
ގދ. ގައްދޫގައި ހުންނަ ގދ. އަތޮޅު މަދަރުސާގެ އިންޑިއާ އަންހެން ޓީޗަރަކަށް އެ ސްކޫލުގެ ގްރޭޑް 8 ގެ ދަރިވަރަކު ހަމަލާދީ ޒަޚަމްކޮށްލި މައްސަލައިގެ ތަފްސީލު ހާމަވެއްޖެއެވެ. ޓީޗަރުގެ އާއިލާއާ ހަވާލާދީ އިންޑިއާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ހާދިސާ ހިނގަން މެދުވެރިވީ ކްލާސް ގަޑީގައި ދަރިވަރަކު ގޭމް ކުޅޭތީ އެކަން ހުއްޓުވަން އުޅުމުގެ ތެރޭގައެވެ.
މިދިޔަ އާދިއްތަ ދުވަހު ހިނގި މި ހާދިސާގައި އަނިޔާވި ސްމިތާ ނަމަކަށް ކިޔާ މި ޓީޗަރު އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ، އެ ދުވަހު ކްލާހުގައި ކޮމްޕިއުޓަރުން ގޭމެއް ކުޅެން އިން ދަރިވަރަކަށް އެކަން ނުކުރުމަށް ތަކުރާރުކޮށް ނަސޭހަތްތެރިވުމުން ވެސް އެކަން ހުއްޓާނުލި ކަމަށެވެ. އެހެންވެ، އެ ދަރިވަރު ގޭމް ކުޅޭ މަންޒަރު ފޯނުން ރިކޯޑްކޮށް، ޕްރިންސިޕަލަށް ހުށަހަޅާނެ ކަމަށް ބުނުމުން ދަރިވަރު ކުއްލިއަކަށް ކޮންޓްރޯލުން ނެއްޓި ފުރަތަމަ ހޫރާލީ ޓީޗަރުގެ ފޯނު ކަމަށް އޭނާ ބުންޏެވެ.
ސްމިތާ ކިޔައިދިން ގޮތުގައި އެ ދަރިވަރު ވަނީ އޭނާގެ މޫނުމަތީގައި ތަކުރާރުކޮށް ޖަހައި އިސްތަށިގަނޑަށް ދަމައި ބޮޑެތި އަނިޔާތަކެއް ދީފައެވެ. މި ހަމަލާގެ ސަބަބުން ސްމިތާގެ ނޭފަތުން ވަރަށް ބޮޑަށް ލޭ އައިސް އޭނާ ހޭނެތުނު ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ. މި ހަމަލާގައި ޓީޗަރުގެ ނޭފަތުގެ ކަށިގަނޑު ބިނދިފައިވާތީ، އޮޕަރޭޝަނެއް ކުރަން ޖެހިފައިވާ ކަމަށް އާއިލާއިން ބުނެއެވެ.
ފުލުހުން މި މައްސަލަ ބަލަމުންދާ ކަމަށް ބުނެފައިވީ ނަމަވެސް، މިހާތަނަށް މިކަމާ ގުޅޭ އިތުރު ތަފްސީލެއް ރަސްމީ އިދާރާތަކުން ހާމަކޮށްފައެއް ނުވެއެވެ. ޓީޗަރުގެ އާއިލާއިން ބުނާ ގޮތުގައި، މިހާ ހިތާމަވެރި އަދި ނުރައްކާތެރި ހާދިސާއެއް ހިނގާފައިވާއިރު، އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން މިހާތަނަށް އާއިލާއާ އެއްވެސް ވަރަކަށް ގުޅާފައި ނުވާކަމަށް އާއިލާއިން ވަނީ ބުނެފައެވެ.
މި ހާދިސާއާ ގުޅިގެން ގިނަ ބައެއްގެ މެދުގައި ވަނީ ކަންބޮޑުވުން އުފެދިފައެވެ.










