ހީނާ ވަލީދު / ރައީސް އޮފިސް
ހަބަރު
އެންސްޕާ ހިންގަން އިމާރާތެއް ހޯދަން އަނެއްކާވެސް އިއުލާންކޮށްފި، މި ފަހަރު ކިހާ ވަރަކުން ދާނެބާ؟
05 ފެބްރުއަރީ 2025
މާލެ ސިޓީ

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ހިންގަން އިމާރާތެއް ހޯދަން އަނެއްކާވެސް އިއއުލާންކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން ގެޒެޓުކުރި އިއުލާނެއްގައި ބުނީ، އޮފީސް އިމާރާތެއް ހޯދަނީ ފަސް އަހަރުގެ މުއްދަތަކަށް ކަމަށެވެ. މި ކަމަށް ޝަރުތުހަމަވާ ބަޔަކު ހޯދާނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން (އެންސީބީ) އުސޫލުގެ މަތިން ކަމަށް ވެސް އިއުލާނުގައި ބުނެފައިވެއެވެ.

ކުރިމަތިލާ ފަރާތްތަކުގެ ޝަރުތުތައް ހިމެނެނީ ބީލަން ފޮތުގަ އެވެ. ބީލަމުގައި ބައިވެރިވުމަށް 500ރ. ދައްކަން ޖެހެ އެވެ. މިކަމާ ގުޅޭ ތަފުސީލީ ލިޔުންތައް މާދަމާއިން ފެށިގެން ފިނޭންސްގެ ވެބްސައިޓުގައި ހުންނާނެ ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.

އެންސްޕާއަށް އޮފީސް އިމާރާތް ކުއްޔަށް ދޭން ބިޑުކުރާ ފަރާތްތަކުން ސެކިއުރިޓީގެ ގޮތުގައި 252،000ރ. ބަހައްޓަން ޖެހޭނެ ކަމަށާއި ބިޑު ކުރުމުގެ ސުންގަޑިއަކީ ފެބްރުއަރީ 16، ގެ މެންދުރު 1:00 ގައި ކަމަށްވެސް އިއުލާނުގައި ބުނެފައިވެއެވެ.

އެންސްޕާ ހިންގަން އޮފީސް އިމާރާތެއް ހޯދަން އިއުލާނުކޮށްފައި މިވަނީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މަސްލަހަތު އޮންނަ މޯލްޑިވްސް މީޑިއާ ހައުސްގެ ނަމުގައި ހިންގާ ކުންފުންޏެއް މެދުވެރިކޮށް އޮފީސް އިމާރާތެއް ހޯދަން ހެދި އެއްބަސްވުން ބާތިލުކުރަން ނިންމިތާ ދެ މަސް ފަހުންނެވެ.

މީޑިއާ ހައުސް އާއެކު ވި އެއްބަސްވުން ބާތިލުކުރީ "އެމްއެމް ޓީވީ" ޗެނަލް ހިންގުމަށް، އެންސްޕާ މެދުވެރިކޮށް ދައުލަތުގެ ބަޖެޓުން މަހަކު ބައި މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޭން އެއްބަސްވެފައިވާ ކަމަށް ތުހުމަތު ކުރެވިފައި އޮއްވައެވެ.

ފިނޭންސް މިނިސްޓްރީގެ ވެބްސައިޓުގައި ހުރި މައުލޫމާތުން އެނގޭ ގޮތުގައި އެންސްޕާގެ އޮފީސް އިމާރާތް ބަދަލުކުރަން، 12،000 އަކަފޫޓުގެ ތަނެއް، ހޯދަން ކުރި އިއުލާނުކުރީ ޓެންޑަ ބޯޑު މެދުވެރިކޮށެވެ. އެ އިއުލާނާ ގުޅިގެން އިމާރާތް ކުއްޔަށް ދޭން ހުށަހެޅީ ވެސް ހަމައެކަނި މޯލްޑިވްސް މީޑިއާ ހައުސިންނެވެ.

ފަނަރަ ފަންގިފިލާގެ، މއ. ސީރާޒީގެއިން ހަތަރު ފަންގިފިލާއެއް އެމްއެމްޓީވީއަށް ކުއްޔަށް ނަގާފައިވާ ކަމަށް މީޑިޔާތަކުގައި މީގެ ކުރިން ރިޕޯޓުކޮށްފައިވެއެވެ. އޭގެ ތެރެއިން އެންސްޕާއަށް ކުއްޔަށް ދިނީ ދެ ފަންގިފިލާ ކަމަށާ ބޮޑުމިނުގައި 4365 އަކަފޫޓު ހުންނަ ކަމަށްވާ ސީރާޒީގެއިން، އެންސްޕާއިން ބޭނުންވާ 12،000 އަކަފޫޓުގެ ޖާގަ ލިބޭނީ ތިން ފަންގިފިލާއިންނެވެ.

އެންސްޕާގެ އޮފީސް ހިންގަން، ރައީސް މުއިއްޒުގެ މަސްލަހަތު އޮތް މޯލްޑިވްސް މީޑިއާ ހައުސިން އޮފީސް އިމާރާތެއް ކުއްޔަށް ދީފައި ވަނީ މަހަކަށް 580،000ރ. އަށެވެ. އެއީ ފަސް އަހަރަށް 34.8 މިލިއަން ރުފިޔާ އެވެ.

މި މައްސަލަ އޭސީސީންވެސް ދަނީ ބަލަމުންދާއިރު މިކަން ރައީސުލްޖުމްހޫރިއްޔާގެ ސަމާލުކަމަށް އައިސްފައިނުވާ ކަމަށް އެމަނިކުފާނު ވަނީ މީގެކުރިން މީޑިޔާއަކަށް ވިދާޅުވެފައެވެ. ރައީސް މުއިއްޒު ޑިސެމްބަރު 22، 2024 ގައި ވިދާޅުވީ މައްސަލަ އެމަނިކުފާނާ ހިސާބަށް އަދި ނާންނަ ކަމަށެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved