މާރޗް މަހު ބާއްވަން ނިންމާފައިވާ 3 ބައި-އިލެކްޝަން ފަސްކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ)އިން ހާމަކޮށްފައިވާ ގޮތުގައި މާރޗް މަހު ބާއްވަން ނިންމާފައިވާ 3 ބައި-އިލެކްޝަން ފަސްކޮށްފައިވަނީ މޭ މަހަށެވެ.
މޭމަހަށް ފަސްކޮށްފައިވަނީ ހއ. ތަކަންދޫ ކައުންސިލްގެ އަންހެން މެންބަރުގެ އިންތިހާބާއި، ނ. ވެލިދޫ ކައުންސިލް މެންބަރުގެ އިންތިހާބުގެ އިތުރުން މ. މަޑުއްވަރީ ކައުންސިލް ރައީސްގެ އިންތިހާބެވެ.
ހއ. ތަކަންދޫ ކައުންސިލްގެ އަންހެން މެންބަރުގެ އިންތިހާބާއި، ނ. ވެލިދޫ ކައުންސިލް މެންބަރުގެ އިންތިހާބު ބޭއްވުމަށް މީގެ ކުރިން ނިންމާފައިވަނީ މިމަހު 17 ވާ އާދިއްތަ ދުވަހުކަމަށް ވާއިރު މ. މަޑުއްވަރީ ކައުންސިލް ރައީސްގެ އިންތިހާބު ބޭއްވުމަށް މީގެ ކުރިން ހަމަޖައްސާފައިވަނީ، މި މަހުގެ 30 ވާ ހޮނިހިރު ދުވަހަށެވެ.
ނަމަވެސް، އިންތިހާބުތަކާބެހޭ އާންމު ގާނޫނަށް ގެނައި 5 ވަނަ އިސްލާހާއި ގުޅިގެން އިންތިހާބުތައް މޭ މަހުގެ 4 ވަނަ ދުވަހަށް ފަސްކުރަން ޖެހުނީކަމަށާ އެ އިސްލާހުގައި ރަމަޟާން މަހު އެއްވެސް އިންތިހާބެއް ނުބޭއްވޭނެކަމަށް ބަޔާންކޮށްފައިވާތީ އެގޮތަށް އަމަލުކޮށް އެ ތިން ބައި-އިލެކްޝަންވެސް ފަށްކުރީ ކަމަށް އިލެކްޝަން ކޮމިޝަންއިން ވަނީ ހާމަކޮށްފައެވެ.
އެހެންކަމުން އެ 3 އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ މޭ މަހުގެ 4 ވަނަ ދުވަހު ހެނދުނު 08:00 ޖަހާއިރު ކަމަށާއި އަދި ވޯޓުލާ މަރުކަޒުގެ ކިއު ބަންދުވާނެ ގަޑިއަކީ ހަވިރު 16:00 ޖަހާއިރު ކަމަށް އީސީއިން އަންގަވާފިއެވެ. އަދި މޭ 4 ގައި ނެގޭ ވޯޓުގެ ނަތީޖާ އެމަހުގެ 6 ވަނަ ދުވަހު އިއުލާންކުރާނެކަމަށް އީސީއިން ވިިދާޔުވިއެވެ.