
އޭޕްރީލް 14 ވަނަ ދުވަހު ރައީސް މުއިއްޒުގެ ކެބިނެޓަށް ގެނައި ކުއްލި ބަދަލަކީ ސަރުކާރު ހިންގުން ހަރުދަނާކުރުމުގެ ނަމުގައި ރައްޔިތުންގެ ލޮލުގައި އެޅުވި އަނދުނެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރަން ފަށައިފިއެވެ. 10 ވަޒީރަކު އިސްތިއުފާ ދެއްވީ ސަރުކާރަށް ޖާގަ ދިނުމަށް ކަމަށް ބުނެ ސަރުކާރުން ހަގީގަތް އޮޅުވާލާފައިވާއިރު، ހަމަ އެރޭ އިއުލާންކުރި އާ ކެބިނެޓުން ފެނިގެންދިޔައީ 'ކިރުބޯން އުޅެގެން ކިރުތަށި ބޯލުން' ފަދަ އިތުރު ގޯސްތަކެއް ހެދި މަންޒަރެވެ.
އާ ކެބިނެޓްގައި ހީނާ ވަލީދު ހިމެނުމަކީ މި ސަރުކާރުން އިންސާފާއި މެދު ގެންގުޅޭ ދޯހަޅި ސިޔާސަތު ހާމަވެގެންދިޔަ ކަމެކެވެ. އެންސްޕާގެ ހިންގުމާ ހަވާލުވެ ހުންނެވި އިރު، ރައްޔިތުންނަށް އިންތިހާއަށް އިހުމާލުވެފައިވާ ކަމުގެ ތުހުމަތު އޮތް ހީނާ ވަލީދަކީ، އޭނާގެ އިހުމާލުން ތުއްތު ކުއްޖަކު ނިޔާވި ހިތާމަވެރި ހާދިސާގެ ހަނދާންތައް އާންމުންގެ ހިތްތަކުން ފިލައިގެން ނުދަނީސް ވަޒީރުކަމުގެ ފަސްކުރުލީ ހެދުން ތުރުކުރެއްވި ބޭފުޅެކެވެ. މިއީތޯ ރައްޔިތުން އުއްމީދުކުރި އިންސާފަކީ؟
ކަންކަން އިސްލާހުކުރުމުގެ ނަމުގައި ކުރީގެ ވަޒީރުން ބޭރުކޮށް، އާ ބޭފުޅުން އައްޔަނުކުރި އިރު، އެ މަގާމުތަކަށް އިސްކުރީ ކޮރަޕްޝަންގެ ސީރިއަސް ތުހުމަތުތަކުން ފުރިފައިވާ ފަރާތްތަކެވެ. މިއީ ރައްޔިތުންގެ ފެންވަރު ރައީސް މުއިއްޒު ދައްކާލުން ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ނުރުހުން ފާޅުކުރަމުންނެވެ. ސަރުކާރުގެ މި ނިންމުމަކީ ރައްޔިތުންގެ އިހުސާސްތަކަށް ކުޑަވެސް ގަދަރެއް ނުކުރާކަމުގެ ހެތްކެކެވެ.
ސިޔާސީ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ސުވާލު އުފައްދަނީ، މިއީ އިންތިޚާބުން ލިބުނު ނާކާމިޔާބީގެ ރުޅި ރައްޔިތުންގެ މައްޗަށް ބާލަނީތޯއެވެ؟ ކެމްޕޭން ޓީމުތަކުގެ ނާގާބިލުކަމުގެ ޒިންމާ ރައްޔިތުން އުފުލަން ޖެހުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. ހީނާ ވަލީދު ފަދަ އިހުމާލުގެ ރެކޯޑު އޮތް ބޭފުޅުންނަށް މަތީ މަގާމުތައް ދިނުމަކީ ރައްޔިތުންނަށް ކުރި މަލާމާތެކެވެ.
މިހާރުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހީނާ ވަލީދުގެ އިސްތިއުފާއަށް ގޮވާލާ އަޑުތައް ދަނީ ގަދަވަމުންނެވެ. ރައްޔިތުންގެ ވޭނާއި ކަރުުނައަށް ބެލުމެއް ނެތި، ހަމައެކަނި ސިޔާސީ މަންފާއަށްޓަކައި ނިންމާ މިފަދަ ނިންމުންތަކުގެ ސަބަބުން މި ސަރުކާރުގެ އިތުބާރު ވަނީ މުޅިން ގެއްލިފައެވެ.










