

މާލޭ އޭރިޔާއިން އާދީއްތަ ދުވަހު ކަރަންޓު ކެނޑުނު މައްސަލައިގައި ފުލުހުން ކުރިއަށް ގެންދާ ތަހުގީގުގެ އިތުރު ތަފުސީލެއް އަދި ނެތް ކަމަށް ފުލުހުން ބުނެފި އެވެ.
އެ މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި ނަމަވެސް އަދި މިކަމާއި ބެހޭ އިތުރު ތަފުސީލެއް އަދި ނެތް ކަމަށް ވަނީ ވިދާޅުވެފަ އެވެ.
ކަރަންޓު ކެނޑުނު ހާދިސާއާ ގުޅިގެން ފުލުހުންގެ އިތުރުން ސިފައިން ވެސް އެ ދުވަހު ހުޅުމާލޭގައި ހުންނަ ސްޓެލްކޯގެ އިމާރާތުގައި ހަރަކާތްތެެރިވި އެވެ. ނަމަވެސް ސިފައިން އެތަނުގައި އެ ދުވަހު ހަރަކާތްތެެރިވީ ކޮން ސަބަބަކާ ހުރެ ކަމެއް ހާމަވެފައެއް ނުވެއެވެ.
އެއާޕޯޓު ހިމެނޭހެން މާލެ އާއި ހުޅުމާލެއިން ކަރަންޓު ކެނޑުނީ އާދީއްތަ ދުވަހުގެ މެންދުރު 12:30 ހާއިރު އެވެ. އެންމެ ފުރަތަމަ ކަރަންޓު ދިނީ ހޮސްޕިޓަލްތަކަށެވެ. އޭރު ގަޑިން ގާތްގަނޑަކަށް 2:05 ވެއްޖެ އެވެ. އޭގެފަހުން 2:30 ހާއިރު އެއާޕޯޓަށް ކަރަންޓު ދިނެވެ.އަދި އެއަށް ފަހު މާލޭގެ އެކި ސަރަހައްދުތަކަށް ކަރަންޓު ދެމުންދާ ކަމަށް ސްޓެލްކޯއިން ހާމަކުރި އެވެ. އެގޮތުން 16:30 ހާއިރު މާލެ ސިޓީގެ 60 ޕަސެންޓަށާއި ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސަށް ކަރަންޓު ދެވިފައިވާ ކަމަށް ސްޓެލްކޯއިން ހާމަކުރި އެވެ.
އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަން ސަރުކާރުން އަންގަވާފައިވާއިރު، ކަރަންޓު ކެނޑެން މެދުވެރިވި އަސްލު ސަބަބު ވެސް ސްޓެލްކޯއިން އަދިވެސް ހާމައެއް ނުކުރެ އެވެ.