

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ ރައީސް ހަމްދީ އަގީލް، މަގާމުން ވަކިކުރައްވައިފިއެވެ.
ރައީސް ޑރ މުހައްމަދު މުއިއްޒު ޕީސީބީގެ ބޯޑުގެ ރައީސްގެ މަގާމުން ހަމްދީ ވަކިކުރެއްވި ސަބަބެއް އަދި ސާފުވާ ގޮތް ވަނީ ނުވެފައެވެ.
ހަމްދީ މަޤާމުން ވަކިކޮށްފައި މިވަނީ ސަރުކާރުގެ ކުންފުނިތަކަށް އަމާޒު ކުރައްވައިގެން ދެ ސާކިއުލާއެއް ނެރުއްވައިފައިވަނިކޮށެވެ. އެގޮތުން ކުރިއަށް އޮތް ރޯދަމަހު ކުންފުނިތަކުގެ މުވައްޒަފުންނަށް ދޭ ރޯދަ އިނާޔަތުގެ ފައިސާ ފިޔަވައި އިތުރު ހަދިޔާތައް ނުދިނުމަށް އަންގައި ނެރުނު ސާކިއުލާއަކާއި ކުންފުނިތަކުގެ ހަރަދު ކުޑަކުރުމާ ގުޅޭ ސާކިއުލާރ އެއް ނެރެފައިވެއެވެ.
ޕީސީބީގެ ރައީސަކަށް ހަމްދީ އައްޔަން ކުރައްވާފައި ވަނީ ނޮވެމްބަރު 22، 2023 ގައެވެ.
ހަމްދީ ވަނީ މީގެ ކުރިން ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ މެނޭޖިން ޑިރެކްޓަރުކަމާއި މޯލްޑިވްސް ރޯޑް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމު ވެސް ފުރުއްވައިފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ހަމްދީއަކީ ރައީސް މުއިއްޒު ހޮވުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ. އަދި ހަމްދީއަކީ މަޖިލިސް ރައީސް އަބްދުއްރަހީމްގެ ގާތް ބޭފުޅެއްވެސް މެއެވެ.
ޕީސީބީ އަކީ ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވެޓައިޒް ކުރުމާއި ކޯޕަރަޓައިޒް ކުރުމާއި މޮނިޓަކޮށް، އިވެލުއޭޓް ކުރުމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ބޯޑެވެ.