
ފްރާންސާއި އިނގިރޭސިވިލާތުން ހޮރްމޫޒް ކަނޑުއޮޅިން ކުރާ ދަތުރުފަތުރުގެ މިނިވަންކަން އަލުން ހޯދުމަށް އަމާޒުކޮށްގެން ކޮންފަރެންސެއް އިންތިޒާމްކުރާނެ ކަމަށް ފްރާންސްގެ ރައީސް އެމަނުއެލް މެކްރޮން ވިދާޅުވެއްޖެއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އެމެރިކާއިން ހޮރްމޫޒް ކަނޑުއޮޅި ބަންދު ކުރާނެ ކަމަށް އިއްޔެ އިއުލާން ކޮށްފައެވެ. އޭނާ ބުނީ މި ނިންމުމުގެ ދަށުން އެ މަގަށް ވަދެ ނުކުމެ އުޅޭ އުޅަނދުތައް ހުއްޓުވާނެ ކަމަށެވެ.
"ހޮރްމޫޒް ކަނޑުއޮޅިއާ ގުޅޭގޮތުން، އަޅުގަނޑުމެން ކުރިއަށް އޮތް ދުވަސްތަކުގައި އިނގިރޭސިވިލާތާ އެކު ކޮންފަރެންސެއް އިންތިޒާމް ކުރާނަން، އެއީ އެ ކަނޑުއޮޅީގައި ދަތުރުކުރުމުގެ މިނިވަންކަން އަލުން ހޯދުމަށް އަމާޒުކޮށްގެން ސުލްހަވެރި މަލްޓިނޭޝަނަލް މިޝަނެއްގައި ބައިވެރިވާން ބޭނުންވާ ގައުމުތަކާ އެކު،" މެކްރޮން ވިދާޅުވިއެވެ.
"ހަނގުރާމަކުރާ ފަރާތްތަކާ ވަކިން ބާއްވާ މި ހަރުކަށި ޑިފެންސިވް މިޝަން ގަސްތުކޮށްފައިވަނީ ހާލަތު ހުއްދަވާހާ އަވަހަކަށް ޑިޕްލޮއި ކުރަން،" އޭނާ އިތުރަށް ވިދާޅުވިއެވެ.
އެމެރިކާއިން އެ ކަނޑުއޮޅި ބަންދު ކުރާނެ ކަމަށް އިއުލާން ކުރުމުން މިއަދު ފްރާންސުން ވަނީ އެ ގައުމަށް ފާޑުކިޔާފައެވެ. އެ ގައުމުން ވަނީ މިކަމުގެ ސަބަބުން ދުނިޔޭގެ މާކެޓްތަކަށް ގެއްލުންވާނެ ކަމަށް ބުނެފައެވެ.









