
ދުނިޔޭގެ މުހިއްމު އެއް ޝިޕިން ރޫޓު ކަމަށްވާ ބާބް އަލް މަންޑޭބް ސްޓްރެއިޓް އިން އިސްރާއީލާ ގުޅުން ހުރި އެއްވެސް އުޅަނދެއް ދަތުރުކުރުން ސޯމާލިއާ ސަރުކާރުން މަނާކޮށްފިއެވެ. މި ނިންމުމަކީ ސަރަހައްދީ މަސްލަހަތާއި އިސްރާއީލުގެ އަމަލުތަކާ ގުޅިގެން އެޅި ފިޔަވަޅެއް ކަމަށް ބެލެވެއެވެ.
ބާބް އަލް މަންޑޭބް އަކީ ރަތް ކަނޑާއި އިންޑިއާ ކަނޑު ގުޅުވައިދޭ މުހިއްމު މަގަކަށް ވާއިރު، މި ސަރަހައްދުން ދަތުރުކުރާ އިސްރާއީލުގެ ވިޔަފާރި އުޅަނދުތަކަށް މި ނިންމުމުގެ ސަބަބުން ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހޭނެއެވެ. ސޯމާލިއާގެ މި ނިންމުމާއެކު އެ ސަރަހައްދުގެ ކަނޑުގެ ދަތުރުފަތުރުގެ ރައްކާތެރިކަމަށް އާ ބަދަލުތަކެއް އަންނާނެ ކަމަށް މުހައްލިލުން ލަފާކުރެއެވެ.
ފަހަކަށް އައިސް ބައިނަލްއަގުވާމީ މައިދާނުގައި ގިނަ ގައުމުތަކަކުން އަންނަނީ އިސްރާއީލާ ދެކޮޅަށް ތެދުވަމުންނެވެ. އެގޮތުން އިސްރާއީލުން ހިންގަމުންދާ އަމަލުތަކާ ގުޅިގެން ގައުމުތަކުން މައުލޫމާތު އެއްކޮށް، އެކި ކަހަލަ ދަތިކުރުމުގެ ފިޔަވަޅުތައް އަޅަމުންދާކަން ފާހަގަކުރެވެއެވެ.
މިފަދަ ފިޔަވަޅުތަކުގެ ސަބަބުން އިސްރާއީލުގެ އިގްތިސާދަށާއި ބައިނަލްއަގުވާމީ ވިޔަފާރީގެ ގުޅުންތަކަށް ބޮޑެތި އަސަރުތަކެއް ކުރާނެ ކަމަށް ބެލެވެއެވެ. ސޯމާލިއާއަކީ މިފަދަ ހަރުކަށި ފިޔަވަޅެއް އެޅި އެއް ގައުމަށް ވާއިރު، ކުރިއަށް އޮތް ތަނުގައި އިތުރު ގައުމުތަކުންވެސް މިފަދަ ނިންމުންތައް ނިންމުމަކީ އެކަށީގެންވާ ކަމެކެވެ.










