ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ނުހައްގުން ޖަލު ހުކުމެއްގައި ހުންނަވާތާ މިއަދަށް 1216 ދުވަސްވެއްޖެއެވެ.
އެމަނިކުފާނުގެ ސަޕޯޓަރުން ދަނީ އެމަނިކުފާނު މިނިވަން ކުރުމަށް ގޮވާލާ ސޯޝަލް މީޑިޔާގެ ޒަރީޢާއިން ޚިޔާލް ފާޅުކުރަމުންނެވެ.
އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ދިވެހިރާއްޖޭގެ ރައީސްކަމަށް އިންތީިޚާބު ކުރެއްވީ މައިގަނޑު ގޮތެއްގައި ނުހައްގުން ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންގެންދަވާ ރައީސް ޔާމީން މިނިވަން ކުރުމުގެ މަގްސަދުގައި ކަމަށް ވެސް އެ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި ދިވެހިރާއްޖެއަށް ގެނެސްދިން ތަރައްގީއަކީ މިއިން ޒަމާނަކު ފެނިފައިނުވާ ވަރުގެ ތަރައްގީ އަކަށް ވެފައި، އެމަނިކުފާނަކީ އެހެން ވެރިންނާ ތަފާތު ޝަހުސިއްޔަތެއްގެ ވެރިޔެއް ކަމަށް ވެސް އެމަނިކުފާނުގެ ސަޕޯޓަރުން ދަނީ ސޯޝަލް މީޑިޔާގައި ބުނަމުންނެވެ.
ރައީސް ޔާމީން ނުހައްގު ޖަލު ހުކުމެއްގައި ހުންނަވާތާ ހުކުރު ދުވަހަށް 1216 ދުވަސް ވާއިރު އެމަނިކުފާނުގެ ޝަރީއަތްތައް ވެސް ކުރިޔަށް ދަނީ ފިނިހަކަ ބާރުމިނުގައި ކަމަށް ވެސް ބައެއް ފަރާތްތަކުން ސިފަކުރަމުންދާއިރު ރައީސް ޑރ.މުއިއްޒު ވަނީ އެމަނިކުފާނު ހުވާ ކުރުމުގެ ރަސްމިއްޔާތުތެރެއިން ދިވެހިރާއްޖޭގެ ޝަރުއީ ނިޒާމް މިނިވަން ވެފައިވާނެކަމަށް ވިދާޅުވެފައެވެ.
ރައީސް ޔާމީންގެ ފަރާތްޕުޅުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފް މައްސަލައިގެ އަޑުއެހުމެއް އެންމެ ފަހުން ހައި ކޯޓްގައި ބާއްވާފައިވަނީ މިދިޔަ އަަހަރުގެ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހުއެވެ.
ރައީސް ޔާމީން މިނިވަންވެގެން ސިޔާސީ މައިދާނަށް އެނބުރި އަންނާނެ ކަމުގެ އުންމީދު އެބައޮތް ކަމަށްވެސް އެމަނިކުފާނަށް ތާއިދު ކުރައްވާ ފަރާތްތަކުން ދަނީ ބުނަމުންނެވެ.