުގައި އަށަގެންފައިވާ މުންކަރާތްތައް ފޮރުވުން: ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު / ސޯޝަލް މީޑިއާ
ހަބަރު
ދީނުގެ އަސްލަކާ ޚިލާފުވާ ކަމަކީ ސަރުކާރުގައި އަށަގެންފައިވާ މުންކަރާތްތައް ފޮރުވުން: ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު
25 ޖެނުއަރީ 2026
މާލެ ސިޓީ

އިސްލާމްދީނުގެ އަސްލަކާ ޚިހާފުވާ ކަމަކީ ސަރުކާރުގައި އަށަގެންފައިވާ މުންކަރާތްތައް ފޮރުވުން ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވެފައިވަނީ، އަދަދު ނޫހުން މިދިޔަ ބުރާސްފަތި ދުވަހު ގެނެސްދިން ކާޓޫނާ ގުޅިގެން އެ ނޫހަށް އެ ކާޓޫން ނަގަން އަންގާ އެ ސެގްމަންޓުވެސް އުނިކުރަން މޯލްޑިވިސް މީޑިޔާ އެންޑް ބްރޮޑްކާސްޓިންގ ކޮމިޝަނުން އެންގުމާ ގުޅިގެން ކުރެއްވި އެކްސް ޕޯސްޓެއްގައެވެ.

ޑރ ދީދީ ކުރެއްވި ޕޯސްޓުގައި އެމަނިކުފާނު ވިދާޅުވެފައިވަނީ، އެ ކާޓޫނުން ތަޢުބީރުކޮށްދެނީ ދިވެހި ސަރުކާރުގެ ގުނަވަންތަކުގައި އެއްވެސް ޙައްދެއްނެތް މިންވަރަށް ފަސާދަ އަށަގެންފައިވާ މިންވަރު ކަމަށާއި އެ ކުރެހުމަކީ އިސްލާމްދީނުގެ އަސްލަކާ ހިލާފު ކާޓޫނެއް ކަމަށް ބުނެވޭނެ ޝަރުއީ އަދި ގާނޫނީ އެއްވެސް އަސާސެއް ނެތް ކަމަށެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވެފައިވަނީ، އެ ކުރެހުމާ ގުޅިގެން މީޑިއާ ކޮމިޝަނުން އަދަދު އޮންލައިން އަށް ފޮނުވި ސިޓީގައި ގާނޫނު އަސާސީގެ 10 ވަނަ މާއްދާގެ (ހ) އާއި 27 ވަނަ މާއްދާއާ ހަވާލާދީ އެ ކުރެހުމަކީ އެ މައްދާތަކާ ހިލާފު "ކޮންޓެންޓް" އެއްކަމަށް ފާހަގަކޮށްފައި ވާއިރު، 10 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވަނީ ދިވެހި ދައުލަތުގެ ދީނަކީ އިސްލާމި ދީން ކަމަށާއި އަދި އިސްލާމްދީނަކީ ރާއްޖޭގެ ގާނޫނުގެ މައިގަނޑު މަސްދަރު ކަމުގައެވެ. 27 ވަނަ މާއްދާގައި ބުނަނީ އިސްލާމްދީނުގެ އަސްލަކާ ހިލާފުނުވާ ގޮތުގެ މަތިން މިނިވަން ކަމާއެކު ހިޔާލުފާޅުކުރުމުގެ ހައްގު ކޮންމެ މީހަކަށް ވެސް ލިބިގެންވާ ކަމަށެވެ.

މި ދުސްތޫރީ ނައްސުތަކުގެ އަލީގައި އަދަދު އޮންލައިންގައި ޝާއިއުކޮށްފައިވާ ކުރެހުމަށާއި އެ ކުރެހުމުން ރަމްޒު ކޮށްދޭ މާނައަށް ބެލުމުން އެ ކުރެހުމަކީ އިސްލާމްދީނާ ނުވަތަ އިސްލާމްދީނުގެ އަސްލަކާ ހިލާފު ކޮންޓެންޓެއް ކަމަށް މީޑިއާ ކޮމިޝަނުން ފާހަގަކޮށްފައި ވަނީ އެއްވެސް ސައްހަ ޝަރުއީ އަދި ދުސްތޫރީ ނުވަތަ ގާނޫނީ އަސާސެއްގެ މައްޗަށް ބިނާކޮށް ނޫންކަން ސާފުކޮށް އެނގޭ ކަމަށް ދީދީ ވިދާޅުވިއެވެ.

އިތުރަށް ތަފްސީލު ކޮށްދެއްވަމުން ޑީޑީ ގެ ޕޯސްޓްގައި ވިދާޅުވީ  އަގީދާގެ ދާއިރާގައި ސުންނަތް ޖަމާއަތުގެ މީހުން ކައިރީގައި އިސްލާމްދީނުގެ އަސްލަކީ އީމާންކަމުގެ ހަ ރުކުނަށް ފުރިހަމައަށް އީމާންވުން ކަމަށެވެ. އަދި، ޝަރުއީ ހުކުމްތަކާއި ގާނޫނީ ދާއިރާއިން ބަލާއިރު، އިސްލާމްދީނުގެ އަސްލުކަމުގައި ބެލެވެނީ އެއާމެދު އެއްވެސް ހިލާފެއް އުފެދިފައި ނުވާ ޤަތުޢީ ދަލީލުުތަކުން ސާބިތުވެފައިވާ އިސްލާމީ ޝަރީއަތުގެ ހުކުމްތަކާއި އާންމު މަގުސަދުތަކާއި މަބްދައުތަކާއި އުސޫލުތައް ކަމަށް ދީދީ ވިދާޅުވިއެވެ.

އެހެންކަމުން، އަދަދު އެ ކުރެހުމަކީ އިސްލާމްދީނުގެ އަސްލަކާ ހިލާފު އެއްޗެއް ކަމަށް ބަލަންޖެހޭ އެއްވެސް ޝަރުއީ އަދި ގާނޫނީ އަސާސެއް ނެތްކަން، ޕޯސްޓްގައި ފާހަގަކުރެއްވި ދެ ވަނަ ނުކުތާއިން އިތުރަށް ސާފުވެގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ދެވަނަ ނުކުތާގައި އެމަނިކުފާނު ވިދާޅުވީ މީހެއްގެ ނުވަތަ ބައެއްގެ އަމަލަކީ އިސްލާމްދީނުގެ އަސްލަކާ ހިލާފު އަމަލެއްތޯ ކަނޑައެޅުމުގައި ބަލަންޖެހެނީ އުސޫލުލްފިގުހުގެ ޤާއިދާއެއް ކަމުގައިވާ "އަލް އުމޫރު ބިމަޤާޞިދިހާ" ގެ ތަތުބީގާތު ތަކަށް ކަމަށެވެ. އުސޫލުލްފިގުހުގެ އެ ޤާއިދާ އަކީ، އަމަލެއްގެ މައްޗަށް ހުކުމެއް ކުރެވޭނީ އެ އަމަލެއް ހިންގި މަގުސަދަށް ބެލުމަށްފަހުގައި ކަމަށް އޮންނަ ޤާއިދާ އެކެވެ. އަދި މި ޤާއިދާގެ މަފްހޫމަކީ ޝަރުއީ އުސޫލުތަކާ ހިލާފުނުވާ ތަފާތު ކަންކަމާއި ތަސައްރުފާތުތައް ބަލައި ވަޒަންކުރަން ކުރުމުގައި ޝަރުއީ މިންގަނޑަކީ އެ ކަންކަމުގެ މަގުސަދު ކަމަށާއި ބޭރު ފުށަށް ފެންނަ ގޮތް ނޫންކަމަށް ދިދީ ވިދާޅުވިއެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ އެ ކުރެހުމުގައި، ނަމާދުކުރާ މަންޒަރާއި ރިޝްވަތު ދޭ މަންޒަރު އެކީގައި ދައްކުވައިދިނުމުގެ ހަގީގީ މަގުސަދަކީ ސަރުކާރުގެ ވެރިންނާއި މުއައްސަސާތަކުގެ މެދުގައި ފަސާދަ އެއްވެސް ހައްދެއް ނެތް މިންވަރަށް ވަކި ވަގުތަކާއި ޒަމާނަކަށް ބެލުމެއް ނެތި ފެތުރިފައިވާ މަންޒަރު ތައުބީރު ކޮށްދިނުން ކަމުގަ އެވެ. ހާއްސަކޮށް ރައީސް މުއިއްޒު ގެ ސަރުކާރަކީ އިސްލާމީ ފިކުރަށް ތަބާވާ ސަރުކާރެއް ކަމަށް ވަކާލާތުކޮށް ދައުވާކުރަމުން ދާއިރު، ސަރުކާރުގެ ހުރިހާ ގުނަވަނެއްގައި ހައްދުފަނައަޅާފައިވާ މިންވަރަށް ފަސާދަ އަށަގެންފައިވާ ކަން އަންގައިދުނުން ކަމުގައެވެ.

ދައުލަތާއި ސަރުކާރުގެ މުއައްސަސާތަކާއި ވެރިންގެ މެދުގައި އަށަގެންފައިވާ ފަސާދަ އާއި ޚިޔާނާތުގެ ކަންކަން ރައްޔިތުންނަށް ހާމަކުރުމަކީ ގާނޫނު އަސާސީގެ 27 އަދި 28 ވަނަ މާއްދާގެ ހުދޫދުގެ ތެރޭގައި ނޫސްވެރިންނަށް ލިބިގެންވާ މިނިވަންކަމެއް ކަމަށް ދީދީ ވިދާޅުވިއެވެ.

އެމަނިކުފާނު ވަނީ އަދަދު އޮންލައިންގެ ކުރެހުމާ ގުޅިގެން  އިސްލާމީ ބައެއް ފުންނާބު އުސް ޢިލްމުވެރިންނާއި ސުވާލުކުރުމުން ހުރިހާ ބޭފުޅުން ވެސް އިއްތިފާގުވީ ކުރެހުމުގައި އިޞްލާމްދީނަށް ފުރައްސާރަކުރާ ފަދަ ކަމެއް އެކުލެވިގެން ނުވާކަމަށް ވިދާޅުވެފައިވާކަން ހާމަކުރައްވާ އެ މުއާމަލާތްތަކުގެ ސްކްރީން ޝޮޓުވެސް ހިއްސާކުރައްވާފައެވެ.

އެ ކުރެހުމުގެ އަސްލު މަގްސަދު އޮޅޭ ގޮތަށް، އެއީ އިސްލާމްދީނުގެ އަސްލަކާ ޚިލާފު ކުރެހުމެއް ކަމަށާއި އަދި އެއީ އިސްލާމްދީނަށް ފުރައްސާރަކުރުން ކަމުގައި ދޭހަވާ ގޮތަށް ބައެއް ފަރާތްތަކުން ވަކާލާތުކުރުމަކީ، ކޮރަޕްޝަނާއި ފަސާދަ ފަދަ މުންކަރާތްތައް ނަހީ ކުރުމުގެ ބަދަލުގައި އެކަން ފޮރުވަން ކުރާ މަސައްކަތެއް ކަމަށް ދިދީ ވިދާޅުވެފައިވެއެވެ. އެހެން ކަމުން  އިސްލާމްދީނުގެ އަސްލަކާ ހިލާފުވާ ކަމަކީ، ސަރުކާރުގައި އަށަގެންފައިވާ މުންކަރާތްތައް ފޮރުވުންކަމަށާއި، އަދަދު ނޫހުގެ ކުރެހުން ނޫން ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved