
ނިމިދިޔަ ރަމަޟާން މަހުގެ ބުރަޔާއި ބޮޑެތި ޚަރަދުތަކުން ރައްޔިތުން ސަލާމަތްކޮށްދިނުމުގެ ނަމުގައި ސަރުކާރުން އިސްނަގައިގެން ކަރަންޓު ބިލުތަކަށް ދިން ލުޔަކީ އޭރު ގިނަ ބަޔަކު އުފަލާއެކު ބަލައިގަތް ކަމެކެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނިންމެވުމާ އެއްގޮތަށް ކޮންމެ ގޭބިސީއެއްގެ ބިލުން 400 ރުފިޔާ އުނިކޮށްދިނުމުން، ގިނަ ބަޔަކަށް ހީވީ މިއީ ދާއިމީ ތަސައްލީއެއްގެ ފެށުން ކަމަށެވެ. ނަމަވެސް ރޯދަމަސް ނިމި، ޖެހިގެން އައި މަހުގެ ބިލުތައް އަތަށް އެރުމާއެކު މުޅި މަންޒަރު މިވަނީ ބަދަލުވެފައެވެ. އާންމު ރައްޔިތުންގެ ސޯޝަލް މީޑިއާ ޕޯސްޓުތަކުންނާއި ޝަކުވާތަކުން އެނގެނީ، ކުރީ މަހު "ދިން" 400 ރުފިޔާގެ ލުޔަށްވުރެ މާ ބޮޑު އަދަދެއް މި މަހުގެ ބިލުގައި އިތުރުވެފައިވާ ކަމެވެ. ގިނަ ބަޔަކު ސިފަކުރާ ގޮތުގައި މިއީ "އެއް އަތުން ދީފައި އަނެއް އަތުން ފޭރުމެއް" ފަދަ ކަމެކެވެ.
ފެނަކައިން އަތޮޅުތެރޭގެ ރަށްތަކަށް ފޮނުވި ބިލުތަކަށް ބަލާއިރު، ކުރިން 1،000 ރުފިޔާ ނާރާ ގޭގޭގެ ބިލުތައް މިވަނީ 3،000 އިން މައްޗަށް އަރާފައެވެ. މިއީ އެއްވެސް ބުއްދިއަކަށް ގަބޫލުކުރެވޭނެ ފަދަ ނަންބަރުތަކެއް ނޫނެވެ. ރައްޔިތުންގެ ޖީބަށް ބުރަވެ، ދިރިއުޅުމުގެ ޚަރަދުތައް އިންތިހާއަށް އުފުލިފައިވާ ދަނޑިވަޅެއްގައި، ކަރަންޓު ބިލުން މިފަދަ ބޮޑު "ވައްކަމެއް" ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. ކުންފުނިތަކުން ހޫނު މޫސުމުގެ ބަހަނާ ދެއްކި ނަމަވެސް، އާންމުން ތުހުމަތުކުރާ ގޮތުގައި މިއީ ސަރުކާރުން ރޯދަމަހު ދިން ޑިސްކައުންޓު އަނބުރާ ހޯދުމަށް ގަސްތުގައި ކުރާ ކަމެކެވެ. ބިލުތައް ދެގުނަ، ތިންގުނަ ބޮޑުވުމަކީ ހަމައެކަނި އޭސީއެއް އިތުރަށް ޖެއްސުމުން ވާނެ ކަމެއް ނޫންކަމަށް ގިނަ ބަޔަކު ބުނަމުންދެއެވެ.
މި މައްސަލައިގައި ސަރުކާރަށް އަމާޒުވާ ފާޑުކިޔުންތައް ވަނީ އިތުރުވެފައެވެ. ސިޔާސީ މަންފާއަކަށްޓަކައި ވަގުތީ ލުޔެއް ދެއްކުމަށްފަހު، ރައްޔިތުންގެ ކަރުގައި ހިފާލީ އެއްވެސް ރަހުމެއް ނެތިކަން ބިލުތަކުގެ ސްކްރީންޝޮޓްތަކުން ހާމަވެއެވެ. އާންމު ރައްޔިތުންގެ މެދުގައި އުފެދިފައިވާ އެންމެ ބޮޑު ސުވާލަކީ، ހަގީގަތުގައި ވެސް ބޭނުންކުރި މިންވަރަށްވުރެ އިތުރަށް ބިލު ކުރަނީތޯ ނުވަތަ މީޓަރުތަކުގެ ރީޑިންގަށް ބަދަލު ގެންނަނީތޯއެވެ؟ ކޮންމެއަކަސް، "ހެޔޮ އަގު" ކިޔާފައި ރައްޔިތުން ބިކަކޮށްލުމަކީ ބޮޑުވެގެންވާ ބޭއިންސާފެކެވެ. މިއަދު ރައްޔިތުން ތިބީ ރޯދަމަހު ލިބުނު 400 ރުފިޔާގެ "ހަދިޔާ" އަށްވުރެ ބޮޑަށް، މި މަހު ދައްކަން ޖެހުނު ބޮޑު ބިލުގެ ސަބަބުން ގޮތް ހުސްވެފައެވެ.










