
ހޮރްމޫޒް ކަނޑުއޮޅި ހުރަސްކުރަން އުޅުނު ދެ އުޅަނދެއް ހުއްޓުވައި އީރާންގެ އިންގިލާބީ ލަޝްކަރުގެ ބެލުމުގެ ދަށަށް މިއަދު ގެންގޮސްފި އެވެ.
އިރާނުން ނެރުނު ބަޔާނުގައި ވަނީ މި ދެ އުޅަނދު އައިއާރުޖީސީ ގެ ބެލުމުގެ ދަށަށް ގެންދިއުމަށް، އީރާނުގެ އައްސޭރިފަށަށް މިހާރު ގެންގޮސްފައިވާ ކަމަށެވެ. އީރާނުގެ މީޑިއާތަކުން ބުނެފައިވަނީ މި ދެ އުޅަނދަކީ "އެމް.އެސް.ސީ ފްރެންޗެސްކާ" އަދި "އެޕަމިނޮންޑަސް" ނަމަކަށް ކިޔާ ދެ އުޅަނދު ކަމަށެވެ.
އީރާނުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރި ތިން އުޅަނދަކަށް އީރާން ސިފައިން ވަނީ މިއަދު ހަމަލާ ވެސް ދީފަ އެވެ.
އައިއާރުޖީސީއާ ގުޅުން އޮންނަ "ފާރްސް" ނިއުސް އެޖެންސީން ބުނި ގޮތުގައި، "ޔޫފޯރިއާ" ނަމަކަށް ކިޔާ އުޅަނދަކަށް ހަމަލާދީފައިވާއިރު، އެ އުޅަނދު މިހާރު އޮތީ އީރާނުގެ އައްސޭރިފަށުގައި ހުއްޓިފަ އެވެ.
ބުދަ ދުވަހު ހޯރްމުޒް ކަނޑުއޮޅިން ދަތުރުކުރި ކޮންޓެއިނާ ބޯޓަކަށް، އީރާނުގެ ހަތިޔާރު އެޅި ކުދި ބޯޓުތަކަކުން ހަމަލާދީފައިވާ ކަމަށް ވެސް ކަނޑުދަތުރުފަތުރާ ބެހޭ އިދާރާތަކުން ވަނީ ބުނެފަ އެވެ. މި ހަމަލާ ދީފައިވަނީ ސުލްހައިގެ ވާހަކަތަކަށް ފުރުސަތު ދިނުމުގެ ގޮތުން ހަމަލާބަދަލުކުރުން ހުއްޓާލުމުގެ މުއްދަތު އިތުރުކުރެއްވިކަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާނުކުރައްވާފައި ވަނިކޮށެވެ.










