މިފްކޯގެ ސީއީއޯއަކަށް ކުރީގެ ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް ފަރުހަތު އައްޔަންކޮށްފި / ސޯޝަލް މީޑިއާ
ހަބަރު
މިފްކޯގެ ސީއީއޯއަކަށްވެސް ރިޓަޔާޑް އޮފިސަރެއް!
Mariyam Isaadha
މަރިޔަމް އިސާދާ
05 މާރިޗު 2025
މާލެ ސިޓީ

ސަރުކާރުގެ މަސް ކުންފުނި، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ސީއީއޯއަކަށް ކުރީގެ ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް ފަރުހަތު ޝަހީރު އައްޔަނުކޮށްފިއެވެ.

މިފްކޯގެ ސީއީއޯއަކަށް ފަރުހަތު ހަމަޖައްސާފައިވާކަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިއަދު ވަނީ ހާމަކޮށްފައެވެ.

ފަރުހަތު ޝަހީރު އަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްތިއުފާދެއްވިއިރު އެ ސަރުކާރުގައި އެމްއެންޑީއެފްގެ ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ހުންނެވި ބޭފުޅާއެވެ. ވެރިކަން ބަދަލުވުމާއެކު، ހަމަ އެ އަހަރުގެ ފެބްރުއަރީ ތެރޭގައި ފަރުހަތު މަގާމުން އިސްތިއުފާ ދެއްވިއެވެ. އޭގެފަހުން ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ފަރުހަތު ޝަހީރު ހުންނެވީ އައިޖީއެމްއެޗުގެ ސީއީއޯގެ މަގާމުގައެވެ.

ފަރުހަތު މި މަގާމަށް އައްޔަންކޮށްފައި މިވަނީ ދައުލަތުގެ ބައެއް ބޮޑެތި ކުންފުނިތަކަށް ސަރުކާރު ފެށުނުއިރު ރައީސް ޑރ މުހައްމަދު މުއިއްޒު އައްޔަންކުރި ވެރިން ބަދަލުކޮށް ރިޓަޔާޑް އޮފިސަރުން އެމަގާމުތަކަށް އައްޔަން ކުރަމުން ދާ ދަނޑިވަޅެއްގައެވެ. އެގޮތުން މީގެ ކުރިން ފެނަކަ އާއި އެމްޕީއެލް ފަދަ ބައެއް ކުންފުނިތަކުގެ ހިންގުން ވެސް މިލިޓަރީ ނުވަތަ ފުލުހުންގެ ތެރޭގައި މަސައްކަތް ކުރައްވާފައި ތިއްބެވި ބޭފުޅުންނާ މި ސަރުކާރުން ވަނީ ހަވާލު ކޮށްފައެވެ.

މިފްކޯގެ ސީއީއޯގެ މަގާމު ހުސްވީ އެ މަގާމަށް މިދިޔަ ޑިސެމްބަރު މަހު އައްޔަނުކުރި ޑރ. ވިޓަލީ ލިއުބިމޯވް މިދިޔަ ހޯމަ ދުވަހުގެރޭ ކުއްލި ގޮތަކަށް އެ މަގާމުން ވަކި ކުރުމުންނެވެ. އޭނާ މަގާމުން ވަކި ކުރި ސަބަބެއް ސަރުކާރުން ހާމަކޮށްފައިނުވެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved