
މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ނުރަނގަޅު އަސަރުތަކެއް ކުރަމުންދާކަމަށް ބުނެ، ސަރުކާރު ހިއްސާވާ ކުންފުނިތަކުން ހަރަދު ކުޑަކުރުމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން ކުއްލި އެންގުމެއް އަންގައިފިއެވެ. ޕީސީބީގެ ރައީސް މުހައްމަދު އަނަސް ސޮއިކުރައްވާ ނެރުނު ސާކިއުލާގައި، ރާއްޖެއިން ބޭރަށް ކުރާ ރަސްމީ ދަތުރުތައް ހުއްޓާލުމަށާއި، ކޮންމެހެން ކުރަންޖެހޭ ދަތުރުތަކުގައި ބިޒްނަސް ކްލާސް ބޭނުންނުކުރުމަށް ވަނީ އަންގާފައެވެ.
މީގެ އިތުރުން، ބޭރުގެ ކަސްޓަމަރުންނާ އޮންލައިންކޮށް ބައްދަލުކުރުމާއި، ބޭރުގައި ބާއްވާ ތަމްރީނުތަކާއި ފެއާތަކުގައި ބައިވެރިވުން މަދުކުރުމުގެ އިތުރުން، އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ކަރަންޓު ހަރަދު ކުޑަކުރުމަށް ވެސް އަށް ފިޔަވަޅެއްގެ މައްޗަށް އެކުލެވޭ މި ސާކިއުލާގައި ބަޔާންކޮށްފައިވެއެވެ.
ނަމަވެސް ފާހަގަކޮށްލެވޭ ކަމަކީ، ދާދި ފަހުން ބޭއްވުނު ކައުންސިލް އިންތިޚާބާ ދިމާކޮށް ސަރުކާރުން އިގްތިސާދީ ހާލަތު ރަނގަޅު ކަމަށް ދައްކައި، ހަރަދު ކުޑަކުރަން ނުޖެހޭ ކަމަށް ބުނަމުން ދިޔަ ކަމެވެ. އިންތިޚާބުގެ ވޯޓު ފޮށިތައް ބަންދުވެ، ނަތީޖާ އިއުލާނުކޮށް ނިމުމާއެކު، ކުއްލިއަކަށް އިގްތިސާދީ ނުރައްކަލުގެ ރަނގަބީލު ޖަހަން ފެށުމުން ގިނަ ބަޔަކު ދަނީ ސަރުކާރުގެ އިހުލާސްތެރިކަމާ މެދު ސުވާލު އުފައްދަމުންނެވެ. އިންތިޚާބު ކާމިޔާބު ކުރުމަށްޓަކައި ހަގީގީ ހާލަތު އޮޅުވާލުމަށްފަހު، މިހާރު މި ގެންނަ ހަރުކަށި ބަދަލުތަކަކީ އާންމު ރައްޔިތުންނާއި ކުންފުނިތަކުގެ ހިންގުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމެއް ކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ތުހުމަތު ކުރަމުންނެވެ.










