March 17, 2026
Advertisement
-
- / ތޭރަގްރެފިކްސް

ބިލްތައްވަނީ ބޮޑު، ހިފާގެންގުޅޭ ސާމާނު ވަނީ ހަލާކު، ސަރުކާރުން ދައްކަނީ އުޒުރު

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Aug 11, 2025, 12:12 AM
މާލެ ސިޓީ

ރައީސް މުއިއްޒުގެ ސަރުކާރުންވެރިކަމާ ހަވާލުވި ފަހުން، ރާއްޖޭގެ އެކި ސަރަހައްދުތަކުން ވަކިން ޚާއްސަކޮށް މާލެ ސަރަހައްދުން ކަރަންޓު ކެނޑުމަކީ، ދިވެހި ރައްޔިތުންނަށް މިހާރު ކުރިމަތިވެފައިވާބޮޑު ކާރިސާއަކަށް ވަނީ ވެފައެވެ. އާންމު ދިރިއުޅުމާއި، ވިޔަފާރީގެ މަސައްކަތްތަކާއި، ޒަރޫރީ ޚިދުމަތްތަކަށް ހުރަސް އެޅެމުންދާ ބޮޑު މައްސަލައެކެވެ.

Advertisement

ޓެކްނިކަލް މައްސަލަތައް އިންޖީނުތަކަށް ދިމާވުން މިހާރު އާންމުކަމަށް ވެފައިވާއިރު މިފަދަ "ފެއިލިއާ"ތަކުގެ ސަބަބުން ސިއްހީ ފަރުވާ ދޭ ތަންތަނާއި، ސްކޫލްތަކާއި، ފިހާރަތަކާއި މި ނޫންވެސްރައްޔިތުންނަށް ޚިދުމަތްދޭ ތަންތަނަށް ބުރޫއަރާ ބޮޑެތި ގޮންޖެހުންތަކާއި އަންނަނީ ތަހައްމަލުކުރަމުންނެވެ. ކޮންމެ ތަނަކީ ބެކަޕް ޖަނެރޭޓްތައްބަހައްޓައިގެން އޮޕަރޭޓް ކުރާ ތަންތަނަށް ނުވާ އިރު ސަރުކާރުން ކަރަންޓްގެ ޚިދުމަތްތަކަށް މިފަދައިން ބުރޫ އަރުވަމުން ދިއުމުގެ ސަބަބުން ބައިވަރު ޑޭޓާތައް ގެއްލި އެފަދަ ޑޭޓާތައް އަނބުރާ ނުލިބުމުގެ އެތަކެއް ޝަކުވާތަކެއް ރައްޔިތުން އަންނަނީ ކުރަމުންނެވެ. ނަމަވެސް ކޮންމެ ފަހަރަކުވެސް ސަރުކާރުން ރައްޔިތުންގެ އަނގަ ބަންދުކޮށްލަނީ ހުރިހާ މައްސަލައެއް މިހާރު ހައްލުވެފައިވާ ކަމަށް ބުނެއެވެ.

ސްޓެލްކޯއިން ގިނަ އަދަދުތަކަށް ކަރަންޓު ކެނޑުން "ޓެކްނިކަލް މައްސަލަތަކާ" ގުޅުވާލާފައިވާއިރު، ރައީސްމުއިއްޒު ކޮންމެ ފަހަރަކު އެކަމަށް މިފަދަ މައްސަލަތަކަށް އަވަސް ޖަވާބެއް ރައްޔިތުންނަށް ދިނުމަށް ބުނެ ސްޓެލްކޯއަށް އިން ހުރިހާ ޒިންމާއެއް ނަގަން ޖެހޭކަމަށް ރައްޔިތުންނަށް ސިފަކޮށްދެމުންނެވެ. ކަރަންޓްގެ މައްސަލަ މިހާ ބޮޑުވެފައިވާއިރު ރައްޔިތުންގެ އަނެއް ޝަކުވާއަކީ ކަރަންޓް ބިލު ކޮންމެ މަހަކުވެސް ބޮޑުވާ މައްސަލައެވެ. ދިވެހި ތާރީޚުގައިވެސް މިހާރު ބިލު ބޮޑުވާ ވަރަށް ކަރަންޓް ބިލު ބޮޑު ނުވާ ކަމަށް ބުނެ ގިނަ ފަރާތްތަކުން ނުރުހުން ފާޅުކުރާއިރު މިކަމަށްވެސްއެދެވޭ ހައްލެއް މިހާތަނަށް ވަނީ ނުލިބިފައެވެ.

ރައްޔިތުންނަށް "ޑިސްކައުންޓް"ގެ ނަމުގައި އޮޅުވާލަމުން އަންނައިރު މިފަދައިން ކަރަންޓް ބިލުން ޑިސްކައުންޓް ދީފިއްޔާ ޖެހިގެން އަންނަ މަހު ދެގުނަ ބިލަށް އަރުވާލައެވެ. ދިވެހިން ބުނަމުން އަންނަނީ ހަމަ ތެދެއްކަން މިހާރު ޔަގީނެވެ. މިއީ ރައްޔިތުން ފެލައިގެން ހިންގަމުން އަންނަ ވެރިކަމެކެވެ. ރައްޔިތުންގެ ފައިސާއިން ސަރުކާރުގެ ބޮޑުން މަޖާ ނަގަމުން އަންނައިރު ނިކަމެތި ރައްޔިތުން ބިލުތައް ދައްކާ ޒަރޫރީ ބޭނުންތައް ފުއްދަން މިޖެހެނީ ބޮލުގައި އެތަކެއް ލޯނުތަކެއް އެޅުމަށްފަހުގައެވެ.

ރައްޔިތުންގެ ބޭނުންތައް ވަރަށް ސާފެވެ. ސްޓެލްކޯ ފަދަ މުއައްސަސާތައް ރަނގަޅަށް އޮޑިޓް ކުރެވި، ޚިދުމަތްތަކުގެ ބެކަޕް ޕްލޭންތައް ރަނގަޅަށް ގާއިމުކުރެވި، އިންޖީނުތަކާއި އެހެނިހެން އާލާތްތައް ބަރާބަރަށް މެއިންޓެއިނެންސް ކުރެވި ރައްޔިތުންގެ ޖީބަށް ލުއިވާނެ ފަދަ ގޮތްތަކަށް ސިޔާސަތުތައް ބައްޓަން ކުރުމެވެ. ކަރަންޓް ބިލުގެ އިތުރުން، ކަރަންޓް ދިއުމުން ހަލާކުވާ ސާމާނުތައް ގަންނަން ދެ ގުނަ ރައްޔިތުން ޚަރަދު ކުރަންއެބަޖެހެއެވެ. މި ހުރިހާ ފައިސާއެއް ރައްޔިތުން ހޯދަނީ ކޮންތާކުންތޯއެވެ. ސަރުކާރުގެ ބޮޑުންނަށް "އެހެނިހެން" ގޮތްގޮތުން އެކައުންޓަށް މިލިއަނުން ރުފިޔާ ޖަމާވިޔަސް ނިކަމެތި ރައްޔިތު މީހާ އެ ފައިސާ ހޯދާނީ ކޮންތާކުންތޯއެވެ؟ މުއިއްޒުގެ ދޯހަޅި ސިޔާސަތުތަކާއި ނާގާބިލުކަމުގެ ހުރިހާ ތަކުލީފެއް އުފުލަން މިޖެހެނީ އާންމު ރައްޔިތު މީހާއެވެ. ސަރުކާރުގެ ވެރިން އެއް ގައުމުން އަނެއް ގައުމަށް ދަތުރުކުރަމުން ދާއިރު ދިވެހި ގައުމު މިއޮތީ ކަނު އަނދިރީގައެވެ. މިއީވާ ސަރުކާރެކެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved