April 18, 2026
Advertisement
-
- / ސޯޝަލް މީޑިއާ

އެމެރިކާއަކީ އެހާ ބާރުގަދަ ގައުމެއް ނޫންކަން ޓްރަމްޕް ދުނިޔެއަށް ސާބިތުކޮށްދީފި: ލުކަޝެންކޯ

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Apr 18, 2026, 03:38 PM
މާލެ ސިޓީ

ބެލަރޫސްގެ ރައީސް އެލެގްޒެންޑަރ ލުކަޝެންކޯ ވިދާޅުވި ގޮތުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސިޔާސަތުތަކުގެ ސަބަބުން، އެމެރިކާއަކީ ދުނިޔެއަށް ދައްކަމުންދާ ފަދަ ބާރުގަދަ ގައުމެއް ނޫންކަން މިއަދު ވަނީ ހާމަވެފައެވެ. ލުކަޝެންކޯ މިހެން ވިދާޅުވީ ދުނިޔޭގެ ސިޔާސީ މަސްރަހަށް އަންނަމުންދާ ބަދަލުތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުންނެވެ.

Advertisement

ލުކަޝެންކޯ ފާހަގަކުރެއްވި ގޮތުގައި ޓްރަމްޕްގެ ވެރިކަމުގައި އެމެރިކާގެ ނުފޫޒު ވަނީ ވަރަށް ބޮޑަށް ކުޑަވެފައެވެ. އަދި އެމެރިކާއިން އެހެން ގައުމުތަކުގެ މައްޗަށް ބާރު ފޯރުވުމަށް ކުރާ މަސައްކަތްތަކަކީ ނާކާމިޔާބު މަސައްކަތްތަކެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

އީރާނާއި ޗައިނާއާ މެދު އެމެރިކާއިން ގެންގުޅޭ ސިޔާސަތުތަކަށް ފާޑުވިދާޅުވަމުން ލުކަޝެންކޯ ވިދާޅުވީ، "އެމެރިކާ މީހުންނަށް އީރާންގެ މައްޗަށް ގަދަނުވެވުނު އިރު ދެން ޗައިނާއާ ފަދަ ގައުމަކާއި ޖައްސާލާނީ ކިހިނެއް؟، ދުވަހަކުވެސް އެ ކަހަލަ ބާރަކާ މުއާމަލާތް ނުކުރެވޭނެ" ކަމަށެވެ. މިއީ އެމެރިކާގެ ބާރު ކުޑަވަމުންދާކަމުގެ ހެއްކެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ޓްރަމްޕްގެ ވެރިކަމުގައި އެމެރިކާއިން ބައިނަލްއަގުވާމީ އެކި އެއްބަސްވުންތަކުން ވަކިވުމާއި، އެކުވެރި ގައުމުތަކާ ދެމެދު އޮތް ގުޅުން ހީނަރުވުމަކީ އެމެރިކާގެ "ސުޕަޕަވަރ" ދަރަޖަ ގެއްލެމުންދާ ކަމުގެ އިޝާރާތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

ލުކަޝެންކޯގެ މި ވާހަކަތަކުން ދޭހަވަނީ، ދުނިޔޭގެ ބާރުތަކުގެ ތަރުތީބު ބަދަލުވަމުންދާ ކަމާއި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަމަލުތަކުގެ ސަބަބުން އެ ގައުމުގެ އަބުރާއި ގަދަރު ދުނިޔޭގެ ކުރިމަތީގައި ކުޑަވެފައިވާ ކަމެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved